27 May 2024, 11:17
ބައެއް ކުންފުނިތަކުން ސައްހަ ނޫން ލިޔެކިޔުންތައް ހުށަހަޅައިގެން ބަންގްލަދޭޝްގެ މަސައްކަތްތެރިން އެތެރެކުރާ މައްސަލައިގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށް ކަމަށާއި އެހެންވެ އެ ގައުމުން މަސައްކަތްތެރިން ގެނައުމުގެ ހުއްދަ އަލުން ދެވޭނެ ތާރީޚެއް ނޭނގޭ ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފިއެވެ.
ސައްހަ ނޫން ލިޔެކިޔުން ހުށަހަޅައިގެން ބަންގްލަދޭޝް މަސައްކަތްތެރިން އެތެރެކުރާތީ، އެ ގައުމުން މަސައްކަތްތެރިން ގެނައުން ހުއްޓައިލިކަން މިނިސްޓްރީން ހާމަ ކުރީ މީގެ ހަފުތާއެއް ކުރިންނެވެ. މިނިސްޓްރީން އޭރު ބުނީ، އެއް މަސް ކުރިން ފެށިގެން ބަންގްލަދޭޝްގެ މަސައްކަތްތެރިން ގެނައުން ހުއްޓާލައިފައިވާ ކަމަށެވެ.
އެ ކަމާ ގުޅިގެން ހޯމް މިނިސްޓްރީގެ ތަރުޖަމާނު ފާތިމަތު ރިފާތު މިއަދު 'ސަން'އަށް ވިދާޅުވީ، ބަންގްލަދޭޝް މަސައްކަތްތެރިން އަލުން ގެންނަން ފެށޭނީ ގަވާއިދާ ޚިލާފަށް ބިދޭސީން އެތެރެކުރަމުންދާ މައްސަލައިގައި މިހާރު އެ މިނިސްޓްރީން ކުރަމުން އަންނަ ތަހުގީގަށް ފަހުގައި ކަމަށެވެ.

ނުގަވާއިދުން އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން ފިންގާ ޕްރިންޓާއި ފޮޓޯ ނެގުމުގެ މަސައްކަތް އަމަލީ ގޮތުން ފެށުން -- ސަން ފޮޓޯ/ މޫސާ ނަދީމް
ގާނޫނުގައި ބުނާ ގޮތުން އެއް ގައުމަކުން އެންމެ ގިނަވެގެން އަންސްކިލްޑް ލޭބަރުން ގެނެވޭނީ 100،000 އެވެ.
އެހެންވެ، މިދިޔަ ސަރުކާރުގައި 2019 ވަނަ އަހަރު ވަނީ ބަންގްލަދޭޝްއިން އަންސްކިލްޑް ލޭބަރުން ގެނައުން މަނާކޮށްފައެވެ. އެކަމަކު، ވެރިކަން ބަދަލުވުމަށް ފަހު، މިދިޔަ ޑިސެމްބަރުގައި މި ސަރުކާރުން ވަނީ ބަންގްލަދޭޝްއިން އަންސްކިލް ލޭބަރުން ގެންނަން އަނެއްކާ ވެސް ހުޅުވާލައިފައެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވިދާޅުވީ، ރާއްޖެއަށް ބަންގްލަދޭޝްއިން އަންސްކިލްޑް ލޭބަރުން ގެންނަން ދޫކުރާ ވޯކް ޕާމިޓްގެ ތެރެއިން އެކްޓިވް ޕާމިޓްގެ ގޮތުގައި މިހާރު ވެސް 135،149 ޕާމިޓު އެބަހުއްޓެވެ.
އެކަމަކު، ބަންގްލަދޭޝްއިން އަންސްކިލްޑް ލޭބަރުން ގެންނަން ހުޅުވާލީ ޑިސެމްބަރު 17، 2023ގެ ނިޔަލަށް ބަންގްލަދޭޝް މަސައްކަތްތެރިންގެ އަދަދު 90،624 ގައި ހުރުމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި، 100،000 އަށް އެރުމުން މަސައްކަތްތެރިން އިތުރަށް ނުގެނެވޭނެ ކަމަށް ވެސް އިހުސާން މީގެ ކުރިން ވިދާޅުވިއެވެ.
ރާއްޖެއަށް ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އިތުރުވާ މައްސަލަ ވަރަށް ބޮޑެވެ. އެހެންވެ، ހޯމް މިނިސްޓްރީން ވަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ގެންނަން "އޮޕަރޭޝަން ކުރަނގި"ގެ ނަމުގައި ޚާއްސަ އޮޕަރޭޝަނެއް ފަށައިފައެވެ.
އެގޮތުން މިހާތަނަށް 720 އަށް ވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ ވަނީ އެއްކޮށްފައެވެ.
އެ އޮޕަރޭޝަން ނިމުމުން ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ ފެންނަން ހުންނާނެ ކަމަށް މިނިސްޓަރު އިހުސާން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.