ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓުގެ ހެޑްގެ ގޮތުގައި ކުރީގެ ސަރުކާރުގައި މަސައްކަތް ކުރެއްވެވި ޗީފް ސުޕްރިންޓެރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ހަމީދު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ހަމީދު ހައްޔަރު ކުރީ ކޯޓް އަމުރެއްގެ ދަށުން ކަމަށެވެ. ނަމަވެސް އޭނާ ހައްޔަރު ކުރީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ފުލުހުން ނުބުންޏެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ދެ ވަޒީރުން ކަމަށްވާ އަމީން ފައިސަލް އާއި މުހައްމަދު އަސްލަމް ލިޔުއްވި \\\"ފުލުހުންނާއި ސިފައިން ހިނގި ބަޣާވާތް\\\" މި ރިޕޯޓަށް ދޮގު މައުލޫމާތުދީ ފުލުހުންގެ އިތުބާރު ގެއްލޭގޮތަށް އަމަލު ކުރި ކަމުގެ ތުހުމަތުގަ އެވެ. އަދި އަމީން އާއި އަސްލަމްގެ ރިޕޯޓަށް މައުލޫމާތު ދެއްވި ގޮތުން ފުލުހެއްގެ ވަޒީފާގައި ހުރެ، ހަމީދު ފުލުހުންގެ ވާޖިބާ ހިލާފުވެ، ފުލުހުން ކުރުން މަނާ ކަންތައް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.

ފުލުހުން އިއްޔެ ވަނީ އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކޮށް ތަހުގީގަށް ބޭނުންވާ ތަކެތި ހޯދައިފަ އެވެ. ފުލުހުން ތަހުގީގު ކުރަމުންދާ އެ މައްސަލާގައި ފުލުހުންގެ މުއައްސަސާގައި މަސައްކަތް ކުރާ މުވައްޒަފުންގެ ގެތައް ބަލައި ފާސް ކުރަމުންދާ ކަމަށް ފުލުހުންގެ މީޑީއާ އޮފިޝަލް އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

\"ފުލުހުންނާއި ސިފައިން ހިންގި ބަޣާވާތް\" މި ރިޕޯޓާ ބެހޭ ގޮތުން އަސްލަމް ވިދާޅުވެފައި ވަނީ ރިޕޯޓަށް މައުލޫމާތު ދެއްވި ފުލުހުން ފެބްރުއަރީ 7، 2012ގައި ވެރިކަން ބަދަލުވިގޮތާ ބެހޭ ގޮތުން ޝަރީއަތުގައި ހެކިބަސް ދިނުމަށް ތައްޔާރަށް ތިބި ކަމަށެވެ. އަދި އެބޭފުޅުން ހެކި ބަސް ދެއްވާނީ \"ބަޣާވާތާ\" ދެކޮޅަށް ކަމަށް އަސްލަމް ވިދާޅުވެފައިވެ އެވެ.