ކޮލަންބޯ (ޖޫން 14): ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ސަރުކާރުގައި ބައިވެރިވެ ވަޑައިނުގަންނަވާނެ ކަމަށް ދާދިފަހުން ޖަލުން މިނިވަންކުރި އެޤައުމުގެ ސިފައިންގެ ކުރީގެ ވެރިޔާ ޖެނެރަލް ސަރަތު ފޮންސޭކާ ވިދާޅުވެއްޖެ އެވެ.
ފޮންސޭކާ އާ ޙަވާލާދީ ސްރީލަންކާގެ މީޑިއާ ޚަބަރުދޭ ގޮތުގައި ރައީސް މަހިންދަ ރާޖަޕަކްސަގެ ސަރުކާރުގެ އެއްވެސް މަޤާމަކަށް އޭނާގެ ޝައުޤުވެރިކަމެއް ނެތެވެ. ފޮންސޭކާ މިބަޔާން ދެއްވާފައި މިވަނީ ރާޖަޕަކްސަގެ ސަރުކާރުގައި އޭނާ ބައިވެރިވެވަޑައިގަންނަވަން އުޅުއްވާކަމުގެ ޚަބަރުތަކެއް ދާދިފަހުން ސްރީލަންކާގައި ފެތުރިފައި ވަނިކޮށެވެ.

ފޮންސޭކާގެ ވާހަކާގައި، ރާޖަޕަކްސަގެ ސަރުކާރުގައި އޭނާ ބައިވެރިވެވަޑައިގަންނަވަން އުޅުއްވާ ކަމަށް ފެތުރިފައިވާ ޚަބަރުތައް ދޮގުކުރެއްވި އެވެ. ނަމަވެސް އޭނާގެ ސިޔާސީ މުސްތަޤްބަލާބެހޭ ގޮތުން ވާހަކަ ދައްކަވާފައެއް ނުވެ އެވެ.
ކޮރަޕްޝަނާއި މަޤާމުގެ ނުފޫޒު ބޭނުންކުރެއްވުުމުގެ ކުށުގައި ފޮންސޭކާ ޖަލަށްލާފައި ވަނިކޮށް ރައީސް މަހިންދަ ރާޖަޕަކަސްގެ އަމުރުފުޅަށް އޭނާ މިނިވަންކޮށްފައި ވަނީ މިދިޔަ މަހު އެވެ. (ރޮއިޓާސް)