ބޮލީވުޑްގެ އެކްޓަރު ސޯނޫ ސޫދު އަލަށް ޑައިރެކްޝަނަށް ނުކުންނަ ފިލްމު "ފަތޭހް"ގެ ވަރަށް މުހިންމު އަދި ޝައުގުވެރި ރޯލަކަށް ދުވަސްވީ އެކްޓަރު ނަސީރުއްދީނު ޝާހު ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ނަސީރުއްދީނު ޝާހު ފިލްމުގައި ފެންނާނީ އިންޓަނެޓް ބޭނުންކޮށްގެން ތަފާތު އެކި އެޕްލިކޭޝަންތަކާއި ޑިވައިސްތައް ހެކްކުރާ ކުޅަދާނަ ހެކަރެއްގެ ރޯލުންނެވެ.

ފިލްމުގައި ނަސީރުއްދީނު ކުޅެން ލިބުނު ފުރުސަތާ ބެހޭގޮތުން ވާހަކަދައްކަމުން އެކްޓަރު ބުނީ ޓްކްނޮލޮޖީގެ ދުނިޔޭގެ ހަގީގަތް ހާމަކޮށް ނަހަމަ ގޮތުގައި އެ ދާއިރާގެ ބޭނުން ހިފާ މީހުންގެ ވާހަކަ ކިޔައިދޭ ފިލްމަކުން ފުރުސަތު ލިބުމުން ވަރަށް އުފާވި ކަމަށެވެ. ހަމައެއާ އެކު ފިލްމުގެ ސްކްރިޕްޓް ވެސް ވަރަށް ޝައުގުވެރިވެފައި ބެލުންތެރިންނަށް ވަރަށް ކަމުދާނެ ކަމަށް ނަސީރުއްދީނު ޝާހު ވަނީ ބުނެފައެވެ.

ބަތަލާ ޖެކްލީން އަދި ސޯނޫ ސޫދު ފިލްމު 'ފަތޭހް'ގެ މަންޒަރެއްގައި -- ފޮޓޯ/އިންޑިއާފޯރަމްސް

ފިލްމުގައި ނަސީރުއްދީނު ޝާހު ފެންނާނެ ގޮތާއި އެކްޓަރު ކުޅޭ ރޯލުގެ ބުރަދަން ހުރިވަރު އާއްމުންނަށް އެނގޭނީ ފިލްމުގެ ޓްރެއިލާ ރިލީޒްކުރުމުން ކަމަށް ސޯނޫއާ ހަވާލާދީ މީޑިއާތަކުން ވަނީ ބުނެފައެވެ.

މިދިޔަ އަހަރު ޝޫޓިން ފަށާފައިވާ މި ފިލްމުގެ ލީޑް ތަރިންނަކީ ސޯނޫ ސޫދުގެ އިތުރުން ބަތަލާ ޖެކްލީން ފެނާންޑެޒެވެ. ފިލްމުގެ ފުރަތަމަ ޓީޒާ އާއްމުންނަށް ދައްކައިލާފައިވާއިރު ފިލްމު ރިލީޒްކުރާނެ ވަކި ތާރީޚެއް އަދި އިއުލާނެއް ނުކުރެއެވެ.

އިންޑިއާގެ އިތުރުން އެމެރިކާގެ އެކި ސަރަހައްދުތަކުގައި މަންޒަރުތައް ނަގާފައިވާ މި ފިލްމަކީ، ސައިބަ ކްރައިމް ތުރިލާއެކެވެ. ސައިބާ ކްރައިމް މައުޟޫއަކަށް ބިނާކޮށް ފިލްމެއް އުފައްދަން ސޯނޫ ނިންމިއިރު ފަހަކަށް އައިސް އިންޑިއާގައި ސައިބަ ކްރައިމް ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ.