26 May 2024, 09:29
ޣައްޒާ (26 މޭ 2024): ޣައްޒާއަށް ވަދެގަނެ ޣައްޒާގެ އާންމުން މަރަމުންގެންދާ އިސްރާއީލު ސިފައިންގެ ބަޔަކު ހަމާސްގެ މުޖާހިދުންގެ އަތްދަށުގައި ހައްޔަރުވެއްޖެއެވެ.
މިކަން އިއުލާނުކޮށްފައިވަނީ ހަމާސް ޖަމާއަތުން ނެރުނު އަސްކަރީ ބަޔާނެއްގައެވެ. ހަމާސްގެ އަސްކަރީ ގޮފީގެ ތަރުޖަމާނު އަބޫ އުބައިދާ ވިދާޅުވީ އިއްޔެ ޣައްޒާގެ ޖަބާލިޔާ ރެފިއުޖީ އަވަށުގައި ހިންގި ކުރިމަތިލުންތަކެއްގައި އިސްރާއީލުގެ ސިފައިންގެ ބަޔަކު ހައްޔަރުކޮށްފައިވާނެ ކަމަށާއި މިއީ ދުރާލައި ރާވައިގެން އިސްރާއީލު ސިފައިންގެ ބަޔަކަށް އޮޅުވާލައިގެން އެ މީހުން ބިންގަރާހަކަށް ވެއްދުމަށް ފަހު ކުރިކަމެކެވެ.
އަލްޖަޒީރާއިން ދުރަށް ފޮނުވި އަބޫއުބައިދާގެ ބަޔާނުގައި ޖަބާލިޔާ ރެފިއުޖީ އަވަށުގައި އިސްރާއީލު ސިފައިންގެ އެއްބަޔަކު މަރާލައި އިތުރު ބަޔަކު ޒަޚަމުކޮށްލިކަމަށް ބުނެފައިވެއެވެ.
މިއީ ހަމާސްގެ މުޖާހިދުން އިސްރާއީލު ސިފައިންގެ ދަންތުރައެއްގައި (އަންބުޝް އެއްގައި) ޖެއްސި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ވެސް އެކި ފަހަރު މަތިން އިސްރާއީލު ސިފައިން ދަންތުރާގައި ޖައްސައި އެ މީހުން މެރުމުގައި ހަމާސްގެ މުޖާހިދުން ކާމިޔާބު ހޯދާފައިވެއެވެ. ނަމަވެސް، މިއީ މިހާރު އިސްރާއީލު ހިންގާ އުދުވާނުގައި އިސްރާއީލު ސިފައިންގެ ބަޔަކު އަންބުޝްއެއްގައި ޖައްސައިގެން އޭގެ ތެރެއިން ބަޔަކު ހައްޔަރުކުރި ފުރަތަމަ ފަހަރެވެ.
މިދިޔަ އޮކްޓޯބަރު ހަތްވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ކުއްލި ހަމަލާތައް (ތުފާނުންއަގްސާ) ގައި އިސްރާއީލުގެ އާންމުންނާ އަދި ސިފައިން ހިމެނޭގޮތަށް އެތައް ސަތޭކަ ބަޔަކު ހަމާސްއިން އަސީރުންގެ ގޮތުގައި ހައްޔަރުކޮށްފައިވެއެވެ. އަސީރުން ބަދަލުކުރުމުގެ އެއްބަސްވުމެއްގެ ދަށުން ހަމާސްއިން ވަނީ އޭގެ ތެރެއިން ބައެއް އަސީރުން މިދިޔަ އަހަރުގެ ފަހުކޮޅު ދޫކޮށްލާފައެވެ.
އިސްރާއީލުގެ އަތްދަށުގައިވާ ފަލަސްތީނުގެ އެތައް ހާސް އަސީރުންގެ ތެރެއިން އެތައް ސަތޭކަ ބަޔަކު ވެސް އެއެއްބަސްވުމުގެ ދަށުން އިސްރާއީލުން މިނިވަން ކުރިއެވެ. ނަމަވެސް، ފަހުން އިސްރާއީލު މަސައްކަތްކުރީ ބާރުގެ ބޭނުންކޮށްގެން އަސީރުން މިނިވަންކުރުމަށެވެ. ބާރުގެ ބޭނުންކޮށްގެން އެންމެ އަސީރަކު ވެސް އިސްރާއީލު ސިފައިންނަށް މިނިވަން ކުރެވިފައެއްނުވެއެވެ. އޭގެ އިތުރުން، ހަމާސްއިން މިހާރު މި ހައްޔަރުކުރީ އިސްރާއީލު ސިފައިންގެ އިތުރުބައެކެވެ.
މިއީ ބާރުގަދަކަމަށް ހެދި ބޮޑާކަން ދައްކަމުން ގެންދާ އިސްރާއީލު ސިފައިންނަށާއި އިސްރާއީލުގެ ހަރުކަށި ލީޑަރުންނަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެއް ކަމަށް އަސްކަރީ މުހައްލިލުން ވިދާޅުވެއެވެ.
ޣައްޒާގެ ޖަބާލިޔާ ރެފިއުޖީ އަވަށުގައި ހަމާސްއިން ހައްޔަރުކުރީ އިސްރާއީލު ސިފައިންގެ ކިތައް މީހުންކަން ހަމާސްއިން ހާމަކޮށްފައެއް ނުވެއެވެ. ހަމާސްއިން ބުނީ އިސްރާއީލު ސިފައިންގެ ބަޔަކު ހައްޔަރުކޮށްފައިވާނެ ކަމުގައެވެ. އެހެންކަމުން އެކަކަށްވުރެ ގިނަ ސިފައިން ހައްޔަރުކުރިކަމަށް ބެލެވޭ ކަމަށް އަލްޖަޒީރާއިން ބުނެއެވެ.
އިސްރާއީލުން ވެސް މިކަން ދޮގުކޮށްފައެއް ނުވެއެވެ. ނަމަވެސް، އަދި އިސްރާއީލުން މި ކަމަށް ރަސްމީކޮށް އެއްބަސްވެފައެއް ވެސް ނުވެއެވެ. މި ކަމަށް އެއްބަސްވުން އިސްރާއީލަށް ވެގެންދާނީ ހަޖަމުކުރަންދަތި އަދި އަސްކަރީ ގޮތުން ވަރަށް ވޭންދެނިވި ކަމަކަށް ކަމަށާއި މިއީ ހަމާސްގެ މައްޗަށް އިސްރާއީލަށް ކާމިޔާބު ނުހޯދޭނެ ކަމަށް އަސްކަރީ މުހައްލިލުން ވިދާޅުވާ ވާހަކައިގެ ތެދުކަން ހާމަވާކަމެއް ކަމަށް އަލްޖަޒީރާ މުހައްލިލު ފާއިޒް އައްދުވައިދީ ވިދާޅުވިއެވެ.