ރަހީނު ކުރުމުގެ މައްސަލަތައް މި ދުވަސްވަރު އިންތިހާއަށް ގިނަވެފައި ވަނިކޮށް، މިފަދަ އިތުރު މައްސަލައެއްގައި މާލެއިން އަންހެނަކާއި ފިރިހެނެއް ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ ފ. ނިލަންދުއަށް އުފަން އުމުރުން 39 އަހަރުގެ އަންހެނަކާއި 40 އަހަރުގެ ފިރިހެނެކެވެ. އަންހެން މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް ޖަހައިފައި ވާއިރު، ފިރިހެން މީހާގެ ބަންދަށް ޖަހާފައި ވަނީ 15 ދުވަހެވެ.

ކްރިމިނަލް ކޯޓުގެ ކޯޓު އަމުރުގައި ވާގޮތުން ހ. ހޯގުޅާގޭގައި މީހަކު ރަހީނު ކުރުމުގައި މި ދެމީހުން ހަރަކާތްތެރިވާކަމަށް މައުލޫމާތު ލިބުމުން ފުލުހުން އެގެއަށް ދިޔައެވެ. އޭރު އެގޭގެ ދެވަނަ ފަންގިފިލާއިން އަންހެން މީހާ ފައިބަނީއެވެ. ފުލުހުން އޭނާ ހައްޔަރު ކޮށްފައި ވަނީ ކުށުގެ ވެށިންނެވެ.

ފުލުހުންނަށް ހަވާލާދީ ކޯޓު އަމުރުގައި ވަނީ، ރަހީނު ކުރުމުގެ ހާދިސާ ހިނގިތަނުގައި ލަކުނޑިބުރި އާއި ދަނޑިބުރިތަކެއް ހުރިކަމަށެވެ. އަދި މި ހާދިސާއަކީ ޖަމާއަތް ހަދައިގެން ހިންގާފައިވާ އަމަލެއް ކަމަށް ހުށަހަޅާފައިވާ ލިޔުންތަކުން އިނގޭކަމަށް ކޯޓު އަމުރުގައި ވެއެވެ.

ފިރިހެން މީހާ ހައްޔަރު ކޮށްފައި ވަނީ ހޯގުޅާގޭ ކައިރިންނެވެ. އޭނައަކީ ކުށުގެ ރިކޯޑު އޮތް މީހެއް ކަމަށް އަމުރުގައިވެއެވެ.

އެ ދެމީހުން ދޫކޮށްލައިފިނަމަ ހެއްކަށް ބާރު ފޯރުވުމުގެ އަދި ނުފޫޒު ފޯރުވުމުގެ އިހްތިމާލު އޮތްކަމަށް ކޯޓު އަމުރުގައި ފާހަގަކޮށްފައި ވެއެވެ.

މި މީހުންނާ ދެކޮޅަށް ހުށަހަޅާފައިވާ ހެކީގެ ތެރޭގައި، އެއީ ކުށުގެ ވެށިން ހިފައްޓާފައިވާ މީހުންކަން ފާހަގަކޮށް، ސީނުގެ ފޮޓޯ ހުރިކަން ފާހަގަކޮށްފައިވެއެވެ.

މިފަހުން ވަނީ ރަހީނު ކުރުމުގެ މައްސަލަތައް މާލޭގައި ގިނަވެފައެވެ. އެގޮތުން ރަހީނު ކުރުމާއި ރަހީނުކޮށް، ފޭރުން ފަދަ މައްސަލަތައް ހިމެނެއެވެ.