14 Jun 2012, 09:38
ސްރީލަންކާގެ ވެރިރަށް ކޮލަންބޯގައި ހުންނަ ޖައިކް ހިލްޓަން ހޮޓަލުގެ 18 ވަނަ ބުރިން ވެއްޓި ދިވެއްސަކު މިއަދު ހެނދުނު މަރުވެއްޖެ އެވެ.
އެ ހާދިސާގައި މަރުވި ދިވެއްސަކީ މަޝްހޫރު ފުޓް ބޯލް ކުޅުންތެރިޔާ އަލީ އުމަރުގެ އެއްބަނޑު އެއްބަފާ ބޭބެ މުހައްމަދު މިދުޝާހު ކަމަށް ބައެއް މީޑިއާތައް ބުނެ އެވެ. ނަމަވެސް އެކަން އަދި ވަނީ ކަށަވަރުވާ ގޮތް ނުވެފަ އެވެ.
ޖައިކް ހިލްޓަން ހޮޓެލްގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ހާދިސާ ހިނގީ މިއަދު ފަތިހު 3:45 އެހާކަންހާއިރު ކަމަށާއި ދިވެހި ޒުވާނާ ވެއްޓިފައި ވަނީ އެ ހޮޓެލްގެ 18 ވަނަ ބުރީގެ ކޮރިޑޯއެއްގެ ބެލްކަނިން ކަމަށެވެ.
އެ ހާދިސާގައި މަރުވި ޒުވާނާއަކީ ޖައިކް ހިލްޓަން ހޮޓެލްގެ ގެސްޓެއް ކަމަށާއި އޭނާ ވެއްޓިފައި އޮތީ ހޮޓަލުގެ ކޮމްޕައުންޑް އޭރިއާގެ ތެރެއަށް އަށް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އެ މައްސަލަ ލަންކާގެ ކަމާ ބެހޭ ފަރާތްތަކާއި ފުލުހުން ގުޅިގެން އަންނަނީ ތަހުގީގު ކުރަމުންނެވެ.
އެ ހާދިސާ ހިނގިކަން ފޮރިން މިނިސްޓްރީން ވެސް ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އެކަމާ ބެހޭ އެއްވެސް ތަފްސީލެއް އަދި ނުދެ އެވެ.