27 May 2024, 07:03
ފިލްމު "އަޖްނަބީ"އިން 2001ވަނަ އަހަރު ބޮލީވުޑަށް ތައާރަފުވި ބަތަލާ ބިޕާޝާ ބާސޫގެ އަމިއްލަ ދިރިއުޅުމުގެ ތަޖުރިބާތަކުގެ މައްޗަށް ބިނާކޮށް ފޮތެއް ލިޔަން ނިންމާފައިވާކަން އިއުލާނުކޮށްފިއެވެ.
ދެހާހުގެ އަހަރުތަކުގެ ތެރޭ ހިންދީ ގިނަ ފިލްމުތަކުން ފުރުސަތު ލިބި އާއްމުންގެ މަގުބޫލުކަން ހޯދި ބަތަލާ ބުނެފައިވާ ގޮތުގައި މިހާތަނަށް ވަރަށް ގިނަ ކަންކަން ދިރިއުޅުމުގައި ވަނީ ތަޖުރިބާ ކުރެވިފައެވެ. އޭގެ ތެރޭގައި ފިލްމު އިންޑަސްޓްރީން ދަސްވި ގިނަ ފިލާވަޅުތަކާ އެކު ކައިވެންޏަށް ފަހު އަލަތު ދަރިފުޅު ދޭވީ ލިބުމާ އެކު ދިރިއުޅުމަށް އައި ބޮޑު ބަދަލުތަކުގެ ތަޖުރިބާތައް ވެސް ހިމެނޭކަމަށް ބިޕާޝާ ވަނީ ބުނެފައެވެ.
އެހެންވެ، އަމިއްލަ ދިރިއުޅުމުގައި ތަހައްމަލުކުރި އުފާވެރި އަދި ހިތާމަވެރި ދަނޑިވަޅުތަކާ އެކު އެފަދަ ވަގުތު ތަކުގައި ހިތްވަރާ އެކު ކުރިއަށް ދިއުމަށް އެހީތެރިކަން ހޯދި ގޮތްތައް އާއްމުންނާ އެކު ހިއްސާކޮށްލުމަކީ ލިބޭނެ ވަރަށް ބޮޑު އުފަލެއް ކަމަށް އުމުރުން 45 އަހަރުގެ ބަތަލާ ވަނީ ބުނެފައެވެ.

ބަތަލާ ބިޕާޝާ ބާސޫ ދާދިފަހުން ކުރިޔަށްދިޔަ ލެކްމޭ ފެޝަން ވީކްގައި ބައިވެރިވަނީ--ފޮޓޯ/އެންޑީޓީވީ
ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާއަށް ދިން އިންޓަވިއުއެއްގައި ބިޕާޝާ ބުނެފައިވަނީ އަމިއްލައަށް ލިޔާ މި ފޮތުގައި ހިމަނާ ހުރިހާ މައުލޫމާތެއް ވެސް ގެނެސްދޭނީ ބިޕާޝާގެ އަމިއްލަ ތަޖުރިބާގެ މައްޗަށް ބިނާކޮށް ކަމަށެވެ. އޭގެ ތެރޭގައި އަލަތު ދަރިފުޅަށް ބަލިވެއިން ދުވަސްވަރުގެ ތަޖުރިބާތަކާ އެކު ދަރިފުޅުގެ ހިތުގައި ލޯވަޅެއް ހުރިކަން އެނގުމާއެކު ދެން ކަންތައް ކުރި ގޮތުގެ ވާހަކަ ވެސް ހިމެނޭނެ ކަމަށް ކުރީގެ ބަތަލާ ވަނީ ބުނެފައެވެ. މީޑިއާ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި މި ފޮތް ބާޒާރަށް ނެރެން ނިންމާފައިވަނީ 2025 ވަނަ އަހަރުގެ ތެރޭގައެވެ.
ބިޕާޝާ އެންމެ ފަހުން ލީޑް ރޯލުން ފެނުނީ 2015ވަނަ އަހަރު ރިލީޒްކުރި ބިރުވެރި ފިލްމު "އެލޯން"އިންނެވެ. މި ފިލްމުގައި ބިޕާޝާއާ އެކު ލީޑްރޯލް ކުޅުނީ ފިރިމީހާ ކަރަން ސިންގް ގްރޯވަރެވެ. ރިޕޯޓުތަކުން ބުނާގޮތުގައި ދެ މީހުންގެ ލޯބީގެ ގުޅުން ފެށުނީ ވެސް ފިލްމު "އެލޯން"އިންނެވެ. ބިޕާޝާގެ މަގުބޫލު ފިލްމުތަކުގެ ތެރޭ "ޖިސްމް"، "ރާޒް"، "ގުނާހު" އަދި ފިލްމު "ރޭސް" ހިމެނެއެވެ.