އިއްޔެ ރ. އުނގޫފާރު މަގެއްގައި ކުޑަކުދިންތަކެއް ކުޅެން އުޅެނިކޮށް ކަރަންޓުގައި ޖެހިގެން ހިނގި ހާދިސާގައި އަނިޔާވި ތިން ކުދިންގެ ތެރެއިން 18 އަހަރުގެ ޒުވާނާގެ ހާލު އަދިވެސް ސީރިއަސް ކަމަށާއި ދެން އަނިޔާވި ކުޑަ ދެ ކުދިންގެ ހާލު ރަނގަޅުވެ ފަރުވާއަށް ފަހު ދޫކޮށްލާފައިވާ ކަމަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން މިއަދު ބުނެފިއެވެ.

އިއްޔެ މެންދުރު ހިނގި މި ހާދިސާގައި އަނިޔާވީ ތިން ކުދިންނަށެވެ. އެއީ، 18 އަހަރުގެ ޒުވާނަކާއި 12 އަހަރުގެ އަންހެން ކުއްޖެއްގެ އިތުރުން އަށް އަހަރުގެ ފިރިހެން ކުއްޖެކެވެ. މި ހާދިސާގައި އެންމެ ބޮޑަށް އަނިޔާވީ 18 އަހަރުގެ ޒުވާނާއަށެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު ހުސައިން އާސިފް މިއަދު "ސަން"އަށް ވިދާޅުވީ 12 އަހަރުގެ އަންހެން ކުއްޖާއާއި އަށް އަހަރުގެ ފިރިހެން ކުއްޖާއަށް ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

ނަމަވެސް، 18 އަހަރުގެ ޒުވާނާގެ ހާލު ދެރަކަމަށާއި އަދިވެސް ފަރުވާ ދެނީ ވެންޓިލޭޓަރުގައި ކަމަށް އާސިފް ވިދާޅުވިއެވެ. އެގޮތުން، ވެއްޓުމުގެ ސަބަބުން މޫނަށް ބޭރުފުށުން ކުޑަ އަނިޔާއެއް ލިބިފައިވިއަސް، ބޮޑަށް އަނިޔާވެފައިވަނީ އެތެރެހައްޓަށް ކަމަށް އާސިފް ވިދާޅުވިއެވެ.

އާސިފް ވިދާޅުވީ، އޭނާގެ ހާލު ރަނގަޅު ނޫންކަމަށެވެ. ނަމަވެސް، މާ ބޮޑު ތަފުސީލެއް އަދި ދެވެން ނެތް ކަމަށާއި ލިބިފައިވާ އަނިޔާއާއި ހާލަތުގެ ތަފުސީލު އެނގޭނީ ކުރިއަށް އޮތް 48 ގަޑިއިރު މޮނީޓާކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.

އާސިފް ވިދާޅުވީ، ހާލު ދެރަވި ޒުވާނާއަށް ބޭނުންވާ ފަރުވާ އުނގޫފާރުން ފޯރުކޮށްދެވޭ ކަމަށާއި އިތުރު ފަރުވާއަށް މާލެ ގެންދަން އަދި ޑޮކްޓަރުން ލަފާ ނުދޭކަމަށެވެ.

"ސަރުކާރުގެ ފަރާތުން އެ ކަމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެވުނު، ގެންދަން ޖެހިއްޖެ ކަމަށް ވަންޏާމުން އެކަމަށް ބޭނުންވާ އިންތިޒާމުތައް ވަނީ ހަމަޖެހިފައި. އެހެންނަމަވެސް، މި ކޮޅުގައި މި ތިއްބެވި ޑޮކްޓަރުން އިތުބާރާ އެކީގައި ފަރުވާ ދެއްވުމުގައި ދެމި ތިއްބެވީ. އަދި އިތުރަށް ބޭނުންވާ ލަފާ، ފަންނީ ގޮތުން ދެވޭ އެހީތެރިކަން ބޭނުންވާ ހާލަތްތަކުގައި އައިޖީއެމްއެޗްގެ ފަރާތުން ފަންނީ އެހީތެރިކަން ލިބެމުން ދަނީ،" އާސިފް ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅިގެން އިއްޔެ "ސަން"އަށް މައުލޫމާތު ދެމުން 18 އަހަރުގެ ކުއްޖާގެ ބައްޕަ ބުނީ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔުމަށް ފަހު އެއް ގަޑިއިރުގެ ސީޕީއާރު ދިން ކަމަށެވެ. އަދި، ދެން ސީޕީއާރު ދެވޭނީ ބައިގަޑިއިރު ކަމަށް ޑޮކްޓަރު ބުނި ކަމަށާއި އޭރު ކުއްޖާގެ ހިތާއި ފުއްޕާމޭ މަސައްކަތް ނުކުރާ ކަމަށް ޑޮކްޓަރާ ހަވާލާދީ ބައްޕަ ބުންޏެވެ.

އޭނާ ބުނީ ބައިގަޑިއިރަށް ފަހު ހިތާއި ފުއްޕާމޭ މަސައްކަތްކުރާކަމަށް ޑަކްޓަރު އެންގި ކަމަށާއި އައިސީޔޫއަށް ބަދަލުކުރާކަމަށް ޑަކްޓަރު އެންގި ކަމަށެވެ.

މި ހާދިސާ ހިނގާދިޔަ ގޮތް ކިޔާދެމުން އާސިފް ވިދާޅުވީ 12 އަހަރުގެ އަންހެން ކުއްޖާ ކުޅުމުގެ ތެރޭގައި ނިކުމެ އުޅެނިކޮށް ކަރަންޓް ޖެހުމުގެ އިހްސާސް ކުރެވިގެން އާއިލާއާ ހިއްސާ ކުރި ކަމަށެވެ. އަދި، ދެން ނިކުތްއިރު އަށް އަހަރުގެ ކުއްޖާއަށް ކަރަންޓް ޖެހި، އެ ކުއްޖާ ރޯ އަޑަށް ދިޔަތަނާހެން 18 އަހަރުގެ ކުއްޖާއަށް ވެސް ކަރަންޓްގެ އަސަަރުކުރީ ކަމަށެވެ

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.