24 May 2024, 22:19
ސްމޯލް އައިލެންޑް ޑިވެލޮޕްމަންޓް ސްޓޭޓްސް (ސިޑްސް)ގެ ހަތަރުވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެންޓިގާ ބާބުޑާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، މިރޭ ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، އަންނަ ހޯމަ ދުވަހު ކުރިއަށްދާ ސަމިޓްގެ ޕްލީނަރީ ސެޝަންގައި ދިވެހިރާއްޖޭގެ ގައުމީ ބަޔާން އިއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ސިޑްސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާ ބޭރު ޤައުމުތަކުގެ ވަފްދުތަކުގެ މަތީފަންތީގެ ބައެއް ބޭފުޅުންނާ އެމަނިކުފާނު ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
އަދި ރައީސް ޑރ. މުޢިއްޒަކީ މި ކޮންފަރެންސްގެ ނައިބު ރައީސުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި މި ކޮންފަރެންސްގައި ހިމެނޭ ފަސް އިންޓަރެކްޓިވް ޑައިލޯގުގެ ކޯޗެއާ ކަމަށް އެ ބަޔާނުގައިވެއެވެ.
ކުދި ޖަޒީރާ ގައުމުތަކުން ބައިވެރިވާ މި ކޮންފަރެސަކީ ކޮންމެ 10 އަހަރަކުން އެއް ފަހަރު ބާއްވާ ކޮންފަރެންސެކެވެ.
އެކަމުގެ މައުލޫމާތު ހިއްސާކުރުމަށް އިއްޔެ ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، މި ކޮންފަރެންސްގައި ރައީސް މުއިއްޒު ހަތް ސްޓޭޓްމަންޓެއް ދެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ހީނާ ވިދާޅުވީ މި ކޮންފަރެންސްގައި ރާއްޖެއިން ބައިވެރިވުމުގެ އިތުރުން، ތިން ހަރަކާތެއް ރާއްޖެއިން އިންތިޒާމުކޮށްގެން ބާއްވާނެ ކަމަށެވެ.
ސިޑްސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒުގެ އަރިހުގައި ވަފުދެއް ވަޑައިގަންނަވާނެއެވެ. އޭގެ ތެރޭގައި:
ފޮރިން މިނިސްޓަރު މޫސާ ޒަމީރު
- އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް
- ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު
- ކްލައިމެޓް އެންވޯއީ އަލީ ޝަރީފް
- އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު
- އެމްބެސެޑާ އެޓް ލާޖު ޑރ. އަލީ ނަސީރު މުހައްމަދު
ސިޑްސް ކޮންފަރެންސްގެ މިފަހަރުގެ ޝިއާރަކީ "ފާގަތިކަމާއި ވިލުންތެރިކަން ހާސިލްކުރުމަށް ހިތްވަރާއެކު މަސައްކަތްކުރުން" މިއެވެ.
ސިޑްސް ކޮންފަރެންސްގެ ދައުވަތު ރައީސް މުއިއްޒަށް އެރުވީ ކޮޕް 28 ސަމިޓްގައި އެންޓިގުއާ އެންޑް ބާބިއުޑާގެ ބޮޑުވަޒީރު ގެސްޓޮން ބްރައުންއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.