ލަންޑަން (ޖޫން 14): އަލްޤާޢިދާ ޖަމާޢަތުގެ ދެވަނައަށް އެންމެ އިސްލީޑަރު އަބޫޔަޙްޔާ އައްލީބީ އަވަހާރަކޮށްލެވިއްޖެ ކަމަށް އެމެރިކާ ބުނެފައިވަނިކޮށް އޭނާގެ އޯޑިޔޯ ޓޭޕެއް އެޖަމާއަތަށް ނިސްބަތްވާ ވެބްސައިޓެއްގައި ޝާއިޢުކޮށްފި އެވެ.

މިއޯޑިޔޯގައި އަބޫޔަޙްޔާ އައްލީބީ މައިގަނޑު ގޮތެއްގައި ވާހަކަ ދައްކަވާފައި ވަނީ ސޫރިޔާގެ މައްސަލައާބެހޭ ގޮތުންނެވެ. މިގޮތުން ސޫރިޔާގައި ރައީސް ބައްޝާރުލްއަސަދްގެ ސަރުކާރުން އެޤައުމުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންގެންދާ މީހުން މެރުމާއި އަނިޔާވެރި ޢަމަލުތަކާ ބެހޭ ވަރަށް ފަހުގެ ވާހަކަތައް އަބޫޔަޙްޔާ އައްލީބީ ދައްކަވާފައިވެ އެވެ. ނަމަވެސް މި އޯޑިޔޯ ރެކޯޑްކުރި ތާރީޚު އެވެބްސައިޓުގައި ހާމަކޮށްފައެއްނުވެ އެވެ.

އަބޫޔަޙްޔާ އަވަހާރަކޮށްލެވިއްޖެކަން އެމެރިކާ އިޢްލާންކޮށްފައި ވަނީ މިޖޫން މަހުގެ 5 ގައެވެ. އޭނާ އަވަހާރަވީ ޕައިލެޓަކާނުލާ ދަތުރުކުރާ އެމެރިކާގެ ޢަސްކަރީ މަތިންދާ ބޯޓަކުން އޭނާއަށް އަމާޒުކޮށް ޕާކިސްތާނުގެ ވަޒީރުސްތާނަށް ދިން ޚާއްސަ ޙަމަލާތަކެއްގައި ވަރަށްބޮޑަށް ޒަޚަމްވެގެން ކަމަށް ވެސް އެމެރިކާގެ މަސްއޫލުވެރިއަކު ހާމަކުރައްވާފައިވެ އެވެ.

ޕާކިސްތާނުގެ ޖާސޫސީ އިދާރާއިންވެސްވަނީ އަބޫޔަޙްޔާ އަވަހާރަކޮށްލެވުނު ކަމަށްބުނެ އެމެރިކާ ދެއްކި ވާހަކަތައް ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އަލްޤާޢިދާއާ ގުޅުންބޮޑު ޕާކިސްތާނުގެ ތާލިބާން ޖަމާއަތުން ވަނީ އޭނާ އަވަހާރަކޮށްނުލެވޭކަމަށް ބުނެފަ އެވެ. މިކަމާބެހޭ ގޮތުން އަލްޤާޢިދާއިން ބަޔާނެއް ނެރެފައެއް ނުވެ އެވެ. އަބޫޔަޙްޔާ އަވަހާރަކޮށްލި ކަމަށް އެމެރިކާއާއި ޕާކިސްތާނުން ބުނި ނަމަވެސް އެކަމުގެ އެއްވެސް ހެއްކެތް އަދި ދަލީލެއް އެދެޤައުމަށް ދެއްކިފައެއް ނުވެ އެވެ.

އަބޫޔަޙްޔާއަކީ ކެމިސްޓްރީގެ ދާއިރާ އިން މަތީ ތަޢްލީމް ޙާސިލްކޮށްފައިވާ އަދި އިސްލާމީ ތަޢްލީމް ވެސް ޙާސިލްކުރައްވައިގެން ހުންނެވި ލީބިޔާގެ ދީނީ ޢިލްމުވެރިއެކެވެ. އުމުރުން 48 އަހަރުގެ އަބޫޔަޙްޔާގެ އަސްލު ނަމަކީ މުޙައްމަދު ހަސަން އެވެ.

އަލްޤާޢިދާގެ ލީޑަރު އުސާމާ ބިންލާދިން އަވަހާރަ ވުމަށް ފަހު އެޖަމާއަތުގެ އިސްލީޑަރަކީ މިސްރުގެ މެޑިކަލް ޑޮކްޓަރެއް ކަމަށްވާ ޑޮކްޓަރު އައިމަން އައްޒަވާހިރީ އެވެ. ދެވަނަ ލީޑަރަކީ އަބޫޔަޙްޔާއައްލީބީ އެވެ. މުރާސިލުން ބުނާގޮތުގައި އަބޫޔަޙްޔާގެ އޯޑިޔޯ ޓޭޕެއް އިންޓަރނެޓްގައި ޝާއިޢުކުރުމުގައި އަލްޤާޢިދާގެ ބޭނުމަކީ އޭނާ އަވަހާރަނުވާކަން ދުނިޔެއަށް ހާމަކުރުމެވެ. އަދި މިހާރުވެސް އިތުބާރު ގެއްލިފައިވާ އެމެރިކާގެ ޖާސޫސީ އިދާރާތަކުގެ އިތުބާރު އިތުރަށް ގެއްލުވާލުމެވެ.
އިއްޔެ އިންޓަރނެޓްގައި ޝާއިޢުކުރި އޯޑިޔޯޓޭޕްގައި އަބޫޔަޙްޔާ އައްލީބީ ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދް ސިފަކުރައްވާފައިވަނީ ޝާމްކަރައިގެ \\\"ތާޣޫތު\\\" ގެ ގޮތުގައެވެ. ބައްޝާރުގެ އަނިޔާވެރިކަމުން ސޫރިޔާގެ ރައްޔިތުން ސަލާމަތްކުރުމަށްޓަކައި ސޫރިޔާގެ އިދިކޮޅު ފަރާތްތަކާ ގުޅުމަށް ޢިރާޤާއި އުރުދުންއާއި ތުރުކީގެ \\\"މުޖާހިދުން\\\" ނަަށް މިޓޭޕްގައި އޭނާ ގޮވާލައްވާފައިވެއެވެ.

އެމެރިކާއާއި އެމެރިކާ ޔޫރަޕާއި އެމެރިކާއާ ގުޅިގައިވާ ޢަރަބި ބައެއް ޤައުމުތަކުން ސޫރިޔާގެ ރައްޔިތުންނަށް ހަމްދަރްދީ ވާކަން ދައްކަނީ ނަމެއްގައި ކަމަށާ ސޫރިޔާގައި ހިނގާ ޤަތްލުއާންމުތައް ހުއްޓުވުމަށް އެޤައުމުތަކުން މަސައްކަތްނުކުރާ ކަމަށްވެސް އަބޫޔަޙްޔާގެ ޓޭޕްގައި ބުނެފައިވެއެވެ. އަބޫޔަޙްޔާ އަވަހާރަކޮށްލެވިއްޖެކަން އެތަށް ފަހަރަކު އެމެރިކާ އިޢްލާންކޮށްފައިވެ އެވެ. (ރޮއިޓާސް)