24 May 2024, 12:33
ދައުލަތުގެ ޕްރޮފެޝަނަލް އަދި ޓެކްނިކަލް ވަޒީފާތަކަށް އެޖެންސީއެއް މެދުވެރިނުކޮށް ބިދޭސީން ގެނެވޭގޮތަށް ރޭ ގަވާއިދު އިސްލާހުކޮށްފިއެވެ.
މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން، ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއާ ބެހޭ ގަވާއިދު އިސްލާހުކޮށް ރޭ ވަނީގެޒެޓުކޮށްފައެވެ.
މި އިސްލާހުގައިވަނީ، ދައުލަތުގެ ބާރުތަކާއި އިދާރާތަކުން ވަޒިފާދޭ ފަރާތުގެ ޓެކްނިކަލް މަގާމުތަކަށް ނުވަތަ ޕްރޮފެޝަނަލް މަގާމުތަކަށް ގެންނަ ބިދޭސީ މުވައްޒަފުން ފިޔަވައި އެހެނިހެން ބިދޭސީ މުވައްޒަފުން ރެކްރޫޓް ކުރަންވާނީ ލައިސެންސް ދޫކޮށްފައިވާ ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއެއް މެދުވެރިކޮށް ކަމަށެވެ.
އެކަމަކު، ޓެކްނިކަލް އަދި ޕްރޮފެޝަނަލް މަގާމުތަކަށް ގެންނަ ބިދޭސީ މުވައްޒަފުން ގެންނަން އެޖެންސީއެއް މެދުވެރިކުރާކަށް މިހާރު ނުޖެހޭނެއެވެ.
މި ގަވާއިދު ކުރިން އޮންނަ ގޮތުން ނަމަ، ދައުލަތުގެ ބާރުތަކާއި އިދާރާތަކުން ވެސް އެއްވެސް ވަޒީފާއަކަށް ބިދޭސީން ރެކްރޫޓޫ ކުރެވޭނީ ލައިސަންސް އޮތް އެޖެންސީއެއް މެދުވެރިކޮށެވެ.
ސަރުކާރުގެ އިދާރާތަކުގައި ބިދޭސީން ގެންގުޅުމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން، ހޯމް މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވިދާޅުވީ، ދިވެހި ރައްޔިތުން ވަޒީފާއަށް ނެގޭނެ ތަނެއްގައި ބިދޭސީން ގެންގުޅުމަކީ ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށެވެ.
ނަމަވެސް, ބައެއް ދާއިރާތަކަށް ދިވެހީން ހޯދަން ތަކުރާކުކޮށް މަސައްކަތް ކުރި ނަމަވެސް، އެ ކަމަށް ދިވެހީންގެ ފަރާތުން ތަރުހީބު ނުލިބޭ ކަމަށާއި އެހެންކަމުން، މަސައްކަތް ކުރަނީ މުސާރައަށް ބަދަލު ގެނެސްގެން ނަމަވެސް އެ ދާއިރާތަކަށް ދިވެހީން ހޯދަން ކަމަށް އިހުސާނު ވިދާޅުވިއެވެ.
ދެހާސް ބާވީސްވަނަ އަހަރުގެ ބޯހިމެނުމުގެ ނަތީޖާ ދައްކާގޮތުން މިހާރު ވެސް ރާއްޖޭގައި ކޮންމެ ތިން ދިވެއްސަކަށް ބިދޭސީއެއް ދިރިއުޅެއެވެ.