27 May 2024, 19:37
ދެ ގައުމުގެ ދެމެދުގައި ފަތުރުވެރިކަން ކުރިއެރުވުމަށް މޯލްޑިވްސް އެސޯސިއޭޝަންސް އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)އިން އިންޑިއަން އެސޯސިއޭޝަން އޮފް ޓުއާ އޮޕަރޭޓާސް (އަޔާޓޯ)އާއެކު މިއަދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމާ ގުޅުން ހުރި މައުލޫމާތު ހާމަކޮށް މަޓާޓޯއިން ނެރުނު ބަޔާނެއްގައި ބުނީ، މި އިސްތިރާޖީ ގުޅުމުގެ މަގުޞަދަކީ ފަތުރުވެރިކަން ކުރިއަރުވައި، އެ ސިނާއަތުން ގާތް ގުޅުމެއް ބާއްވައި ދެ ގައުމުގެ ކުރިއެރުމަށް މަސައްކަތް ކުރުން ކަމަށެވެ.
އެ އެއްބަސްވުމުގެ މުހިންމު މަގުސަދުތަކުގެ ތެރޭގައި:
ޖޮއިންޓް މާކެޓިން އިނިޝިއޭޓިވް މެދުވެރިކޮށް ބައިލެޓަރަލް ޓޫރިޒަމް ކުރިއެރުވުން
- ޚިދުމަތުގެ މިންގަނޑުތަކާއި އޮޕަރޭޝަނަލް އެފިޝަންސީތައް ރަނގަޅު ކުރުމަށް އުސޫލުތައް ހިއްސާކުރުން
- ދެ ފަރާތުން ގުޅިގެން އިވެންޓުތަކާއި ރޯޑްޝޯ އަދި ފެއާތައް އިންތިޒާމް ކުރުން
- ދެ ގައުމަށް ފައިދާ ހުރި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ އުސޫލުތައް ޕްރޮމޯޓްކުރުން
- ވަސީލަތްތައް ބޭނުންކޮށްގެން ދަތުރުފަތުރާއި ސަގާފީ ކަންކަމަށް ފުރުސަތުތައް މަގުފަހިކުރުމާއި އުފެއްދުން
މީގެއިތުރުން، އެމްއޯޔޫގައި ސޮއިކުރުމަށްފަހު މަޓާޓޯއިން ވަނީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު ހިޒް އެކްސެލެންސީ މުނޫ މަހާވަރާ ބައްދަލުކޮށްފައެވެ.
މަޓާޓޯއިން ބުނި ގޮތުގައި، ކުރިއަށް އޮތް ރޯޑްޝޯއަކީ ރާއްޖޭގެ ފަތުރުވެރިކަން އިންޑިއާއަށް ދެއްކުމަށް ފަރުމާކޮށްފައިވާ އިވެންޓެކެވެ. އަދި، އެންމެ ރަނގަޅު ދަތުރުފަތުރުތައް އޮންނަ މުމްބާއިއާއި ނިއުދިއްލީގެ އިތުރުން ބެންގަލޫރުފަދަ ބޮޑެތި ސިޓީތަކުގައި މި ރޯޑްޝޯ ބޭއްވުމަށް ނިންމާފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.
އިންޑިއާއަކީ 2021 ވަނަ އަހަރާއި 2022 ވަނަ އަހަރާއި 2023 ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި މާކެޓެވެ. އެއީ އަހަރެއްގެ މައްޗަށް ދެ ލައްކައަށް ވުރެން ގިނަ ޓޫރިސްޓުން އެ ގައުމުން ރާއްޖެއަށް ޒިޔާރަތް ކޮށްގެންނެވެ.
ނަމަވެސް މި އަހަރު އިންޑިއާ ފަތުރުވެރިން އަންނަ މިންވަރު ވަނީ މަދުވެފައެވެ، ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން، އެ ގައުމުން އަހަރުގެ މިހާތަނަށް އައިސްފައި ވަނީ 51,536 ފަތުރުވެރިންނެވެ.
މިދިޔަ ޖެނުއަރީ މަހު ޔޫތު މިނިސްޓްރީގެ ތިން ނައިބު ވަޒީރުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާއާއި އަބްދުﷲ މަހްޒޫމް މާޖިދު ވަނީ އިންޑިއާ އާއި އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްކޮށް ވާހަކަދައްކަވައިފައެވެ.
އެއަށްފަހު އިންޑިއާގެ ނުފޫޒުގަދަ ބައެއް ފިލްމީ ތަރިން ހިމެނޭހެން ވަނީ ރާއްޖެ ބޮއިކޮޓުކުރަން ގޮވާލައި ހަރަކާތެއް ފަށާފައެވެ.