ހދ. ހަނިމާދޫގައި ގާއިމުކޮށްފައިވާ ބިންހެލުން ރިކޯޑު ކުރާ މީޓަރަށް މިރޭ ލޮޅުމެއްގެ އަސަރު ކޮށްފައިވާކަން ރެކޯޑު ކުރެވިފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.

އެ އޮފީހުން ބުނީ، ހދ. އަތޮޅުގެ ބައެއް ރަށްތަކުގެ ބިންގަނޑަށް ލޮޅުމެއް އައި ކަމުގެ ރިޕޯޓުތައް މިރޭ ލިބިފައިވާ ކަމަށެވެ.

އެ ރިޕޯޓުތަކާ ގުޅިގެން މިހާތަނަށް ބެލިބެލުމުން ހދ. ހަނިމާދޫގައި ގާއިމުކޮށްފައިވާ ބިންހެލުން ރިކޯޑު ކުރާ މީޓަރަށް ރާއްޖެ ގަޑިން މިރޭ 8:27 ހާއިރު ލޮޅުމެއްގެ އަސަރު ކޮށްފައިވާކަން ރެކޯޑު ކުރެވިފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.

އެހެން ނަމަވެސް އޭގެ ސަބަބުން ރާއްޖެއަށް ނުރައްކަލެއް ކުރިމަތިވާނެ ކަމަށް ލަފައެއް ނުކުރެވޭ ކަމަށް އެ އޮފީހުން ބުންޏެވެ.

ރާއްޖޭގެ އުތުރުގެ ކަނޑުގެ ސަރަހައްދަށް ބިންހެލުމެއް އައިސްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި މިރޭ ޕޯސްޓުތަކެއް ދައުރުވިއެވެ. އެކަމާ ގުޅިގެން ބައެއް މީހުން ބިރުވެރިކަމާއި، ކަންބޮޑުވުން ފާޅުކުރިއެވެ.