25 May 2024, 10:58
އެކި ވާހަކަ ދައްކައި، މީހުންނަށް ދަޅަދައްކައިގެން، އަންހެނުންތަކެއް އިސްވެ މީހުން ފޭރޭ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޓަވަރެއްގެ އެޕާޓްމަންޓަކަށް މީހުން ގެންގޮސް ފޭރޭ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.
އެކަމާ ގުޅިގެން މީގެ ކުރިން ފުލުހުން ވަނީ ކާކުކަން ނޭނގޭ، ނުވަތަ ގޮތް ނޭނގޭ މީހުން ތަންތަނަށް ދާން އެދުނުކަމުގައިވީ ނަމަވެސް ނުދާން އިލްތިމާސްކޮށްފައެވެ.
މި ކަން މިހެން ހިނގާތީ ދެވަނަ ފިޔަވަހީގައި އުޅޭ އާންމު ރައްޔިތުންގެ މެދުގައި ވެސް އެކަމުގެ ވާހަކަތައް އަންނަނީ ދެކެވެމުންނެވެ.
މީހުން ރަހީނުކޮށް ފޭރުމުގެ މައްސަލަތައް މިފަހަކަށް އައިސް އަންނަނީ އިތުރުވަމުންނެވެ.
އެގޮތުން މީހުންނަށް ބިރުދައްކައި ފޭރޭކަމުގެ ތުހުމަތުގައި މިދިޔަ ހަފުތާގައި ދެ މީހަކު ހައްޔަރުކޮށްފައިވެއެވެ. އެއީ 30 އަހަރާއި 35 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ.
އެ ދެ މީހުން އަތުން ފެނުނު ފޯނުން އެތައް ބައެއްގެ ބަރަހަނާ މަންޒަރުތައް ވެސް ފެނިފައިވެއެވެ. އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ބުރާސްފަތި ދުވަހު ހާޒިރުކުރުމުން އެ ކޯޓުން ވަނީ ދެ މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައެވެ.