ފިލްމު އިންޑަސްޓްރީގެ މަގުބޫލު ސެލެބްރިޓީންގެ ފޮޓޯ ނެގުމުން އެ ސެލެބްރިޓީއެއްގެ މަގުބޫލު ކަމަށް ބެލުމަށްފަހު ޕަޕަރާޒީންނަށް އެކަމަށް ޚާއްސަ މުސާރައެއް ލިބޭ ކަމަށް ބޮލީވުޑްގެ ބަތަލާ ޖާންވީ ކަޕޫރު ބުނެފިއެވެ.

ޕަޕަރާޒީން ނަގާ ފޮޓޯތައް އާއްމުގޮތެއްގައި ވަރަށް ބޮޑު އަގުގައި ގަތުމުގެ ސަޤާފަތެއް އިންޑިއާގައި އޮންނަ ކަމަށާއި އެހެންނަމަވެސް އެ އާދަ ބަދަލުވެ، މިހާރު އެކަމަށް ވަކި މުސާރައެއް ކަނޑައަޅާފައިވާ ކަމަށް ޒުވާން ބަތަލާ ވަނީ ބުނެފައެވެ.

މި މަހުގެ 31ވަނަ ދުވަހު ރިލީޒްކުރާ ފިލްމު "މިސްޓަ އެންޑް މިސިޒް މާހީ"ގެ ޕްރޮމޯޝަން ހަފުލާއެއްގައި ވާހަކަދައްކަމުން ޖާންވީ ބުނެފައިވަނީ، ބައެއްފަހަރު ޕްރޮޑަކްޝަން ކުންފުނީގެ ފަރާތުން އެދިގެން ވެސް ރިޕޯޓަރުންތައް ފިލްމީ ތަރިންގެ ފޮޓޯތައް ނަގާ ކަމަށެވެ.

ބަތަލާ ޖާންވީ ކަޕޫރު ފުރަން އެއަޕޯޓަށް ގޮސް ހުއްޓާ ޕަޕަރާޒީން ނަގާފައިވާ ފޮޓޯއެއް--ފޮޓޯ/ބޮލީވުޑްލައިފް

އާއްމުގޮތެއްގައި އެފަދަ ހާލަތެއް މެދުވެރިވަނީ ފިލްމެއް ރިލީޒްކުރަން ތައްޔާރަށް އޮންނަ ދަނޑިވަޅެއްގައެވެ.
އެއާ ޚިލާފަށް ފިލްމީ ތަރިން މީޑިއާއަށް ފިލައިގެން އުޅޭ ދުވަސްވަރު އެ ތަރިންގެ ކޮންމެ ފިޔަވަޅަކަށް ވެސް ޕަޕަރާޒީން ފާރަލާ ކަމަށާއި އެފަދަ ފޮޓޯތަކަކީ ވަކި އަގެއް ދިނުމަށް ފަހު ޕަޕަރާޒީން ލައްވާ ނަގުވާ ފޮޓޯތަކެއް ކަމަށް ޖާންވީ ވަނީ ބުނެފައެވެ. ހަމައެއާ އެކު އެ މީހުން ނަގާ ކޮންމެ ފޮޓޯއެއް ބޮޑެތި އަގުގައި އެކި މީޑިއާތަކުން ގަންނަ ކަމަށް ވެސް ބަތަލާ ވަނީ ބުނެފައެވެ.

އިންޑިއާގެ ފިލްމީ ތަރިންގެ ތެރެއިން މަޝްހޫރު ގިނަ ފިލްމީ ތަރިންގެ ދިރިއުޅުމުގެ ވަރަށް ޒާތީ ކަންކަމަކީ ވެސް މީޑިއާއިން ވަރަށް ބޮޑަށް ފާރަލާ ކަންކަމެވެ. އެކަމާ ގުޅިގެން ވަރަށް ގިނަ ފިލްމީތަރިން ނުރުހުން ފާޅުކޮށްފައިވީ ނަމަވެސް އެދެވޭ ހައްލެއް މިއަދާ ހަމައަށް ވެސް ވަނީ ނުލިބިފައެވެ.

ފިލްމީ ތަރިންގެ ތެރެއިން މީޑިއާގެ ސަމާލުން އެންމެ ބޮޑަށް ހޯދާ ބޮލީވުޑް ފިލްމީ ތަރިންގެ ތެރޭ ޝާހްރުކް ޚާންގެ އާއިލާ، އަމީތާބް ބައްޗަންގެ އާއިލާ، އަނުޝްކާ ޝަރުމާގެ އާއިލާ އަދި ބަތަލާ އާލިއާ ބަޓްގެ އާއިލާ ހިމެނެއެވެ.