13 Jun 2012, 23:12
ތެހެރާން (ޖޫން 13): ނިއުކްލިޔާ ސަބްމެރިންއެއް ބިނާކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރަމުން ގެންދާކަން އީރާނުން އިޢްލާންކޮށްފި އެވެ.
މިއީ، ނިއުކްލިޔާ ސަބްމެރިންއެއް ބިނާކުރާކަން އީރާނުން ހާމަކުރި ފުރަތަމަ ފަހަރެވެ. މިކަން ހާމަކުރައްވަމުން އީރާނުގެ ކަނޑުގެ ސިފައިންގެ ވެރިޔާގެ އެހީތެރިޔާ އެޑްމިރަލް ޢައްބާސީ ޒަމީނީ ވިދާޅުވީ ނިއުކްލިޔާ ހަކަތައިގެ އެހީގައި ދަތުރުކުރުމުގެ ޤާބިލްކަން ލިބިފައިވާ މިސަބްމެރިނަކީ އީރާނުން މިހާތަނަށް އުފައްދާ އެންމެ ބިޔަ ސަބްމެރިން ކަމަށާއި މިސަބްމެރިން އުފައްދަނީ ކަނޑުގެ އަޑިން ފޮނުވާ މިސައލްގެ އިތުރުން ކްރޫޒް މިސައިލްވެސް ހަރުކުރެވޭ ގޮތަށް ކަމުގައެވެ. ތިން އަހަރު ތެރޭގައި މިޕްރޮޖެކްޓްގެ މަސައްކަތް ނިންމުމަށް ހަމަޖެިހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އީރާނަކީ ޢަސްކަރީ ސަބްމެރިން އުފައްދާ ޤައުމެކެވެ. ނަމަވެސް މިއީ ނިއުކްލިޔާ ހަކަތަ ބޭނުންކޮށްގެން ދަތުރުކުރެވޭ ގޮތަށް އެޤައުމުން އުފައްދާ ފުރަތަމަ ސަބްމެރިން ކަމަށް އެޤައުމުން ބުނެ އެވެ. އީރާނުގެ މިއިޢްލާނާ ގުޅިގެން \\\\\\\"ކެރެންޖީ އިންސްޓްޓިއުޓް އޮފް ޕީސް\\\\\\\" ގެ ނިއުކްލިޔަރ ޕްރޮލިފަރޭޝަންއާ ބެހޭ ބައިނަލްއަޤްވާމީ ތަޖްރިބާކާރެއް ކަމަށްވާ މާކް ހީބްސް ވިދާޅުވީ ނިއުކްލިޔާ ބޮން އުފެއްދޭ މިންވަރާ ދާދިގާތަށް ޔޫރޭނިޔަމް ފައްކާކޮށް އެއިން ހަކަތަ އުފައްދައިގެން މެނުުވީ ނިއުކްލިޔާ ހަކަތައިން ދަތުރުކުރާ ސަބްމެރިންއެއް ބޭނުންނުކުރެވޭނެ ކަމުގަ އެވެ. ނިއުކްލިޔާ ސަބްމެރިންއެއް އުފެއްދުމުގެ ޕްރޮޖެކްޓެއް ފެށުމުގައި އީރާނުގެ ބޭނުމަކީ މިފެންވަރަށް ޔޫރޭނިޔަމް ފައްކާކުރުގެ ސަބަބެއް ހޯދުން ކަމަށް ވެދާނެ ކަމަށް މާކް ހީބްސް ވިދާޅުވި އެވެ.
އީރާނުން ވަނީ 20 ޕަސެންޓަށް ޔޫރޭނިޔަމް ފައްކާކުރަމުން ގެންދާކަން އިޢްލާންކޮށްފަ އެވެ. ނަމަވެސް ނިއުކްލިޔާ ހަތިޔާރު އެންމެގިނައިން އުފައްދާ އެމެރިކާ ފަދަ ޤައުމުތަކުން މަސައްކަތް ކުރަމުން ގެންދަނީ އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމް ހުއްޓުވުމަށެވެ. ޚާއްސަކޮށް އެމެރިކާއާއި ހުޅަނގު ޔޫރަޕްގެ ބާރުތަކާއި އިސްރާއީލުން ގެންދަނީ އީރާނުން ކުރިޔަށް ގެންދާ ޔޫރޭނިޔަމް ފައްކާކުރުމުގެ މަސައްކަތް ހުއްޓުވުމަށް ކުރެވެންއޮތް ހުރިހާ ކަމެއް ކުރަމުންނެވެ.
މިކަމަށްޓަކައި އެމެރިކާއާއި ހުޅަނގު ޔޫރަޕްގެ ބާރުތަކުން އީރާނާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާއިރު އިސްރާއީލާއި އެމެރިކާ ގެންދަނީ އީރާނުގެ ނއުކްލިޔަރ މަރުކަޒުތަކަށް ޙަމަލާދޭންޖެހިދާނެ ކަމުގެ އިންޒާރުތައް ދީ އީރާނަށް ބިރުދައްކަމުންނެވެ. (އަލްޖަޒީރާ)