މި އަހަރުގެ މިނިވަން ދުވަހާ ގުޅުވައިގެން ގިނަ ހަރަކާތްތަކެއް ހިންގުމަށް ތައްޔާރުވަމުން އަންނަކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް އާތިކާ އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިއަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފައިވާ ޝިއާރަކީ "ދިވެހީންގެ އަމިއްލަ ވަޠަން، ދިވެހީންގެ މިނިވަންކަން" މިއެވެ.

ކޮންމެ އަހަރެއްގައި ވެސް މިނިވަން ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަނީ ޖުލައި މަހުގެ 26 ވަނަ ދުވަހެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް އާތިކާ އިބްރާހިމް ވަނީ ނިމިވަން ދުވަހާގުޅުވައިގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ހަރަކާތްތަކުގެ ތަފްސީލް ހިއްސާ ކުރައްވާފައެވެ.

އެގޮތުން މިނިވަން ދުވަހާ ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބާއްވާ ރަސްމީ ބައްދަލުވުމާއި ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ޚިދުމަތްތެރީންނަށް އިނާމް ދިނުމުގެ ޖަލްސާ އޮންނާނެ ކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު ދިދަ ނެގުމުގެ ހަފްލާއެއް ބާއްވާނެ ކަމަށާއި މި ހަރަކާތުގައި ރައްޔިތުން ބައިވެރިވުމާއެކު ދިދަ ވިހުރުވުމުގެ ހަރަކާތެއް ވެސް ބޭއްވުމަށް ހަމަޖެހިފައި ވާކަމަށް ވިދާޅުވިއެވެ

ހަމައެއާއެކު، އާތިކާ ވިދާޅުވީ ސްކޫލް ދަރިވަރުންނަށް ހާއްސަ ކޮއްގެން މަޒުމޫނު ލިއުމުގެ މުބާރާތާއި ކުރެހުމުގެ މުބާރާތުގެ އިތުރުން ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތަކުގެ ތެރެއިން 4 އައިޓަމެއް ސްކޫލް ދަރިވަރުން ހުށައަޅާނެ ކަމުގައެވެ. އަދި ސްކޫލްތަކުގައި ދުވަހާއި ގުޅުވައިގެން ހާއްސަ އެސެމްބްލީ ބޭއްވޭނެކަމަށް ވިދާޅުވިއެވެ.

މި ހަރަކާތްތައް ބާއްވަނީ ޖުލައި މަހުގެ 24 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި، އަސްކަރީ ހަރަކާތްތައް ހިމެނޭ ޕެރޭޑް. މި ޕެރޭޑު ބެލުމަށް ގިނަ އަދަދެއްގެ މީހުން މާލޭގެ މަގުތަކަށް އެއްވި -- ސަން ފޮޓޯ/ މުޙައްމަދު ޝާތިއު

އެމްއެންޑީއެފް އިން ކުރިއަށް ގެންދާ އަސްކަރީ ސެރެމޯނިއަލް ޕެރޭޑާއި މެރިޓައިމް ފެރޭޑް އަދި ފްލައި ޕާސްޓްގެ އިތުރުން ކެޑޭޓް ކުދީންގެ ޕެރޭޑް ވެސް ކުރިއަށް ދާނެކަމަށް އާތިކާ ވިދާޅުވިއެވެ.

މީގެއިތުރުން ދުވަހާ ގުޅުވައިގެން ޑްރާމާއެއް އިފްތިތާހް ކުރުމާއި "މިނިވަން ދުވުން"ގެ ނަމުގަ ދުވުމެއް ބާއްވަން ހަމަޖެހިފައި ވާއިރު ފަންނާނުންގެ ޝޯއަކާއި "އިސް ރައްވެހީންގެ މައިޒާން"ގެ ނަމުގައި ހަވީރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އަދި ފިލްމް ފެސްޓިވަލް ވެސް ބާއްވާ ގޮތައް ހަމަޖެހިފައި ވާއިރު އެމްބަސީތަކުގައި ދުވަހާއި ގުޅުވައިގެން ހަރަކާތްތައް ބާއްވަން ވެސް ވަނީ ނިންމާފައެވެ.

އާތިކާ ވިދާޅުވީ މިނިވަން ކާނިވާ، ޑްރޯން ޝޯގެ އިތުރުން ހަވާ އެރުވުމާއި ސަގާފީ ޝޯވ އަދި މިނިވަން ސޭލްގެ ނަމުގައި ސޭލެއް ބޭއްވުމަށް ވެސް މަޝްވަރާ ކުރެވޭ ކަމުގައެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައި އެ ވުޒާރާއިން ވަނީ މިއަހަރުގެ އަޟްހާ އީދު ރާއްޖޭގެ ތިން ރަށެއްގައި ފާހަގަ ކުރުމަށް ނިންމާފައިވާކަަމަށާއި މިހަފްތާގެ ތެރޭގައި އެ ތިން ރަށުގެ މައުލޫމާތު ހިއްސާ ކުރާނެ ކަމަށް ބުނެފައެވެ.