ތޫނު އެއްޗަކުން ހަމަލާދީ ގ. ވޭރު، އަބްދުލް މުހީތު މަރާލި މައްސަލައިގެ ތުހުމަތުގައި ދައުވާ ކުރާ 18 އަހަރުން މަތީގެ މީހުންގެ ޝަރީއަތް ވަކީލަކު އައްޔަން ނުކުރުމުން ކެންސަލްކޮށްފި އެވެ.

ގަސްތުގައި މީހަކު މަރާލި ކަމުގެ ދައުވާ ދައުލަތުން ކޮށްފައި ވަނީ ގދ. ގައްދޫ އަބުލަޣީގޭ، މުހުޖަތު އަހުމަދު ނާސިހު، 18 އާއި ސ. މަރަދޫ ސަލްޓަންވިލާ، އަލީ މުޝައްފަޢު 20، އާއި ޅ. ނައިފަރު ޒައިތޫނިގޭ މުހައްމަދު މައިމޫން، 19،ގެ މައްޗަށެވެ.

މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެ ތިން މީހުން ވެސް ބުނީ އެމީހުން ބަންދުގައި ތިބޭއިރު ފޯންކޯލް ކުރުމުގެ ފުރުސަތާއި އަސާސީ ހައްގުތައް ނުލިބޭ ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދާއުވާ އިއްވާފައެއް ނުވެ އެވެ. ގާޒީ ވިދާޅުވީ ވަކީލަކު އައްޔަން ނުކޮށް ދައުވާ އިއްވުމަށް ވުރެ ބޮޑަށް ރަނގަޅީ ވަކީލަކު އައްޔަން ކޮށްގެން ދައުވާާ އިއްވުން ކަމަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ އެ މައްސަލައިގެ ޝަރީއަތް ވަރަށް އަވަހަށް ނިންމުމަށް ދައުލަތުން ބޭނުންވާ ކަމަށެވެ. ދައުލަތުން އެހެން ބުނުމުން ގާޒީ ވިދާޅުވީ މައްސަލައިގެ ޝަރީއަތް އަވަސް ކުރުމަށްޓަކައި އެމީހުންނަށް ވަކީލަކު އައްޔަން ކުރުމަށް ފުލުހުންގެ އެއްބާރުލުން ވެސް ލިބެން ޖެހޭ ކަމަށެވެ.

ފުލުހުންގެ ހައްޔަރުގައި ޝަރީއަތް ކުރާ ކޮޓަރިއަށް އެ ތިން މީހުން ވެސް ވެއްދި އިރު ތިބީ ވަރަށް ބޮޑަށް ހެވިފަ އެވެ. އަދި އެމީހުންނަށް ސަޕޯޓުކުރާ ގިނަ ބަޔަކު ވެސް ކޯޓަށް ދިޔަ އެވެ.

ސާބިތު ނުހިފޭ ވާހަކަ އެ މީހުންނާ ބެހޭ ގޮތުން ލިޔާކަމަށް ބުނެ އެކަމާ ނުރުހިގެން އެމީހުންގެ ސަޕޯޓަރުން ވަނީ އެ މައްސަލަ ކަވަރުކުރަން ދިޔަ ނޫސްވެރިންނަށް ވެސް އިންޒާރު ދީފަ އެވެ.

އެ މައްސަލައިގައި ތިން ކުޑަކުއްޖެއްގެ މައްޗަށް ގަސްތުގައި މީހަކު މަލާރުމުގެ ކުށުގެ ދައުވާ އުފުލުމުން އެ ކުދިން ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ.

ޖުވެނައިލް ކޯޓުން ބުނީ އެ ތިން ކުދިން ދައުވާ އަށް އިންކާރު ކުރުމުން ތަފްސީލީ ގޮތެއްގައި ދައުވާއަށް ޖަވާބުދާރީ ވުމަށް އެ ކުދިންނަށް މިހާރު ފުރުސަތު ދީފައިވާ ކަމަށެވެ.

ގްރޫޕަކުން ދިން ހަމަލާދީ މުހީތު މަރާލާފައި ވަނީ މިދިޔަ ފެބްރުއަރީ މަހު އެވެ.