25 May 2024, 16:33
ކުރިއަށް އޮތް ހަތަރު ދުވަހު މޫސުން ރަނގަޅުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން (މެޓް އޮފީހުން) ލަފާކޮށްފައިވާތީ، ރަށްރަށަށް ބޭނުންވާ ކާބޯތަކެއްޗާއި ޒަރުރީ ތަކެތި އަވަހަށް ގެންދިޔުމަށް، ނޭޝަނަލް ޑިޒާސްޓާ މެނޭޖަމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު އިލްތިމާސްކޮށްފިއެވެ.
"ސަން"އަށް މައުލޫމާތު ދެމުން މިއަދު މެޓް އޮފީހުން ބުނީ، ކުރިއަށް ވުރެ ވައި މަޑުވެ ކަނޑުތައް ވެސް މިހާރު މަޑު ކަމަށެވެ. އެހެންކަމުން ކަނޑު ދަތުރުކޮށް މޫދަށް އެރި އުޅެވޭ ވަރަށް މޫސުން ރަނގަޅުކަމަށް އެ އޮފީހުން ބުންޏެވެ.
އެންޑީއެމްއޭއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކަނޑު ދަތުރު ކުރުމަށް ބުރޫ އަރާފައިވާތީ ބައެއް ރަށްރަށުން ކާޑުގެ ބާވާތްތަކާއި ޒަރޫރީ ތަކެއްޗަށް ދަތިވެފައިވާ ކަމަށެވެ.
އެހެން ނަމަވެސް މާދަމާއިން ފެށިގެން އަންނަ ބުދަ ދުވަހާ ހަމައަށް ކަނޑުދަތުރު ކުރެވޭ ވަރަށް މޫސުން ތަންދޭކަމަށް މެޓް އޮފީހުން ބުނެފައިވާތީ ރަށްރަށުގެ ހާލަތު ބަލާ، އެ މުއްދަތުގެ ތެރޭ ކާބޯތަކެއްޗާއި ޒަރޫރީ ތަކެތި ރަށްރަށަށް ގެންދިޔުމަށް އެންޑީއެމްއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.
މި ދުވަސްވަރު ހުޅަނގު މޫސުމުގެ ވިއްސާރަކުރާއިރު، ފާއިތުވި ދެ ދުވަހު ވަނީ މޫދަށް އެރި އުޅުމުގެ ތެރެއިން ދެ މީހަކު ގެނބިގެން މަރުވެފައެވެ. އަދި ކަނޑުމަތީގައި ވެސް ހިތާމަވެރި ހާދިސާތައް ހިނގާފައިވެއެވެ.