މާލޭ ގެސްޓު ހައުސެއްގެ ތެރޭގައި ބިދޭސީއަކު ބަންދުކޮށްގެން ގެންގުޅެނިކޮށް މިރޭ ފުލުހުން އެ މީހާ ހޯދައިފިއެވެ.

ފުލުހުން މައުލޫމަތު ދިން ގޮތުގައި ބަންދުކޮށްފައިވަނީ ނޭޕާލު މީހެކެވެ. އެއީ ފިރިހެނެއް ކަމަށާއި އޭނާގެ ހާލު ރަނގަޅުކަމަށް ފުލުހުން ބުންޏެވެ.

އޭނާ ބަންދުކޮށްގެން ގެންގުޅެފައިވަނީ މާފަންނު ގެސްޓު ހައުސެއްގައެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުންވަނީ ބަންގްލަދޭޝް ދެ ފިރިހެނުން ހައްޔަރުކޮށްފައެވެ.

އެ މީހާ ހޯދައި، މިހާރު ފުލުހުން އަންނަނީ އެ ތަނުގައި ހަރަކާތްތެރިވަމުންނެެވެ. މި މައްސަލައާ ގުޅޭ އިތުރު ތަފްސީލް އަދި ފުލުހުން ހާމައެއް ނުކުރެއެވެ.

މީހުން ރަހީނުކުރުމުގެ މައްސަލަތައް މި ފަހުން ވެރި ރަށް މާލޭގައި ކަންބޮޑުވާ މިންވަރަށް ވަނީ އިތުރުވެފައެވެ.

މީގެ ތެރޭގައި އެކި ކަންކަމުގެ ދަޅަދައްކައިގެން މީހުން ގެންދިއުމަށްފަހު އެ މީހުން ބަންދުކޮށް، ބްލެކްމެއިލްކޮށް ފޭރުމުގެ ކަންކަން ވެސް ހިމެނެއެވެ.

މިފަދަަ ގިނަ މައްސަލަތަކެއް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.