28 May 2024, 06:46
މުޅިން ތަފާތު ކާސްޓަކާ އެކު މިދިޔަ އަހަރު ދަރުމާ ޕްރޮޑަކްޝަނުން އިއުލާނުކުރި ފިލްމު "ދަޅަކް2" މި އަހަރުގެ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ނިންމައިފިއެވެ.
ފިލްމު "ދަޅަކް2"ގެ ނަމުގައި ގެނެސްދޭ ފިލްމުގެ ޑައިރެކްޓަރަކީ އަލަށް ޑައިރެކްޝަނަށް ނުކުންނަ ޝާޒިއާ އިޤްބާލެވެ. ޝާޒިއާ މީގެ ކުރިން ޕްރޮޑަކްޝަން ޑިޒައިނަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ މަގުބޫލު ފިލްމުތަކުގެ ތެރޭ ނެޓްފްލިކްސްއިން ގެނެސްދިން މަގުބޫލު ސީރީޒް "ސެކްރެޑް ގޭމްސް" އަދި އެންތޮލޮޖީ ފިލްމު "ލަސްޓް ސްޓޯރީސް" ހިމެނެއެވެ.
ވަރަށް ރީތި ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް ގެނެސްދޭ ފިލްމު "ދަޅަކް2"ގެ ލީޑް ރޯލުން ފެންނާނީ ޒުވާން ދެ ފިލްމީ ތަރިން ކަމަށްވާ ސިދާތު ޗަތުރުވެދީ އަދި ތުރިޕްތީ ދިމްރީއެވެ. މިއީ މި ދެތަރިން އެކީގައި ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމު ވެސް މެއެވެ.

ފިލްމު "ދަޅަކް"ގެ މަންޒަރެއްގައި ޖާންވީ ކަޕޫރު އަދި އިޝާން ހައްތަރު--ފޮޓޯ/ބޮލީވުޑްހަންގާމާ
މި ފިލްމަކީ 2018ވަނަ އަހަރު ދަރުމާ ޕްރޮޑަކްޝަންސްއިން ގެނެސްދިން ފިލްމު "ދަޅަކް"ގެ ސީކުއަލްއެއް ނަމަވެސް ކުރީގެ ފިލްމުގެ ވާހަކައާއި ކާސްޓާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށް ދަރުމާއާ ހަވާލާދީ ރިޕޯޓުތަކުން ބުނެއެވެ.
ދަރުމާގެ މަގުބޫލު ޑައިރެކްޓަރު ޝިޝާންކު ޑައިރެކްޓްކުރި ފިލްމު "ދަޅަކް"އަކީ ބަތަލާ ޖާންވީ އަދި ފިލްމީ ތަރި އިޝާން ހައްތަރު ބޮލީވުޑަށް ތައާރަފުކުރި ފިލްމެވެ. އެ ފިލްމަކީ 2016ވަނަ އަހަރު ރިލީޒްކުރި މަރާޓީ ފިލްމު "ސައިރާތު" އަސްލަކަށް ބަލައިގެން އުފެއްދި ފިލްމެކެވެ. ފިލްމު "ދަޅަކް"އަށް ބެލުންތެރިން ލޯތްބާ އެކު ބަލައިގަނެފައިވާތީ ދަރުމާއިން މި ފިލްމުގެ ސީކުއަލް ނިންމީ މިދިޔަ އަހަރުގެ އޭޕްރިލް މަހުއެވެ.
މިދިޔަ އަހަރު ރިލީޒްކުރި ރަންބީރު ކަޕޫރުގެ ފިލްމު "އެނިމަލް"އިން ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ބަތަލާ ތުރިޕްތީ ދިމްރީ މި އަހަރު ތެރޭ ދަރުމާގެ އިތުރު ފިލްމަކުން ބެލުންތެރިންނަށް ފެންނާނެއެވެ. އެއީ، މި އަހަރުގެ ޖުލައި މަހު ރިލީޒްކުރާ ފިލްމު "ބޭޑް ނިއުސް"އިންނެވެ.
ވަރަށް އުއްމީދީ ކެރިއަރެއް ފިލްމު އިންޑަސްޓްރީގައި އޮތް ޒުވާން ބަތަލާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭ ރާޖް ކުމާރު ރާއޯއާ އެކު ކުޅޭ ފިލްމެއްގެ އިތުރުން މި އަހަރުގެ ނޮވެމްބަރު މަހު ރިލީޒްކުރާ ފިލްމު "ބޫލް ބުލައްޔާ3" ހިމެނެއެވެ. ތުރިޕްތީއާ އެކު "ދަޅަކް3"އިން ފެންނަ އެކްޓަރު ސިދާތު އެންމެ ފަހުން ކުޅުނު ފިލްމަކީ "ކޯ ގަޔޭ ހަމް ކަހާ"އިންނެވެ.