ރާއްޖެ އަށް ވިއްކާ ހަތިޔާރު، އިންސާނީ ހައްގުތަކަށް އަރައިގަތުމަށް ބޭނުން ނުކުރާނެ ކަން ކަށަވަރު ކުުރުމަށް، ރާއްޖެ އަށް ހަތިޔާރު ވިއްކާ ގައުމުތަކަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ގޮވާލައިފި އެވެ.

އެމްނެސްޓީ އިންޓަނޭޝަނަލް އިން މިމަހުގެ 11 ވަނަ ދުވަހު ނެރުނު ބަޔާނުގައި ތުހުމަތު ކޮށްފައިވާ ގޮތުގައި ސުލްހަވެރިކަމާ އެކު މުޒާހަރާ ކުރާ މީހުންނާ ދެކޮޅަށް ދިވެހި ފުލުހުން ދަނީ އެކަށީގެން ނުވާ ބާރުގެ ބޭނުންކުރަމުންނެވެ. އަދި ބުނެފައި ވަނީ ރާއްޖެ އަށް ހަތިޔާރު ވިއްކާ ގައުމުތަކުން، އެގައުމުތަކުން ވިއްކާ ހަތިޔާރުގެ ބޭނުންކޮށްގެން އިންސާނީ ހައްގުތައް ނަގައި ނުލާކަން ކަށަވަރު ކުރަން ޖެހޭނެ ކަމަށެވެ.

އެބަޔާނުގައި ދިވެހި ސަރުކާރުން ތިން ކަމެއް ކުރުމަށް ގޮވާލާފައިވެ އެވެ. އެއީ ސުލްހަވެރިކަމާ އެކު މުޒާހަރާ ކުރާ މީހުންގެ ގައިގައި ތެޅުމާއި ޕެޕަސްޕްރޭ ޖެހުން ހުއްޓާލުމާއި އެކަށީގެން ނުވާ ބާރުގެ ބޭނުންކުރާ ފުލުހުން އިންސާފުގެ ކުރިމައްޗަށް ގެނައުމާއި އިންސާނީ ހައްގުތަކުގެ ދާއިރާއިން ފުލުހުންނަށް އިތުރު ތަމްރީނު ދިނުމެވެ.

މުޒާހަރާކުރާ މީހުންނާ ދެކޮޅަށް ފުލުހުން އެކަށީގެން ނުވާ ބާރުގެ ބޭނުންކުރި ކަމަށް ބުނާ ބައެއް ހާދިސާތައް އެމްނެސްޓީގެ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން މިދިޔަ މޭމަހުގެ 29 ވަނަ ދުވަހުގެ ރޭ އެމްޑީޕީން ކުރި މުޒާހަރާއަކާ ދެކޮޅަށް ފުލުހުން އެކަށީގެން ނުވާ ބާރުގެ ބޭނުންކޮށް، މުޒާހަރާ ކުރި މީހުންނާއި ބަލަން ތިބި މީހުންގެ ގައިގާ ވެސް ތަޅާފައިވާ ކަމަށް އެރިޕޯޓްގައިވެ އެވެ.

އެރޭ ރާއްޖެ ޓީވީގެ ނޫސްވެރިޔާ އަހުމަދު ފަހުދަށް ފުލުހުން އިހާނެތިކޮށް ހިތައި، އޭނާގެ މޫނަށް ޕެޕަ ސްޕްރޭ ޖެހިކަމަށް ވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.