ހދ. ކުޅުދުއްފުށީ ފަޅުތެރޭގައި އޮތް އެ ރަށު ސިކަންދަރު ބޯޓުގައި އަލިފާން ރޯވެ އެބޯޓުގެ ބޮޑުބައެއް އަނދައިފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ނުވާ ކަމަށާއި ނަމަވެސް ދޯނީގެ ގެގަނޑުގެ މެދުން ފެށިގެން ފަހަތް ވަނީ އެއްކޮށް އަނދާފަ ކަމަށެވެ.

އަދި ވިދާޅުވީ ކުޅުދުއްފުށީ ފަޅުތެރޭގައި އޮތް ބޯޓެއްގައި ރޯވެގެން އުޅޭ ކަމުގެ މައުލޫމާތު ލިބުނީ ރޭ ގާތަގަނޑަކަށް 3:25 އެހާކަންހާއިރު ކަމަށާއި އޭރުން ފެށިގެން އެމްއެންޑީއެފްގެ ނޮދަން އޭރިއާ، ކުޅުދުއްފުށީ ފަޔާ ސެޓޭޝަންގެ ސިފައިންނާއި ނޮދަން އޭރިއާ ކުޅުދުއްފުށީ ޕޯސްޓްގެ ސިފައިން ގުޅިގެން ކުރި މަސައްކަތުން ރޭ 4:30 އެހާކަންހާއިރު އަލިފާން ނިއްވާލެވިފައިވާ ކަމަށެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ވިދާޅުވީ އަލިފާން ރޯވަން ދިމާވީ ކިހިނެއްވެގެން ކަން އަދި ނޭނގޭ ކަމަށާއި މިހާރު އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސް އިން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ސަން އަށް އެގިފައިވާ ގޮތުގައި އަލިފާން ރޯވި ސިކަންދަރު ބޯޓަކީ މާލެ އާއި ކުޅުދުއްފުއްޓާ ދޭތެރޭ ދަތުރުކުރާ ނާލު ބޯޓެކެވެ.