ބޮލީވުޑްގެ އެންމެ އުއްމީދީ ބަތަލާއިންގެ ތެރޭ ހިމެނޭ ޒުވާނާ އަނަންޔާ ޕާންޑޭގެ ކެރިއަރުގެ ފުރަތަމަ ވެބް ސީރީޒް "ކޯލް މީ ބޭ" ރިލީޒްކުރުން މި އަހަރުގެ ސެޕްޓެމްބަރު މަހަށް ތާވަލުކޮށްފިއެވެ.

ޑައިރެކްޓަރު ކަރަން ޖޯހަރުގެ ދަރުމާއިން ގެނެސްދިން "ސްޓޫޑިއަންޓް އޮފް ދަ އިއަ2"ގެ ބަތަލާގެ ވެބް ސީރީޒް އެމޭޒަން ޕްރައިމްގައި ޕްރިމިއާކުރާނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަވަނަ ދުވަހުން ފެށިގެންނެވެ.

މި ވެބް ސީރީޒްއަކީ ދަރުމާ ކުންފުނީގެ ވެބް ކޮންޓެންޓް އުފައްދާ ދަރުމެޓިކް އެންޓަޓެއިންމަންޓްގެ އުފެއްދުމެކެވެ. މި ވެބް ސީރީޒްއަކީ ފެޝަންގެ ދުނިޔޭގެ ވަރަށް ގިނަ ތަޖުރިބާތަކާ އެކު ގްލެމާ ދުނިޔޭގައި މަސައްކަތް ކުރާ ޒުވާން ނުފޫޒުގަދަ އަންހެން ކުއްޖެއްގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ސީރީޒްއެކެވެ.

ބަތަލާ އަނަންޔާ ފިލްމު "ކޯ ގަޔޭ ހަމް ކަހާ"ގެ މަންޒަރެއްގައި--ފޮޓޯ/ޕިންކްވިލާ

އަނަންޔާއާ އެކު "ކޯލް މީ ބޭ"އިން ފެންނާނެ އިތުރު ތަރިންގެތެރޭ ވީރް ދާސް، ގުރުފަތޭހް ޕިރުޒާދާ، ވަރުން ސޫދު، ވިހާން ސަމާތު، މުސްކާން ޖަފްރީ އަދި މިނީ މާތުރު ހިމެނެއެވެ. ކަރަން ޖޯހަރު ޕްރޮޑިއުސަރެއްގެ ދައުރު ކުޅޭ މި ވެބް ސީރީޒްއަކީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ކޯ ގަޔޭ ހަމް ކަހާ"އަށް ފަހު އަނަންޔާ ބެލުންތެރިންނަށް ފެންނާނެ ފުރަތަމަ ފިލްމެވެ.

އަނަންޔާ މި އަހަރު އިތުރު ދެ ފިލްމެއްގެ މަސައްކަތް ފަށާފައިވާއިރު އޭގެ ތެރެއިން ފިލްމު "ޝަންކާރާ"ގެ ނަމުގައި އުފައްދާ ފިލްމަކީ އަކްޝޭ ކުމާރުއާ އެކު އަނަންޔާ ފެންނާނެ ފިލްމެކެވެ. އަނެއް ފިލްމަކީ ޑައިރެކްޓަރު ވިކްރަމްއަދިތްޔާ މޮތްވާނާ ޑައިރެކްޓްކުރާ ސައިބަ ތުރިލާއެކެވެ. މި ފިލްމު ވަނީ ޕޯސްޓު ޕްރޮޑަކްޝަން މަރުހަލާގައެވެ.