ޗައިނާގެ ވިޔަފާރި ޖަމިއްޔާ ޗެމްބާ އޮފް ކޮމާސްއިން ރާއްޖެއަށް ހަދިޔާކުރި 44 ޓަނުގެ ފިޔާ ބަހައިފިއެވެ.

ޗައިނާގެ ވެރިކަން ކުރާ ޕާޓީ އިސްވެ އޮވެ ހިންގާ ޗެމްބާ އޮފް ކޮމާސްއިން ފިޔާ ހަވާލުކުރީ ދެގައުމުން އުފައްދާފައިވާ މޯލްޑިވްސް ޗައިނާ ޓްރޭޑް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަނާއެވެ.

ރާއްޖޭގެ ޖަމިއްޔާއެއް ކަމަށްވާ ދަ ކޮމޮނާސްއިން ބުނީ، ފިޔާ ބެހުމުގައި އެސްޓީއޯއާއި މޯލްޑިވްސް ޗައިނާ ޓްރޭޑް އެންޑް ކަލްޗާ އޮގަނައިޒޭޝަނާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

ފިޔާ ބަސްތާއެއް ހިފައިގެން އަންހެނަކު ދަނީ: އެ ޖަމިއްޔާއިން ބުނީ މިހާރު 44 ޓަނުގެ ފިޔާ އެއްކޮށް ބަހާ ނިމިފައިވާ ކަމަށް ---- ފޮޓޯ/ ދަ ކޮމޮނާސް

ދަ ކޮމަނާސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި ފިޔާ އެންމެ ގިނައިން ބަހައިފައި ވަނީ ހުޅުމާލޭގައެވެ. އެގޮތުން ހުޅުމާލޭގައި 40،000އާ ކުރާ ވަރަށް ފިޔާ ކޮތަޅުތައް ބަހައިފައިވެއެވެ.

މާލޭގައި 5،000 ވަރަކަށް ކޮތަޅު ބަހައިފައިވާއިރު، ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ ތަންތަނަށް ވަކިން ބަހައިފައިވެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރުގައި ފިޔާ ބެހުން ކުރިއަށްދިޔައިރު، ފިޔާ ބަލާ ދިޔަ ހުރިހާ ރައްޔިތުންނަަށް ބަހާފައިވާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

ފިޔާ ލިބުނު މީހުންގެ ތެރޭގައި ހިމެނެނީ 21 އިންސައްތަ ފިރިހެނުންނާއި 79 އިންސައްތަ އަންހެނުން ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

އެންމެ ފުރަތަމަ ފިޔާ ބެހީ ނިކަމެތިން ގޮތުގައި ރަޖިސްޓްރީކޮށްފައި ތިބި 100 އާއިލާއަކަށް ކަމަށް ދަ ކޮމަނާސްއިން ބުނެއެވެ.

މިކަމާ ގުޅޭ ގޮތުން، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ލިޒިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ ޗައިނާ ޗެމްބާ އޮފް ކޮމާސްއިން ކުރި ހަދިޔާގެ ފައިދާ ގިނަ އަދަދެއްގެ ދިވެހިންނަށް ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.