"އަހަރެން ދުށީމޭ އޭނަ ފުރަނިކޮށް." ހައިރާންކަމާއެކު ޒައިނާ ބަލަން ފެށުމުން އިޝްފާން އޮޅުން ފިލުވައިދިނެވެ.

އިޝްފާންގެ ނަޒަރު ރަނގަޅަށް ޒައިނާގެ މޫނަށް ހުއްޓުމާއެކު، ޒައިނާގެ ކަނާއަތް ފަރާތު ކޯތާފަތުގައިވާ ނިޝާން އޭނާގެ ލޮލުގައި ރީތިކޮށް އަޅައިގަތެވެ. އެ ހިނދު އެހިތަށް ހަމަ ޔަޤީންނުންވެސް ތަދުވެއްޖެއެވެ. ޒައިނާއަށް އެ ލިބެމުންދާ ވޭނުން އެ އަންހެން ކުއްޖާ ސަލާމަތް ކުރަން އޭނާ ބޭނުންވިއެވެ. އިޝްފާން އެ ބަލަނީ އޭނާގެ ކޯތާފަތަށްކަން އެނގުނު ހިނދު ބޭއިޚްތިޔާރުގައި ޒައިނާއަށް އޭނާގެ ކޯތާފަތުގައި އަތް ޖައްސާލެވުނެވެ.

"އޭނަ އަނިޔާކޮށްފަ ދޯ." އިޝްފާންގެ އަޑަށް ކުއްލިއަކަށް ރުޅިވެރިކަން ވެރިވިއެވެ.

ދެން ބުނާނީ ކީކޭކަން ނޭނގި ޒަައިނާއަށް އިޝްފާންއަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރެވުނެވެ. އިޝްފާންގެ ފަހަތަށް ވެސް ޒައިނާއަށް ބަލައިލެވުނެވެ. އޭނާއަށް ހީވަނީ ދެންމެ ދެންމެ ނިހާދު އަތުވެދާނެހެންނެވެ. މިތަނުގައި އިޝްފާން ހުރިތަން ފެނިއްޖެނަމަ، މަސްލަހަތު ވަރަށް ގޯސްވާނެކަން އޭނާއަށް އެނގެއެވެ. ނިހާދު ރަށުގައި ނެތް ނަމަވެސް، ނަފްސާނީގޮތުން އަސަރުކޮށްފައިވާ ޒައިނާއަށް އެކަންތައް ގަބޫލުކުރާކަށް ފަސޭހަކަމަކަށް ނުވިއެވެ. އޭނާގެ ސިކުނޑީގައި އަބަދާ އަބަދު ދައުރުވަމުން ދަނީ ނިހާދުގެ އަނިޔާވެރިކަމެވެ. ކަމަކާ ނުލާ އޭނާއަށް ދެމުންދާ އަނިޔާތަކެވެ.

"އޭނައެއް ނާންނާނެޔޭ…" ޒައިނާ ދުރަށް ނަޒަރު ހުއްޓާލިތަން ފެނި ވީ ގޮތް ނަގައިގަނެވުނު އިޝްފާން ބުނެލިއެވެ.

"އެހެންވިޔަސް، ކީކުރަން ތިއައީ؟" އެކަނިމާއެކަނި އިޝްފާންއާ އެކު ހުންނަން ވުމުން ޒައިނާ ހާސްވީ، އިޝްފާންއަކީ މަސްތުވާތަކެތި ބޭނުންކުރާ ޒުވާނަކަށް ވީތީއެވެ. އަނެއްކޮޅުން މިފަދަ ގަޑިއެއްގައި ނިހާދުވެސް ނޫޅޭކަން ޔަޤީންވާ ޙާލު އިޝްފާން އެ ގެއަށް އެ އައީ ކީއްވެހެއްޔެވެ؟ އޭނާއާ މެދު ކަންބޮޑުވުން އިޝްފާން އެ ހާމަކުރަނީ ކީއްވެހެއްޔެވެ؟

"ޒައިނާގެ ޙާލު ބަލާލަންވެގެން." ޒައިނާގެ މޫނުމަތީގައިވީ އަސަރުތައް ދިރާސާކުރާ ފަދައަކުން ހުރުމަށްފަހު، އިޝްފާން ތެދު ހާމަކޮށްލިއެވެ. ހަމަ ހަޤީގަތުގައިވެސް އޭނާ ޒައިނާގެ ޙާލު އެނގެން ބޭނުމެވެ. ނިހާދުގެ ފަރާތުން އިތުރު އަނިޔާއަކާއި ކުރިމަތިވިތޯ އެނގެން ބޭނުމެވެ.

"އަހަރެންގެ ޙާލު ރަނގަޅު. ދެން ދޭ…" ޒައިނާ ބޭނުންވީ އިޝްފާން އެތަނުން ފޮނުވާލާށެވެ. އިޝްފާން އޭނާއާމެދު ހަމްދަރުދީ ފާޅުކުރިއެއްކަމަކު، އިޝްފާންއަށް އިތުބާރުކުރުމަކީ އޭނާއަށް އުނދަގޫކަމެކެވެ. ފިރިހެނެއްގެ ހަޤީޤީ ސޫރަ ދަސްވާނެނަމަ ކައިވެނިކުރުމުގެކުރިން އޭނާއަށް ނިހާދުގެ ހަޤީޤީ ސޫރަ ފެނުނީހެވެ. އޭރު ނިހާދު އުޅުނީ އެހާ ވެސް ލޯބިން ވިއްޔާއެވެ. ދުވާލަކު ދެ ތިން ހަތަރު ފަހަރު ގުޅާއިރުވެސް، އޮންނަނީ މަދުވެފައެވެ.

"ކިހިނެއްވީ؟ އަހަރެން ދެކެ ޖެހިލުންވަނީތަ؟" ޒައިނާއަށް ވެފައި ހުރި ގޮތް އިޝްފާންއަށް އެނގެއެވެ. އެ މޫނުމަތިން ފެންނަމުން ދަނީ ކޮންމެވެސް ކަމަކާ ބިރުގަނެފައިވާ ފަދަ އަސަރުތަކެކެވެ.

"ފިރިމީހާ އެހެން އަންހެނުންނާއެކު އުޅޭއިރު ކީއްވެ އެއްޗެކޭ ނުބުނެ ތި ހުންނަނީ؟ ކީއްވެތަ ހުރިހާ އަންހެނުން އެމީހުންނަކީ އެހާ ނިކަމެތި ބައެއް ކަމަށް އަމިއްލައަށް ނިންމައިގެން ތިބެނީ؟" ޖީންސްގެ ޖީބަށް އަތް ޖަހާލި އިޝްފާން ސުވާލުކޮށްލިއެވެ. އެތަނުން ދާން އޭނާ ބޭނުންނުވާ ފަދައެވެ. ހީވާކަހަލައެވެ. އިޝްފާން ބޭނުންވަނީ ޒައިނާއާއެކު ވަގުތުކޮޅެއް ހޭދަކޮށްލާފައި އެންމެ ފަހަރަކު ނަމަވެސް، އެހިތުގެ ޙާލު އެ ދުލުން ބަޔާންކުރާ އަޑު އަހާލާށެވެ.

"އިޝްފާން ތީ ތި ސުވާކުކުރަން ކާކު؟" އިޝްފާންއަކީ ކޮންމެ ކަހަލަ މީހަކަށް ވީނަމަވެސް، އެ ފަދަ ބަސްތަކުގެ ސަބަބުން ޒައިނާގެ ހިތުގައި ބައެއްފަހަރު އިތުރު ސުވާލުތައް އުފެދުމަށް ޖާގަ ދެވެއެވެ. އެހާ ވަރަށް އެފަދަ ކަންތައްތަކާ މެދު ވިސްނާއިރު، އިޝްފާން މަސްތުވާތަކެތި ބޭނުންކުރަނީ ކީއްވެހެއްޔެވެ؟

"އަހަންނާ ބެހޭ މައުލޫމާތު އެނގުނިއްޔާ އެ ސުވާލުތަކަށް ޖަވާބު ދޭނަންތަ؟" ޒައިނާގެ ސުވާލު އަޑު އަހާފައި ވާހަކަ ދެއްކި އިޝްފާން ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިކޮށްލިއެވެ.

"ކިހިނެއްވީ؟ އަހަންނަށް މި ބުނެވުނީ މާ މަޖާ އެއްޗެއްތަ؟ ނުވެސް ދަންނަ މީހަކަށް އަހަރެން ނުޖެހޭނެކަންނޭނގެ އަހަރެންގެ ޒާތީ ދިރިއުޅުމުގެ ވާހަކަ ހާމަކުރާކަށް." ޒައިނާ ބުނެލިއެވެ.

"ނޫނޭ މަޖާ އެއްޗެއް ނޫން. އެކަމަކު ބުނެބަލަ، ނުގޮތަކަށް ތި ބުނަނީ ދަންނަ މީހަކަށް ވީނަމަ ޒާތީ މައުލޫމާތު ހާމަކުރާނަމޭތަ؟ އެހެންވިއްޔާ އަހަރެމެން ނުވޭ ކަންނޭނގެ ބީރައްޓެހިންނަކަށް. ކުރިންވެސް ފެނި ވާހަކަ ދެކެވުނެއްނު. އަނެއްކޮޅުން އަހަރެމެން މީ އަވައްޓެރިން. އެހެންވީމަ…" އިޝްފާން ދެބުމަ އަރުވާލިއެވެ.

"އަހަރެން ބޭނުމެއް ނޫން އިތުރަށް ވާހަކަ ދައްކާކަށް. ދޭ…" އެހެން ބުނެލާފައި ޒައިނާ އުޅުނީ ދޮރު ޖަހާށެވެ.

"އެއީ އަހަންނަކީ ކާކުކަން ނޭނގޭތީތަ؟ ބުނެފާނަމޭ. އަހަރެން ޖެހިލުމެއް ނުވެޔޭ.." އިޝްފާންގެ ޖުމްލައާއެކު، ޒައިނާއަށް މަޑުޖެހިލެވުނީ ހަޤީގަތުގައި އިޝްފާންއާ ބެހޭގޮތުން އެނގެން އޭނާވެސް ބޭނުންވެފައި ހުރުމުންނެވެ. ޒައިނާއަށް އައި ބަދަލުތައް ފާހަގަވި އިޝްފާން އެއްމިޔަކަށް ހީނލިއެވެ.

"ކިޔާބަލަ!" ޒައިނާ ބުންޏެވެ.

"އަހަރެންގެ ނަމަކީ އިޝްފާން….." ނަން ބުނެލާފައި އިޝްފާން މަޑުޖެހިލިއެވެ. " ކޯންޗެއް އެނގެން ބޭނުންވަނީ؟"

"ކީއްކުރަން މި ރަށަށް އައީ؟" ޒައިނާ ވިސްނާލަމުން ސުވާލުކޮށްލިއެވެެ.

"މަޖުބޫރުވީމަ." އިޝްފާންގެ ޖަވާބު ކުރެވެ. އެ ޖަވާބާއެކު ޒައިނާއަށް އަނެއްކާވެސް ސުވާލުގެ ނަޒަރަކުން އިޝްފާންއަށް ބަލައިލެވުނެވެ.

"އަހަރެންގެ ލައިފް ވަރަށް ކޮމްޕްލިކޭޓެޑް. ހިތަށް އަރުވާލާ ކުޑަ ދުވަސްކޮޅަކަށް އައި މެހެމާނަކޭ މީ." އޭނާގެ ޙަޔާތާ ބެހޭގޮތުން ޒައިނާއަށް މާބޮޑު އެއްޗެހިތަކެއް ކިޔައިދޭކަށް އިޝްފާން ބޭނުމެއް ނުވެއެވެ.

"ދެން ދޭ…" އިޝްފާންގެ ނިޔަތް ގޯސް ނޫންކަން އެނގުނު ނަމަވެސް، އެގޮތަށް ގިނައިރު އިޝްފާންއާ ވާހަކަ ދައްކަން ހުންނާކަށް ޒައިނާ ބޭނުމެއްް ނޫނެވެ. އޭނާއަކީ މީހެއްގެ އަނތްބެކެވެ. ކިތަންމެ އަނިޔާވެރިވި ނަމަވެސް، ފިރިމީހާ ރަށުން ބޭރަށް ދިޔުމުން އެހެން މީހަކަ ވާހަކަދެއްކުމަކީ ރަނގަޅުކަމަކަށް ނުވާނެއެވެ.

"އޯކޭ… އެކަމަކު ބުނަންތަ ވާހަކައެއް؟ ތިހާ އަނިޔާވެރި މީހަކާ އިނދެގެން ލިބޭނެ އެއްވެސް ފައިދާއެއް ނޯންނާނެ. ދަރިއެއް ލިބުނަސް އެ ދަރިއަކަށް ވެސް ލިބޭނީ ނިކަމެތިކަން" އިޝްފާން ދިޔައީ މާނަފުން ޖުމްލައެއް ބުނެލާފައެވެ. ދޮރު ލައްޕާލުމަށްފަހު، ދޮރުގައި ލެނގިލައިގެން ހުރެ އެ ބަސްތަކާމެދު ޒައިނާއަށް ފުންކޮށް ވިސްނުނެވެ. އިޝްފާންއާ މެދު ވިސްނިވަރަކަށް ހީވަނީ ޖަވާބު ލިބުން ނެތް ސުވާލުތަކެއް ހިތުގައި އިތުރުވާހެންނެވެ. އަދި އިހަކަށްދުވަހު ފެނުނު އެ ޒުވާނާއާ މެދު އޭނާ އެހާ ޝައުޤުވެރިވަނީ ކީއްވެހެއްޔެވެ؟ އޭނާގެ ވާހަކަތަކާމެދު އެހާ ފުންކޮށް ވިސްނެނީ ކީއްވެހެއްޔެވެ؟ ހައްތަހާވެސް ޖަވާބު ނުލިބޭ ސުވާލުތަކެކެވެ. އެހެންނަމަވެސް، އެ ޒުވާނާގެ އެ ފަދަ ބަސްތަކުގައި ވަނީ ބުނެދޭން ނޭނގޭ އަސަރެކެވެ. އެ ބުނަނީ ހަމަ ތެދު ވާހަކަތަކެކެވެ.

ނިހާދު ފަދަ އަނިޔާވެރިއަކާ ކައިވެނިކޮށްގެން އުޅެނިކޮށް ދަރިއަކު ލިބިއްޖެނަމަ އޭނާއަށް ލިބެމުންދާ ނިކަމެތިކަން ދަރިންނަށްވެސް ލިބޭނެއެވެ. ބައެއްފަހަރު ދަރިން ލިބުމުން އަނިޔާވެރި ފިރިންވެސް ބަދަލުވާކަމުގައި މީހުން ބުނާތީ އޭނާއަށް އަޑު އިވެއެވެ. އެހެންނަމަވެސް، އެއީ ވުމަށް ވުރެ ނުވުން ގާތްގޮތެކެވެ. ނިހާދާ އިނދެގެން އުޅެން އޭނާއަށް މަޖުބުރުވެފައިވާ އެއް ޙާލަތަކީ ވަރިވެގެން ގޮސް ވަންނާނެ ހިޔާވައްސެއް ނެތުމެވެ. އޭނާއަށް އޯގާތެރިވާނެ އާއިލާއެއް ނެތުމެވެ. އަނެއް ކަމަކީ އޭނާގެ ހިތުގައި ނިހާދާ މެދު އުފެދުނު ލޯތްބެވެ. ވީއިރު އޭނާއަށް އޮތް ގޮތަކީ އުމުރަށް މި އަނިޔާވެރިކަން ތަޙައްމަލްކުރުން ހެއްޔެވެ؟. އެއްވެސް މިނިވަންކަމެއް ނެތް މި ޖަލުގައި ބަންދުވެގެން އިނުން ހެއްޔެވެ؟

ގެއަށް ގޮސް ފެންވަރާލައިގެން ނުކުމެ އެނދުގައި އޮށޯވެލި އިޝްފާންގެ ވިސްނުމާ ގުޅުނީ ޒައިނާއެވެ. ޒައިނާއާ މެދު އާދަޔާ ޚިލާފްގޮތެއް ބެހެއްޓޭކަން އޭނާއަށް ޔަޤީނެވެ. އެންމެ ބިރު ގަންނަނީ އެހެންވެގެންނެވެ. އޭނާއާ ޒައިނާއާ ދެމީހުންނަށް އުފާވެރި މުސްތަޤްބަލެއް ނެތެވެ. އެވެވެނީ ލޯބިކަމަށްވީނަމަވެސް، އެކުގައ އުޅުން އެއީ ވާނެކަމެއް ނޫނެވެ. ކިތަންމެ ވަރަކަށް އެ އިޙްސާސްތައް ހިތުތެރޭގައި އޮއްބާލަން މަސައްކަތްކުރި ނަމަވެސް، އިޝްފާންއަށް ކާމިޔާބެއް ނުވެއެވެ. ހިތުގެ މުރާދު ހާސިލްކުރުމަށް އެ ހިތް ވަނީ ބޭޤަރާރުވެފައެވެ. އަމިއްލަ ނަފުސުގެ ކޮންޓްރޯލް އޭނާގެ އަތުން ގެއްލިދާން ކިތަންމެ ބޭނުން ނޫން ނަމަވެސް، އޭނާގެ ނުކިޔަމަންތެރި ހިތުގެ ކުރިމަތީގައި ވަނީ އިސްޖަހާލަން މަޖުބޫރުވެފައެވެ. ހިތެއްގެ އިޙްސާސްތައް ދަސްކުރުމަކީ އެއްވެސް އިންސާނަކަށް ކުރެވޭނެކަމެއް ނޫނެވެ. ހިތް އެހާ އަޖައިބުކުރުވަނިވި އެއްޗަކަށް ވާ ސަބަބަކީ އެއީއެވެ. މިއަދު ލޯބިން އުޅެފައި މާދަމާ ނަފްރަތަށް އެ ހިތުން ޖާޖަ ދެވެއެވެ. ހިތުން އެކަކަށް ދެވިފައިވާ މަޤާމު އަނެކަކަށް ނުދެވެއެވެ. ކޮންމެ މީހެއްގެ މަޤާމަކީވެސް ހިތުގައި ތަފާތު، ޚާއްސަ އެއްޗެކެވެ. އިންސާނާއަށް ކަފުންކޮށް ވަޅުކަން އެންމެ އުނދަގޫވާނީ ވެސް ހަމަ އެ ހިތުގެ އިޙްސާސްތަކެވެ. އެންމެ ދުވަހެއްގެ އެންމެ ބައްދަލުވުމެއްގެ އަސަރުވެސް އެތަކެއް ދުވަހަކަށް، ނުވަތަ ތާ އަބަދަށް ހިތުގައި ފެވޭކަމީ އެ ހިތުގެ އަޖައިބުކުރުވަނިވި ކަންތައްތަކުން ކަމެކެވެ.

އެފަދަ ވިސްނުންތަކެއްގައި އޮވެފައި، އިޝްފާން ފުންނޭވާއެއް ދޫކޮށްލަމުން ފޯނު ނެގީ އެ ޚިޔާލުތަކާ ދުރުވެލުމުގެ ބޭނުމުގައެވެ. ސަވާއަށް ގުޅައިލި ނަމަވެސް، ސަވާ ފޯނު ބިޒީކޮށްލީއެވެ. އެކަމުން އިޝްފާންއަށް އަސަރުކުރިނަމަވެސް، ދެވަނަ ފަހަރަށް ސަވާއަށް ގުޅުމުގެ ޚިޔާލު އޭނާ ދޫކޮށްލިއެވެ. ފޯނު ސައިޑް ކަބަޑުމަތީގައި ބާއްވަމުން އިޝްފާން ނިދޭތޯ މަސައްކަތްކުރިއެވެ.

އޭނާއަށް ނިދުނީ ފުރޮޅި ފުރޮޅި އެގޮތަށް އެތަކެއް އިރަކު އޮތުމަށްފަހުއެވެ. ޖެހިގެން އައި ދުވަހު ހޭލިއިރު، އިޝްފާންގެ ބޮލުގައި އިންތިހާއަށް ރިއްސަމުން ދިޔައެވެ. ތެދުވެ އިށީނދެވުނީވެސް އުނދަގުލުންނެވެ. ބޯ ހީވަނީ ފަޅައިގެން ހިނގައިދާނެހެންނެވެ. ބޮލުގައި ދެ އަތުން ބާރަށް ހިފައްޓާލުމާއެކު، ދެލޯ މަރާ ފިއްތާލިއިރު އޭނާ ހީވަނީ އެ ވޭނަށް ކެތް ނުކުރެވިގެން އުޅޭހެންނެވެ.

އުނދަގުލުން ތެދުވެ ހެޑްބޯޑުގައި ލެނގިލުމާއެކު، ފުންނޭވާތަކެއް އިޝްފާން ލިޔެވެ. އޭރު އޭނާ ހުރީ ހުންވައްތަރުވެސް ވެފައެވެ. ސައިޑްކަބަޑުމަތީގއި ހުރި ފެންފުޅި ނަގާ އޭގެން އެތި ފޮދެއް ބޯލުމަށްފަހު، އަނެއްކާވެސް އެނދުގެ ހެޑްބޯޑުގައި އިޝްފާން ލެނގިލިއެވެ. ގޭގައި ޕެނެޑޯލް ގުޅައެއް ހާ ހިސާބުވެސް ނެތެވެ. އެ ގަންނަންވެސް ދާން ޖެހޭނީ ބޭސްފިހާރައަށްކަމުން އޭނާ އެ ޚިޔާލުދޫކޮށްލީ އެހާ ވަރަށް ބޮލުގައި ރިއްސާއިރު، ހިނގާފައި ނުދެވޭނެކަން އެނގޭތީއެވެ.

އެނދުގައި އެގޮތަށް ބައިގަޑިއިރަށްވުރެ ގިނައިރު އިޝްފާން އިންއިރު، އޭނާ ގަޔާއި ބޮލުގައި ފެން ހޭކިއެވެ. ކޮންމެވެސް ވަރެއްގެ ލުޔެއް ވިހެން ހީވުމާއެކު، އިޝްފާން އެނދުން ތެދުވެގެން އެ ދިޔަގޮތަށް ގޮސް ފާޚާނާއަށް ވަނެވެ. ޝަވަރު ދޫކޮށްލައިގެން އޭގެން އޮހެމުންދިޔަ ފިނިފެންތަކުގެ ދަށުގައި އޭނާ އެތަކެއް އިރަކު ހުއްޓެވެ. ލުއިވުމާއެކު ފާޚާނާއިން ނުކުމެ ތެތްއެއްޗެހި ބަދަލުކޮށްލައިގެން، އަނެއްކާވެސް އެނދަށް އަރާ އޮށޯތެވެ. މާގިނަ އިރެއްނުވެ އޭނާއަށް ނިދިއްޖެއެވެ.

ދެން ހޭލެވުނީ އަސުރަށް ވެސް ގޮވިފަހުންނެވެ. އޭރު ބޮލުގެ ރިހުން ލުއިވެފައި ހުރިނަމަވެސް، ހުންގަނޑުވަނީ ގަދަވެފައެވެ. އޭގެ އިތުރުން ކަރުތެރެއަށްވެސް އިންތިހާއަށް ތަދުވަމުން ދިޔައެވެ. ކޮންމެވެސް ވަރަކަށް ކެއްސަންވެސް ފެށިއެވެ. ހިތްވަރުކޮށްފައި އޭނާ ބޭސް ފިހާރެއަށް ގޮސް ބޭސް ގަނެގެން އައިސް އެ ކައިގެން ސޯފާގައި ޖައްސާލިއެވެ.

ލުޔެއްނުލިބި، އެރޭ ކެއްސުންގަނޑު އިތުރުވެގެން ދިޔައެވެ. ގަނެގެން ގެނައި ކެއްސާތީ ބޯ ބޭސްފުޅިއަކުން އެއްވެސް އަސަރެއް ނުކުރިއެވެ. ދަންވި ދަންވިހެން ކެއްސުމުގެ އުނދަގޫ ބޮޑުވަމުން ދިޔަ އިޝްފާންއަށް ނިދޭގޮތެއް ވެސް ނުވިއެވެ. ބޭސްކައިގެން ހުން މަޑުވެ، ބޮލުގެ ރިހުން ނެތްނަމަވެސް، ނޭފަތަށް އުނދަގޫވަމުން ދިޔައެވެ. އެ ޙާލުގައި އުޅެފައި އޭނާއަށް ނިދޭވަރުވީ ފަތިސް ވީފަހުންނެވެ. އެހެންނަމަވެސް، މާ ގިނައިރު އޭނާއަށް ނިދޭގޮތެއް ނުވިއެވެ. ފިނިވެ ނޭފަތަށް މާބޮަޑަށް އުނދަގޫވެގެން ހޭލެވުނީއެވެ. ކޮޓަރިން ނުކުމެ ސިޓިން ރޫމުގެ ދޮރުތައް ހުޅުވާލުމާއެކު، އިޝްފާން ސޯފާގައި ޖައްސާލީ ފަންކާވެސް ނުޖަހައެވެ.

ހެނދުނު ގޭގެ ގޯތިތެރެ ކުނިކަހަން ނުކުތް ޒައިނާ އޯކިޑް ވިލާއަށް ބަލާލިއެވެ. އޭނާގެ ދެލޯ ހޯދަމުން ދިޔައީ އިޝްފާންއެވެ. އިޝްފާން ގޭގައި އުޅޭކަން ޔަޤީންވީ ކުއްލިއަކަށް އެގޭގެ ކުޑަ ދޮރުތައް ހުޅުވާލުމުންނެވެ. ގޯތިތެރެ ކުނި ކަހަމުން ކަހަމުން ގޮސް ޖަހާފައި ހުރި ފެންސުތަކާ ހިސާބަށް އައިއިރު، އިޝްފާންގެ ކެއްސުމުގެ އަޑު ޒައިނާގެ ކަންފަތާ ހަމައަށް ފޯރައިފިއެވެ. އެ އަޑަށް ޒައިނާއަށް ސަމާލުކަން ދެވުނީ ބޭއިޚްތިޔާރުގައެވެ. އިޝްފާން ބަލިވީހެއްޔެވެ؟ އަނެއްކާ މިހާރު ރަށުގައި ފެތުރިގެން އެ އުޅޭ ވައިރަލް ރޯގާ ހެއްޔެވެ؟ ހާދަ ވަރަކަށް އެބަ ކެއްސައޭ އޭނާގެ ހިތަށް އެރިއެވެ. އެ ރޯގާ ޖެހުމަށްފަހު، ޑޮކްޓަރީ ބޭހުން ކެއްސުން ފިލައިގެން ދާ ވަރަށް ވުރެ އަވަހަށް ދިވެހި ބޭހުން ރޯގާގެ އަސަރު ފިލައެވެ. މިދޭތެރެއަކުން އޭނާއަށް ވެސް އެ ރޯގާ ގަނޑު ލައްވާލުމުން އޭގައި ހުރި ވޭން ވަޒަންކޮށްލަން އެނގެއެވެ. ޚުދު އޭނާވެސް ރަނގަޅުވީ ދިވެހި ބޭސް ބޭނުންކުރި ފަހުންނެވެ. ރޯގާ ޖެހޭތާ ކުރީކޮޅު ބޭނުންކުރުމުން ރަނގަޅުވާލެއްވެސް އަވަހެވެ. އިޝްފާންއަކީ އެރަށަށް ބީރައްޓެއްސަމުން އެހީތެރިކަމުގެ އަތެއް ދިއްކޮށްލަންދޭން އޭނާގެ ހިތް ގޮވި ގޮވުމަށް ޒައިނާ އިޖާބަދިނީ އެހެންވެގެންނެވެ.

އިލޮށިފަތި ހިފައްޓައިގެން އިރުކޮޅަކު އޭނާ އެ އަޑު އަހަން ހުރުމަށްފަހު، އަވަސް ފިޔަވަޅުތަކެއްގައި ގޮސް ގޭގެ ބަދިގެއަށް ވަނެވެ، ކެއްސާތީ އެ ރަށު މީހަކު އޭނާއަށް ދީފައި ހުރި ދިވެހި ބޭސްފުޅި ހިފައިގެން ޒައިނާ ގޮސް އޯކިޑްވިލާގެ ގޯތިތެރެއަށް ވަނެވެ. ދޮރާ ހިސާބުން އޭނާއަށް މަޑުޖެހުމެއް އައެވެ. އޭރުވެސް ކޮންމެވެސް ވަރަކަށް ކޮށިއަރައިގެން ކެއްސާ އަޑު އިވެމުން ދިޔައެވެ. ދޮރުގައި ޓަކި ޖަހަން އަތް ހިއްލާފައި ވެސް ޒައިނާއަށް އަތް ތިރިކޮށްލެވުނެވެ.

އެގޮތުގައި ވިސްނުމުގައި ހުއްޓާ ކުއްލިއަކަށް ދޮރު ހުޅުވާލުމާއެކު އޭނާއަށް ސިހުން ލިބިގެން ދިޔައެވެ. އިޝްފާން ހުރީ ހުސްގަޔާ ހަމައެކަނި ސޯޓެއްގައެވެ.

(ނުނިމޭ)