27 May 2024, 08:49
އިންޑިއާގައި ހުންނަ ކުޑަކުދިންގެ ބަލިތަކަށް ފަރުވާދޭ ހޮސްޕިޓަލެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި ހަތް ތުއްތުކުދިން މަރުވެއްޖެއެވެ.
އެ ހާދިސާ ހިނގާފައިވަނީ ވެރިރަށް ނިއު ދިއްލީގެ އިރުމަތީގައި އޮންނަ ވިވެކް ވިހާރު ސަރަހައްދުގައި ހުރި ހޮސްޕިޓަލެއްގައެވެ.
ރެސްކިއު ޓީމުތަކުން ވަނީ 12 ކުއްޖަކު އެހެން ހޮސްޕިޓަލްތަކަށް ވެސް ގެންގޮސްފައެވެ. ނަމަވެސް، އޭގެ ތެރެއިން ފަސް ކުއްޖަކު މަރުވެފައިވާ ކަމަށް ފަޔާ އޮފިސަރު އަތުލް ގަރްގް ވިދާޅުވިއެވެ. އެ ކުދިން މަރުވެފައިވަނީ ދުމުގެ އަސަރުކޮށްގެންނެވެ.
ހޮސްޕިޓަލްގައި އަލިފާން ރޯވެފައިވަނީ ހޮނިހިރި ދުވަހުގެ ރޭގަނޑުއެވެ.

ކުޑަކުދިންގެ ހޮސްޕިޓަލްގައި ހިނގި އަލިފާނުގެ ހާދިސާގައި ހަތް ކުދިން ވަނީ މަރުވެފައި -- ފޮޓޯ/އަލް ޖަޒީރާ
އެ ހާދިސާގައި ހަސްފަތާލު އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އަލިފާންގަނޑު ކޮންޓްރޯލްކޮށް ނިއްވާލެވިފައިވަނީ އެތައް ގަޑިއިރެއްގެ މަސައްކަތުންނެވެ. އަލިފާނުގެ ހާދިސާއަށް ފަހު, އެ ހަސްފަތާލު ހިންގާ ފަރާތުން ފިލައިފައިވާ ކަމުގައި ދިއްލީ ފުލުހުންގެ ބުންޏެވެ.
ހާދިސާ ހިނގަން މެދުވެރިވި ސަބަބު މިހާރު ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ކުޑަކުދިންގެ ހޮސްޕިޓަލްގައި ރޯވިއިރު، އޭގެ އެއް ދުވަސް ކުރިން ގުޖުރާތު ސްޓޭޓްގައި ހުރި ކުޅިވަރާއި މުނިފޫހިފިލުވާދޭ ހަރަކާތްތައް ހިންގައި މަރުކަޒެއްގައި ވެސް ވަނީ އަލިފާނުގެ ހާދިސާއެއް ހިނގައިފައެވެ. އެ ހާދިސާގައި 27 މީހުން ވަނީ މަރުވެފައެވެ.