އިޒްރޭލާއި ހަމާސްއާ ދެމެދު ހިނގަމުންދާ ހަނގުރާމަ އިތުރަށް ހޫނުވެފައިވާއިރު، ޣައްޒާގެ ގިނަ ބަޔަކު ހިމާޔަތް ހޯދަމުންދާ ރަފަހް އަވަށަށް އިޒްރޭލުގެ އަނިޔާވެރި ސިފައިން އާދިއްތަ ދުވަހު ދިން ހަމަލާއެއްގައި 35 މީހުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ޣައްޒާގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި މި ޙަމަލާގެ ސަބަބުން އެ އަވަށުގެ އުތުރުގައި ހިމާޔަތް ހޯދަމުންދިޔަ ރެފިއުޖީ ކޭމްޕެއް އެއްކޮށް ކަހަލަ ގޮތަކަށް ވަނީ ވިއްސި ވިހާލި ކޮށްލައިފައެވެ.

އިޒްރޭލް ޑިފެންސް ފޯސް (އައިޑީއެފް) އިން ބުނީ އެ ހަމަލާގައި ހަމާސްގެ އިސް ދެ އޮފިޝަލަކު މަރާލާފައިވާ ކަމަށެވެ. ނަމަވެސް ހަމާސްއިން އެކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ހަމާސްއިން އިޒްރޭލަށް ދިން ކުއްލި ޙަމަލާގައި 1200 އެއްހައި މީހުން މަރާލި ފަހުން ހަމާސް ބަލިކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރަމުން ގެންދާނެ ކަމަށް އިޒްރޭލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނެތަޔާހޫ ވަނީ ވައުދުވެވަޑައިގެންފައެވެ.

މިހާރު ރަފަހަށް ދޭ ހަމަލާތަކަކީ ހަމާސް ނައްތާލުމުގެ އެންމެ ފަހު މަރުހަމަލާ ކަމަށް ބުނެ އިޒްރޭލުން ދެމުންދާ ހަމަލާތަކެކެވެ.

އިޒްރޭލްގެ ހަމަލާތަކުގައި މިހާތަނަށް ޣައްޒާގެ 36،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، އަދި މި ހަނގުރާމަ ހުއްޓާލުމަށް ބައިނަލްއަގްވާމީ ޕްރެޝަރު ބޮޑުވެފައި ވިޔަސް ނަތަންޔާހޫ އެކަމަށް ސަމާލުކަމެއް ދީފައެއް ނުވެއެވެ.

އާދިއްތަ ދުވަހު އިޒްރޭލުން ރަފަހަށް ދިން ވަރުގަދަ ހަމަލާއާއި ގުޅިގެން "ޑޮކްޓާސް ވިތައުޓް ބޯޑާސް" އިން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

އެ ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނީ މި ހަމަލާއިން އަނެއްކާވެސް އެނގެނީ ޣައްޒާގެ އެއްވެސް ތަނެއްގައި ސަލާމަތެއް ނެތް ކަމެވެ.