މާލޭގެ ގެސްޓް ހައުސްއެއްގައި ނޭޕާލު މީހަކު ބަންދުކޮށްގެން ގެންގުޅުނު މައްސަލައިގައި ހައްޔަރުކުރި ބަންގްލަދޭޝް ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ މި މައްސަލައިގައި ހައްޔަރުކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮއްލާފައި ވަނީ ރޭ ކަމަށެވެ.

އަނެއް މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައި ވާކަމަށްވެސް ފުލުހުން ބުންޏެވެ.

އެ ނޭޕާލް ފިރިހެން މީހާ އިއްޔެ ހޯދުމަށް ފަހު ފުލުހުން ވަނީ އޭނާގެ ހާލު ރަނގަޅު ކަމަށް ބުނެފައެވެ.

މީހުން ރަހީނުކުރުމުގެ މައްސަލަތައް މި ފަހުން ވެރިރަށް މާލޭގައި ކަންބޮޑުވާ މިންވަރަށް ވަނީ އިތުރުވެފައެވެ. މީގެ ތެރޭގައި އެކި ކަންކަމުގެ ދަޅަދައްކައިގެން މީހުން ގެންދިއުމަށްފަހު އެ މީހުން ބަންދުކޮށް، ބްލެކްމެއިލްކޮށް ފޭރުމުގެ ކަންކަން ހިމެނެއެވެ.

މިފަދަަ ގިނަ މައްސަލަތަކެއް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.