14 Jun 2012, 12:23
ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ އިން އިސްލާމް ދީން ނައްތާލުމަށް ކުރިކަމަށް ތުހުމަތު ކުރެވޭ ކަންތައްތައް ތަހުގީގުކުރުމަށް އަދާލަތު ޕާޓީން ފުލުހުންނަށް ގޮވާލައިފި އެވެ.
އަދާލަތު ޕާޓީން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ކުރީގެ ރައީސް ނަޝީދަކީ ލާދީނީ އެޖެންޑާއެއް ހިންގުމުގެ މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށާއި ރައީސް ނަޝީދާއި އޭނާގެ އެކުވެރިއެއް ކަމަށްވާ ޑޭވިޑް ހާޑިންގްހަމް އާ ދެމެދު ބަދަލުކުރެވުނު ސިޓީތައް ލީކުވެ، އެ ހަބަރުގައި އިސްލާމީ މަރުކަޒު ގޮއްވާލާފައި އެ މިސްކިތް ހުރިތާގައި ފައްޅިއެއް އެޅުމާއި ރާއްޖޭގައި ނަސާރާދީން ފެތުރުމަށް އިތުރު މަގުތައް ފަހިކުރުމާއި ހުޅުމާލޭގައި ފައްޅިއެއް އެޅުން ފަދަ އެތައް ވާހަކަތަކެއް އައިސްފައި ހުރުމުން އެކަންކަން ތަހުގީގު ކުރަން ޖެހޭނެ ކަމަށެވެ.
\\\"އިސްލާމީ މަރުކަޒު ގޮއްވާލާފައި އެ މިސްކިތް ހުރިތާގައި ފައްޅިއެއް އެޅުމާއި ދިވެހި ރާއްޖޭގައި ނަސާރާދީން ފެތުރުމަށް މިޝަނަރީންނަށް އިތުރު މަގާމުތައް ހުޅުވާދިނުމާއި ހުޅުމާލޭގައި ފައްޅި އެޅުން ފަދަ އެތައް ވާހަކަތަކެއް އައިސްފައިވޭ. މިވާހަކަތަކަކީ ތެދެއް ކަމުގައިވާ ނަމަ ކުރީގެ ރައީސް ނަޝީދަކީ ރާއްޖޭގެ ތާރީހު ދުވަހަކު ވެސް ދެކެފައި ނުވާ ފަދަ މިންވަރަކަށް އިސްލާމްދީނަށާއި ދިވެހި ގައުމަށް ގައްދާރުވެރިވެ ވަޑައިގެންފައިވާ ބޭފުޅެކޭ ބުނުން ކުށަކަށް ނުވާނެ،\\\" އަދާލަތުގެ ބަޔާނުގައިވެ އެވެ.
ބަޔާނުގައި އަދި ބުނެފައި ވަނީ ރައީސް ނަޝީދަކީ މީގެ ކުރިން ވެސް ލާދީނީ އެޖެންޑާއެއް ހިންގަވަމުން އައި ބޭފުޅެއްކަމަށް އެ ޕާޓިން ބުނެ ނަޝީދުގެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރީ އައްޑު އަތޮޅުގެ ރަށްރަށުގައި މޮނިއުމެންޓްގެ ނަމުގައި އަޅުކަން ކުރާ ބުދު ބެހެއްޓުމާއި ރާއްޖޭގެ ގައުމީ މަންހަޖުގައި އިސްލާމީ ކުލަނައްތާލުމާއި އަދުލުއިންސާފުގެ ދާއިރާ އިން އިސްލާމީ ޝަރީއަތާއި ދުރަށް ގެންދިއުމުގެ އިތުރުން ޒަޔަނިސްޓުންނާ ގާތްގުޅުން ބަދަހިކުރުން ފަދަ ލާދީނީ މައްސަލަތަކެއް އެމަނިކުފާނުގެ ކިބައިން ފާހަގަކުރެވިފައި ވާތީ ކަމަށެވެ.