24 May 2024, 20:55
އިސްރާއީލުގެ އަަސްކަރީ ބާރުތަކުން، ފަލަސްޠީނުގެ ޣައްޒާގައި ހިންގަމުން އަންނަ ގަތުލުއާންމުގެ ތެރެއިން މިހާރު ރަފަހް ސަރަހައްދަށް ދެމުން އަންނަ ހަމަލަތައް ވަގުތުން ހުއްޓައިލަން އދ.ގެ އެންމެ މަތީ ކޯޓުކަމަށްވާ އިންޓަނޭޝޭނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އިން މިރޭ ކުރި އަމުރަށް ރާއްޖެއިން މަރުހަބާ ކިޔައިފިއެވެ.
އެ އަމުރާއެކު ރައީސް ޑރ. މުޙައްމަދު މުއިއްޒު އެކްސްގައި ވިދާޅުވީ ރަފަހްގައި އިސްރާއީލުން ދެމުން އަންނަ ހަމަލަތައް ވަގުތުން ހުއްޓައިލުމަށް އައިސީޖޭއިން މިއަދު ކުރި އަމުރަށް ރާއްޖެއިން މަރުހަބާ ކިޔާކަމަށެވެ.
އަދި މި އަމުރަށް އިސްރާއީލުން ވަގުތުން ތަބާވުމަށާއި ރަފަހްގައި ހިންގަމުން އަންނަ ލާއިންސާނީ އަމަލުތައް ހުއްޓައިލުމަށް ވެސް ވަނީ ގޮވައިލައްވައިފައެވެ.
ހަމައެއާއެކު ރަފަހްގެ ބޯޑަރުތައް ހުރަސްކޮށް ރައްކާތެރިކަމާއެކު އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަގު ފަހިކުރުމަށް ވެސް ރައީސްވަނީ ގޮވައިލައްވައިފައެވެ.
މިއީ ސުލްހަ ގާއިމްކުރުމަށް އެޅުން މުހިންމު ފިޔަވަޅެއްކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ ރާއްޖެއިން ގަބޫލުކުރަނީ ފަލަސްތީނަކީ 1967ވަނަ އަހަރުގެ ކުރިން ބޯޑަރު ކަނޑައެޅިފައި އޮތް ގޮތަށް މިނިވަން ދައުލަތެއްގެ ގޮތުގައި ގާއިމްކުރެވެން ޖެހޭނެކަން ކަމަށެވެ.
އަދި ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ބަލައިގަންނަން ޖެހޭނެ ކަމަށާއި އެއީ އެ ސަރަހައްދުގައި ހަމަޖެހުން ގާއިމް ކުރެވޭނެ މަގު ކަމަށެވެ.
އައިސީޖޭއިން މިއަދުކުރި އަމުރަކީ މި އަހަރު އެ ކޯޓުން، މި ހަނގުރާމައިގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށާއި މީހުން ޒަޚަމްވާ މިންވަރު މަތިވާތީ އެ ކަމަށް ދެކޮޅަށް ނެރުނު ތިންވަނަ އަމުރެވެ. ނަމަވެސް ކިތަންމެ އަމުރެއް ކުރި ނަމަވެސް އެ އަމުރުތައް ތަންފީޒުކުރުވުމަށް ޓަކައި އެ ކޯޓަށް ކުރެވޭނެ އެއްވެސް ކަމެއް ނޯވެއެވެ.