26 May 2024, 09:01
މީގެ ތިން އަހަރު ކުރިން އިއުލާނުކުރި ޑައިރެކްޓަރު/އެކްޓަރު ފަރުހާން އަޚްތަރުގެ ފިލްމު "ޖީ ލޭ ޒަރާ"ގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ބަތަލާ އާލިއާ ބަޓް، ކެޓްރީނާ ކައިފް އަދި ޕްރިޔަންކާ ޗޯޕްރާ ލީޑް ރޯލު ކުޅޭނެކަން އިއުލާނުކުރި މި ފިލްމު އުފައްދާނެކަން އިއުލާނު ކުރީއްސުރެ ފިލްމުގެ މަސައްކަތް އެކި ސަބަބުތަކާ ހެދި ފެށުން ވަނީ ލަސްވެފައެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާއަށް ދިން އިންޓަވިއުއެއްގައި ޑައިރެކްޓަރު ފަރުހާނު ބުނެފައިވަނީ މީގެ ކުރިން ފިލްމު ފެށުން ލަސްވެ، ޕްރީ-ޕްރޮޑަކްޝަންގެ މަރުހަލާގައި އޮތީ ސްކްރިޕްޓަށް ގެންނަންޖެހޭ އެންމެ ފަހުގެ ބަދަލުތައް ގެންނާތީ ކަމަށެވެ.
އެހެންނަމަވެސް، ތާވަލުކުރެވުނު ތާރީޚުގައި ފިލްމުގެ ޝޫޓިންގް ފެށުން ލަސްވީ ލީޑް ތަރިންގެ ތާރީޚުތައް ފުށުއަރާތީ ކަމަށާއި އެ ކަމަށް ހައްލެއް ހޯދުމުގެ އަމާޒުގައި މަސައްކަތް ކުރަމުން އަންނަ ކަމަށް ފަރުހާން ވަނީ ބުނެފައެވެ.

ފަރުހާން އަދި ޕްރިޔަންކާ ޗޯޕްޅާ މުހިއްމު ރޯލް ކުޅުނު ފިލްމު "ސްކައި އިޒް ޕިންކް"ގެ މަންޒަރެއް -- ފޮޓޯ/ފޭސްބުކް
ފިލްމު "ޖީ ލޭ ޒަރާ"ގެ ކާސްޓުގައި ހިމެނޭ ޕްރިޔަންކާއަކީ އިންޑިއާއިން ބޭރުގައި ދިރިއުޅޭ މީހަކަށްވުމުން އަނެއް ދެ ބަތަލާއިންނާ އެކު ފިލްމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތްތައް ދާދި ފަހުން ޕްރިޔަންކާއާ އެކު މަޝްވަރާ ކުރެވިފައިވާ ކަމަށް ފަރުހާން ވަނީ ބުނެފައެވެ.
ފިލްމު "ޖީ ލޭ ޒަރާ"ގެ މަސައްކަތް ފަށާނެކަން ފަރުހާނު އިއުލާނުކޮށްފައިވާއިރު އޭނާގެ ފިލްމު ކުންފުނި އެކްސަލް އެންޓަޓެއިންމަންޓްއިން އަންނަނީ އެ ކުންފުނީގެ މަގުބޫލު ފްރެންޗައިސް "ޑޮން"ގެ ތިންވަނަ ބައިގެ މަސައްކަތް ފަށަން ވެސް ތައްޔާރުވަމުންނެވެ.
ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ފަރުހާނު "ޖީ ލޭ ޒަރާ"ގެ މަސައްކަތް ފަށާނީ މި އަހަރުގެ އޮގަސްޓް މަހު ފަށަން ނިންމާފައިވާ "ޑޮން3"ގެ މަސައްކަތް ނިންމާލުމަށް ފަހުއެވެ. ކުޅަދާނަ ޑައިރެކްޓަރުގެ މަޝްހޫރު ފިލްމު ތަކުގެތެރޭ ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ދިލް ޗަހަތާހޭ" އަދި "ރޮކް އޮން" ހިމެނެއެވެ.