14 Jun 2012, 09:24
ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ވަކި ހައްދެއްނެތި ބޭނުންހާ އެއްޗެއް އެހެން މީހުންނާ ދިމާލަށް ގޮވުމުގެ ހައްގު އޮންނަ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ރައީސް ވަހީދު މިހެން ވިދާޅުވީ އޭދަފުށީ ބަހިއްޔާ ޕްރީ ސްކޫލްގައި އެ ރަށު ރައްޔިތުންނާ އިއްޔެ ބައްދަލުކުރައްވައި ދެއްކެވި ވާހަކަ ފުޅުގަ އެވެ.
ރައީސް ވިދާޅުވީ ކޮންމެ މިނިވަންކަމެއްގައި ވެސް ހުދޫދެއް އޮންނާނެ ކަމަށާއި ދުނިޔޭގެ ޑިމޮކްރެޓިކް ގައުމުތަކުގައި ވެސް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުން ކުރަމުން ދަނީ އެހެން މީހުންގެ މިނިވަންކަމަށް އަސަރު ނުފޯރާ ގޮތަށް ކަމަށެވެ.
ރައީސް ވިދާޅުވީ ދުނިޔޭގެ ޑިމޮކްރެޓީކް ގައުމުތަކާ ޚިލާފަށް ރާއްޖޭގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ބޭނުންކޮށްގެން ހިތުހުރިއެއްޗެއް އެހެން މީހުންނާ ދިމާލަށް ގޮވަމުންގެންދާ ކަމަށާއި ރާއްޖެ އަށް ޑިމޮކްރަސީގެ ފޮނި މީރުކަން ލިބޭނީ އެކަންކަން ހައްލުކޮށްގެން ކަމަށެވެ. ރައީސް ވަހީދު ވިދާޅުވީ އެކަން އިސްލާހުކޮށްގެން ނޫނީ ރާއްޖޭގެ ރައްޔިތުންނަށް ހިތްފަސޭހަ ދިރިއުޅުމެއް ވެސް ނޫޅެވޭނެ ކަމަށާއި އެހެންކަމުން އެކަން ހައްލު ކުރުމަށް ޓަކައި ކަމާ ގުޅުން ހުރި ގާނޫނުތަކަށް މަޖިލީހުން އިސްލާހުތައް ގެންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
\\\\\\\"ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކޮށްގެން ހިތުހުރިހާ އެއްޗެއް މީހުންނާ ދިމާލަށް ގޮވައި ހަޅޭއްލައްވާ އެބަގެންދޭ. ތިޔަ ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، އިވިވަޑައިގަންނަވާނެ މި ކަންކަން ހިނގާކަން. ހަމައެކަނި ރޭޑިއޯ ޓީވީ މެދުވެރިކޮށް ނޫން. މަގުމަތީގައި ވެސް ގޭގޭގެ ކުރިމަތީގައި ވެސް ސްކޫލްތަކުގެ ކުރިމަތީގައި ވެސް ގޮވަމުން ގެންދޭ. މިއީކީ މިކަން އޮންނަން ވާނެ ގޮތެއް ނޫން. އަޅުގަނޑު އުންމީދު ކުރަން އަޅުގަނޑުމެންގެ ޑިމޮކްރެސީ މިއަށް ވުރެ ރަނގަޅު ކުރުމަށްޓަކައި ރައްޔިތުންގެ މަޖިީހުން މިދެންނެވި ކަންކަމަށް ވިސްނާވަޑައިގެން މިހާރު ހުރި ގާނޫނުތަކަށް އިސްލާހު ގެންނަވާނެ ކަމަށް،\\\\\\\" ރައީސް ވަހީދު ވިދާޅުވި އެވެ.