މި އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން މާދަމާ ފެށޭއިރު، 96،000 އަށްވުރެ ގިނަ ދަރިވަރުން ސުކޫލުތަކުގައި ކިޔަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރީން މިއަދު ބުނެފިއެވެ.

މި ގޮތުން އެޑިއުކޭޝަން މިނިސްޓަރީން މިއަދު ނެރުނު ބަޔާނުގައި ބުނީ އޭގެ ތެރޭގައި 40،300 އެއްހައި އަންހެން ދަރިވަރުން ހިމެނޭއިރު، 42،700 ފިރިހެން ދަރިވަރުން ހިމެނޭ ކަމަށެވެ.

އޭގެތެރެއިން 17،000 އެއްހާ ދަރިވަރުންނަކީ މާލެ ސަރަހައްދުގައި ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރުން ކަމަށް އެ މިނިސްޓަރީން ބުންޏެވެ.

އެޑިއުކޭޝަން މިނިސްޓަރީން ބުނީ ރާއްޖޭގެ ޕްރައިވެޓް ސުކޫލަތުގައި އެލްކޭޖީ އިން ފެށިގެން ގުރޭޑް 12އާ ހަމައަށް 13،000 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ހާސިލުކުރަމުންދާއިރު، އޭގެތެރެއިން 9000 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ހާސިލުކުރަމުންދަނީ މާލެ ސަރަހައްދުގައި ކަމަށެވެ.

މީގެއިތުރުން މި އަހަރު މާލެ ސަރަހައްދުގެ ގުރޭޑް އެކަކަށް 2،250 އެންރޯލް ކުރެވިފައިވާއިރު، މާލެ ސަރަހައްދުގެ ގްރޭޑް އެކެއް ފިޔަވާ އެހެން ގްރޭޑްތަކަށް ވަންނަން ހުށަހެޅި އަދަދަކީ 2،081 ކަމަށް އެޑިއުކޭޝަން މިނިސްޓަރީން މިއަދު ނެރުނު ބަޔާނުގައި ބުންޏެވެ.

ހަމަ މިއާއެކު އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަތޮޅުތަކުގެ ސުކޫލުތަކުން މާލެ ސަރަހައްދުގެ ސުކޫލުތަކަށް 1،126 ދަރިވަރުން ބަދަލުވެފައިވާ ކަމަށެވެ.

މިގޮތުން މާލޭ ސަރަޙައްދުގެ އެއް ސްކޫލުން އަނެއް ސްކޫލަށް 1,000 އެއްހާ ދަރިވަރުން ބަދަލުވިކަމަށް އެ މިނިސްޓަރީން ބުންޏެވެ.

އެޑިއުކޭޝަން މިނިސްޓަރީން ބުނީ ފެންވަރު ރަނގަޅު ތަަޢުލީމެއް ދަރިވަރުންނަށް ފޯރުކޮށްދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ
މުދައްރިސުން ކަމަށެެވެ. އަދި މި އަހަރު ފެށޭއިރު ސަރުކާރު ސްކޫލުތަކުގައި 12,662 މުދައްރިސުން މަސައްކަތް ކުރާނެ ކަމަށް އެ މިނިސްޓަރީން ބުނެއެެވެ.

އޭގެތެރޭގައި 10,729 ދިވެހި މުދައްރިސުންނާއި 1,933 ބިދޭސީ މުދައްރިސުން ހިމެނެއެވެ.

މި ދިރާސީ އަހަރު ސަރުކާރު 162 ސްކޫލެއްގައި އެއް ދަންފަޅިއަށް އަދި 55 ސްކޫލެއްގައި ދެ ދަންފަޅިއަށް ކިޔަވައިދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރީން ވަނީ ބުނެފައެވެ.

އަދި މި އަހަރު ވެސް ހަ ސްކޫލެއްގައި ސެޓެލައިޓްކޮށް ކިޔަވައިދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ފެހެންދޫ ސްކޫލް، ފުޅަދޫ ސްކޫލް، ކޮނޑޭ ސްކޫލް، ރަކީދޫ ސްކޫލް، ވ. ތިނަދޫ ސްކޫލްގެ އިތުރުން އދ. ދިއްދޫ ސްކޫލެވެ.

މުޅި ރާއްޖެއަށް މޫސުން ގޯސްވެފައިވާތީ މާދަމާ ފެށޭ ދިރާސީ އަހަރުގެ ކިޔެވުން، ފުރަތަމަ ތިން ދުވަހުގެ ކިޔެވުން ތިން ގަޑިއިރަށް ބޭއްވުމަށް އެޑިއުކޭޝަން މިނިސްޓަރީން ވަނީ ނިންމާފައެވެ.