ތަހުގީގުކުރަމުން އަންނަ މައްސަލައަކާ ގުޅިގެން ގަލޮޅު ރަސްމީ ދަނޑަށް މިއަދު ފުލުހުން ވަދެއްޖެއެވެ.

ކޯޓު އަމުރަކާއެކު ފުލުހުން ދަނޑަށް ވަނީ އެފްއޭއެމްގެ ގުދަނެއް ބަލައި ފާސްކޮށް ތަހުގީގުކުރަމުން އަންނަ މައްސަލައަކަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށެވެ.

ރާއްޖޭގެ ފުޓުބޯޅަ އެސޯސިއޭޝަން (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ތުހުމަތު ކުރާ މަނީ ލޯންޑަރިންއާއި ޚިޔާނާތުގެ ދައުވާ އުފުލައި، ޝަރީއަތް އަންނަނީ ހިންގަމުންނެވެ.

ބައްސާމްގެ މައްޗަށް ޚިޔާނާތާއި މަނީލޯންޑްރިންގެ ދައުވާ އުފުލާފައި ވަނީ އެފްއޭއެމަށް، ދުނިޔޭގެ ފުޓުބޯޅަ އިދާރާ (ފީފާ)އިން ފޮނުވި 10،000 ޑޮލަރު އަމިއްލަ އެކައުންޓަށް ޖަމާކޮށް، އެ ފައިސާ އަމިއްލަ ކަންކަމުގައި ބޭނުންކޮށްފައިވާތީ ކަމަށް ބުނެއެވެ.

އެގޮތުން އެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކޮށްފައިވާކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ބުނެފައެވެ.

ޕީޖީން މީގެ ކުރިން ބުނީ، އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން ބައްސާމް ޕްރޮޕަޓީސް ގަނެފައިވާކަމާއި، އޭނާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރީގެ ޚަރަދުތައް ކުރަމުން ގެންދާކަމާއި، ޢާއިލާގެ ޚަރަދުތައް ބަލަހައްޓައި ބޭރު ދަތުރުތައް ކުރަމުންގެންދާކަން ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.

ޕީޖީން ބުނީ މި މައްސަލައިގެ ތަހުގީގު އަދި ނުނިމޭ ކަމަށާއި ތަހުގީގު ނިމޭ ވަރަކުން ދަޢުވާތައް ކޯޓަށް ހުށަހަޅަމުން ގެންދާނެ ކަމަށެވެ.

ބައްސާމަކީ އެމްއެމްޕީއާރްސީގެ ފައިސާ ލޯންޑާކުރިކަމުގެ ތުހުމަތު ވެސް އޮތް މީހެކެވެ. އެ މައްސަލަ ވެސް އޮތީ އޭސީސީ ތަހުގީގު މަރުޙަލާގައި ކަމަށް ޕީޖީން ބުންޏެވެ.