"އުމުރު ދިގުވެ ރިޒުގު ތަނަވަސްވާން އެދެންޏާ އާއިލީ ގުޅުން ދަމަހައްޓާށެވެ.".<ބުޚާރީ ހަދީސް>

***

"މީހުންގެ ފަރާތުެން ބަދަލު ނުހިފަން ނަފުސަށް ވިސްނައިދޭށެވެ. އެއްވެސް ފަރާތަކުން ތިބާއަށް އަނިޔާއެއް ދީފައި ނޫނީ އިންސާފުން އެއްކިބާވެ އަމަލެއް ކުރިޔަސް ﷲ ތައާލާ އެހުރިހާ ކަމެއް ދެކެ ދެނެވޮޑިގެންވާކަން ހަނދާން ބަހައްޓާށެވެ. ﷲ ތައާލާ އަނިޔާވެރިންނަށް އެކަމުގެ ސަޒާ ދެއްވާނެ ދުވަސް ދާދި އަވަހަށް އަންނާނެއެވެ. ކެތްތެރިވާށެވެ. އަދި މާފުކުރާށެވެ."

އިރުކޮޅެއްވާންދެން އެ ޖުމްލަތަކާއިމެދު ވިސްނި ހިތް ބަދަލުވާން އުޅުނެވެ.

"އިންސްޕަޔާވަނީ މިހެން ކަން ނޭގޭ....ބައެއްފަހަރު ފެންނަ އެންމެ ލަފުޒަކުން ހަޔާތް ބަދަލުވެދާނެ. އެކަަކު ޕޭރެންޓުންގެ ގާތިލުންނަށް މާފުކުރާހާ ހިތް ބޮޑެއް ނޫން........އަހެދްއަށް ނާއިންސާފުން ކަމެއްކުރިނަމަ ފޮގިވް ކޮށްފާނަން ބަޓް ޕޭރެންޓުން މަރައިލި އިންސާނާއަށް ކިހިނެއް ފޮގިވް ކުރާނީ؟ހިތުގައި އޮތީ ނަފްރަތު.......ބަދަލުހިފުން..އަހެދް ހުއްޓާލާނީ އޭނަގެ ލައިފްވެސް ހަލާކުކޮށްފައި..އަހަންނަށް ހެދިހެން.."އަހެދް އަނގަޔަށް ގޮތެއް ހެދިއެވެ.

މުރުތަސިމްގެެ ފޯނަކަށް އިންތިޒާރުކުރަމުން ދެކޮޅަށް ކުރުކަނޑާލިއިރުވެސް ދޭތެރެއަކުން އެ ޕޯސްޓާއިމެދު ވިސްނުނެވެ.

***

އިމަޖެންސީ ހަލަބޮލިކަމުން ކޮފީއެއް ބޯލަން ވަގުތުކޮޅެއްވެސް ނުނެގުނެވެ. ނަމަވެސް ބަލި މީހުންގެ ޚިދުމަތުގައި ވަރުބަލިކަމެއްނެތި ފޫހިމޫނެއް ނުދައްކާ މައިރާ ފަހަރަކު ބަލިމީހަކަށް އެޓެންޑްވަމުން ދިޔައެވެ. ބޮޑު އެކްސިޑެންޓަކާއި، ނުގުޅޭ އެއްޗެއް ކެވުމުގެ ސަބަބުން އެނެފިލެކްޓިކް ޝޮކަކަށް ގޮސްފައިވާ ކުއްޖަކާއި ގެނބިގެން ގެނައި ޒުވާނެއްގެ އިތުރުން ހިތް ހުއްޓިގެން ގެނައި މީހަކުވެސް އޭގެ ތެރޭގައި ހިމެނުނެވެ. އޭގެ ތެރެއިން ދެމީހަކު އައިސީޔޫއަށް ލުމަށްފަހު ހަމަ ނޭވާއެއް ލެވުނުތަނާ ސްޓްރެޗާއެއްގައި ގެނެސް ވެއްދީ އަމިއްލައަށް މަރުވާންވެގެން އަތުގެ ލޭނާރު ކަނޑާލައިގެން ގެނެވުނު އަންހެންކުއްޖެކެވެ. އެކުއްޖާގެ ފުރާނަ ސަލާމަތްކުރަން މައިރާއާއި އެހެން ޑޮކްޓަރެއް އަވަސްވެގަތްއިރު އެއީ ކާކުކަމެއް ނުވެސް އެނގުނެވެ. ތިއޭޓަރަށް ނަރުސްކުއްޖަކު އެ ނަން ބަލާފައި ލަވަކިޔުންތެރިޔާ އަލީޒީކަމަށް މައިރާ ގާތު ބުނެލިއެވެ.

ކޮފީއަކަށްފަހު މައިރާ އަލީޒީއަށް ޒިޔާރަތްކުރިއެވެ. އެއްވެސް މޭކަޕެއްނެތި ފެނުމުން ތަފާތުކޮށް ދެއްކިޔަސް އަލީޒީއަށް ގުދުރަތީގޮތުން ލިބިފައިވީ ރީތި ސިފަތަކެވެ. އެތަނަށް ގެނެވުނުއިރު ހޭވި މޫނަށް ފައިބާފައިވާ އިސްތަށިގަނޑު މިހާރު އޮތީ ފުނާ އަޅާ ހުޅިއެއް ޖަހާފައެވެ. ލޮލުގައި ހުސްކަމެއްވިއެވެ. ސްޓޭބަލްކޮށް އޮތަސް ނަފްސާނީގޮތުން އަސަރުކޮށްފައިވާކަން ކަން އެނގުނެވެ. އެނދުކައިރީގައި ތިބި އެހީތެރިން ފޮނުވާލާފައި އޭނަ އަލީޒީއާއި ވާހަކަދައްކަން ނިންމިއެވެ.

"ޑޮކްޓަރ ކީއްވެ ސޭވްކުރީ؟ މަރުވާން ދޫކޮށްލިނަމަ................."އަލީޒީގެ އަޑުގައިވީ މާޔޫސްކަމެވެ.

"ކީއްވެ އެހެން ހަދަންވީ؟ ޑޮކްޓަރުންގެ ވަޒީފާއަކީ މިތަނަށް ގެންނަ ޕޭޝަންޓުންގެ ފުރާނަ ސަލާމަތްކޮށްދޭން މަސައްކަތްކުރުން..ޝިފާ ދެެއްވާނީ ﷲ ތައާލާ..."

"އަޖަލު ނުޖެހުނީމަ ދިރީ ދޯ...."އަލީޒީ ހިނިގަނޑެއް ޖަހައިލިއެވެ.

"ޔޯ ހާޓް ސްޓޮޕްޑްް ބީޓިން...."

"އެހެންވެކަން ނޭގޭ އައުޓްއޮފް ބޮޑީ އެކްސްޕީރިއެންސެއްވެސް ވި..."

"އޯ......."

"ޑޮކްޓަރއަށް ޓްރަސްޓްކުރެވިދާނެހެން ހީވޭ.....ސަބަބަކީ އަޅުގަނޑަކީ ކާކުކަން ސިއްރުކޮށްދީފައިވާތީ.. މީޑިއާއަށް ކިރިޔާވެސް އެނގިއްޖެއްޔާ ނިމުނީ............."

"ސެލެބްރިޓީއަކަށްނުވިޔަސް ޕޭޝަންޓުންގެ ކޭސްތައް ވަރަށް ކޮންފިޑެންޝަލްވާނެ އަނެއްހެން. އަދި މަޝްހޫރުކުއްޖެއްވީމަ ތިބުނާހެން ސިއްރުކުރަން ވަކިން ޖެހޭ.."

"ޑޮކްޓަރ ސުވާލުނުކުރަމެއްނު. ކީއްވެހެއްޔޭ ސުއިސައިޑްވާން މަސައްކަތްކުރީ؟"

މައިރާ ޖަވާބެއްދޭން ތުންފަތް ހަރަކާތްކުރިއެވެ. އޭގެ ކުރިން އަލީޒީ އޭނަގެ ހިތުގެ ހާލަތު ކޮންމެވެސް ވަރަކަށް ކިޔައިދިނެވެ.

"އަޅުގަނޑުގެ ބޯއިފްރެންޑަކީ ޕައިލެޓެއް، ހީ ލެފްޓް މީ.....ހީވަނީ އެހެން ގާލްއެއް ފެނުނީހެން. ނޫންނަމަ ވެލިޑް ރީޒަންއެއް ނެތި ދުރަށް ނުދާނެ ދޯ، ކޯނޗެއް މަދުވެގެން ކޮންކަމެއް ބޭނުންވެގެން؟ އޭނަ......ހަމަ ރަގަޅަށް ހިތް ހަލާކުކޮށްފި..ދުނިޔޭގައި ހުރުމުގެ އެއްވެސް މާނައެއްނެތް...ވަރަށް ފޭކް ތަނެއް، ހޭޓް ދިސް ޕްލޭސް......ހެލްވެސް މާ ރަގަޅުވާނެ.................."އަލީޒީ ބޯ ހޫރުވައިގަތެވެ."ޑޮކްޓަރ..ގެއަށް ދާން ބޭނުން........................."

"އަލީޒީގެ ޑޮކްޓަރ ދުރުވިހާ އަވަހަށް ނަންގަނެދޭނަން، އިހަށް އެކަންތައްތަކާ ނުވިސްނާ ނިދައިލަންވީނު..ނޫނީ ބޮޑަށް ސްޓްރެސްވާނީ..އަލީޒީ ތިބުނި ވާހަކަތަކާއިމެދު އެއްޗެކޭ ބުނަން އެންމެ ރަގަޅު ވަގުތު ނޫންކަން ނޭގޭ...އެކަމަކު ބުނެފާނަން....ހިތް ހަލާކުކޮށްފައި ދުރަށް ދިޔަ އިންސާނަކަށްޓަކާ އަލީޒީގެ އަގުހުރި ފުރާނަ ދުއްވައިލުން އޯކޭތަ؟"

އަލިޒީގެ ލޮލުން ކަރުނައިގެ އަސަރު ފައުޅުވިއެވެ. މައިރާ އަވަހަށް ޓިޝޫއެއް ދިއްކޮށްލިއެވެ.

"ޑޮކްޓަރ ޔޫ އާ ރައިޓް..ބަޓް......ބޭވަފާތެރިވިޔަސް އެހާ ލޯބިވާ އިންސާނެއް ދުނިޔެއަކު ނެތް.......ސެލްފްލެސް ލަވް ވެވުނީ ބަޓް އޭނައަކީ ކެހިވެރިއެއް..ފޭންސްއިންވެސް ތަފާތެއް ނުވާނެ ދޯ...ސަބަބަކީ ރީތިކޮށް ލަވަކިޔަންޏާ ސަޕޯޓްކުރާނީ. ކޮންމެވެސް ސަބަބަކާއި ހުރެ ލަވަ ނުކިޔިއްޖެއްޔާ ދޫކޮށްލާނެ...އެންޓަޓެއިން ކޮށްދޭން އުޅުނަސް އެކަން ބަލައިގަނެ ފަހަތުގައި ތިބޭނެ ބަޔެއް އިނގިލި ކުރިން ގުނައިލެވޭނެ...."

"އަލީޒީ...ދުނިޔެއަށް އައުމުގެ ޕާޕޯސްއަކީ..........."

"އެންޓަޓެއިންކޮށްދިނުންކަން ނޭގޭ..."އަލީޒީ މައިރާއާއި ހަތަރުކަޅިހަމަކޮށްލިއެވެ.

"ނޫން. އެހެނެއްނޫން އަލީޒީ..ބުނަން ވާހަކައެއް؟ އެކަނިވެރިވާ ވަގުތު ހިޔަނިވެސް ތިމާ ދޫކޮށްފައި ދެއޭ ބުނެއެއްނު، ބަޓް އަލީޒީއަށް އެނގޭތަ؟ އިންސާނާދެކެ އެންމެ ބޮޑަށް ލޯބިވެވޮޑިގެންވާ ފަރާތަކީ ހެއްދެވިފަރާތް..އެހެން އިންސާނުން ނެތަސް ﷲގެ ލޯބިފުޅު ލިބިއްޖެއްޔާ ދެރަގޮތެއްނުވާނެ. އެކަންޏެއްނުވާނެ. އޭގެ ބަދަލުގައި ބަޔާން ނުކުރެވޭފަދަ އުފާތައް އިހުސާސްކުރެވޭނެޔޯ....ސްކޯލާއެއްގެ ވާހަކަތައް. ޝެއާކޮށްލީ...."މައިރާ ހިނިތުންވެލިއެވެ.

އަލީޒީއަށް ކުއްލިއަކަށް މުރުތަސިމްގެ "ދީނީ"ސިފަތައް މައިރާގެ ވާހަކަތަކުން ފެންނާންފެށިއެވެ. މިގޮތަށް ހެދުން އަޅައިގެން ތިމާނޫން އެހެން މީހުންނަކީ ނަރަކަވެރިންކަމުގައި ދެކޭ ބަޔަކު މުޖުތަމައުގައި އުޅޭކަން އެކުވެރިންގެ ފަރާތުން އެނގިފައިވެއެވެ. އެމީހުން ދެކޭގޮތުގައި ލަވަކިޔުމަކީ ހަރާންކަމެކެވެ. ލަވަ ކިޔައިގެން ލިބޭނީ ހަރާން ފައިސާއެވެ. އެހެން ކިޔައިގެން އެހާ ވަރުގަދަ ހުނަރު ދޫކޮށްލާ ލަވަކިޔުންތެރިން އެބަތިއްބެވެ. ދެން އެބުނާ ހަލާލް ފައިސާ ހޯދަން ކީއްކުރަންވީހެއްޔެވެ؟ އަލީޒީއަށް ދަތްތަކަށް ބާރުކޮށްލެވުނެވެ. އަނެއްކާ މުރުތަސިމް ރުހޭ އަންހެންވެރިންނަކީ ޑޮކްޓަރފަދަ މީހުން ހެއްޔެވެ؟ ހިތުގައި ހަސަދައިގެ ކަންޏެއް ރޯވިނަމަވެސް ރުހެވޭ ކަހަލަގޮތެއްވެސް އެބަހުއްޓެވެ. އަރައިރުންވެ ޖަދަލުކުރުމުގެ ބަދަލުގައި ނިދާކަމަށް ހެދިގެން އޮތަސް ރަގަޅުވާނެއެވެ. އެގަޑީގައި އެއްވެސް މީހަކާއި ބަހުސްކުރާނެ ހިތްވަރެއްވެސް ނެތެވެ. ސިކުނޑީގައިވަނީ އެންމެ އަރަތެކެވެ. މުރުތަސިމްއެވެ.

އަލީޒީ ލޯމަރާލައިގެން އޮތްވާ ނިދުނުފަހުން އެއްޗެކޭ ކިޔާހެން ހީވެގެން މައިރާ ގާތްވެލުމުން އޭނަ ގޮވަނީ ކޮންމެވެސް މީހަކަށެވެ.

"ސިމް......" އަލީޒީ އިރުއިރުކޮޅާ އެނަން ކިޔަންފެށުމުން ނަމުގެ ޚާއްސަކަން ދެނެގަނެވުނެވެ. އޭނަ ދާން އުޅެނިކޮށް "މުރުތަސިމް" އޭ ކިޔާފައި ގޮވައިލުމުން ހިތަށް ފިނިވެގެން އައެވެ. އެއީ ޒަވިއާރުގެ ކޮއްކޮގެވެސް ނަމެވެ. އެއީވެސް ޕައިލެޓެކެވެ.އެއީ އިއްތިފާގެއްހެއްޔެވެ؟ޒަވިއާރުއާއި އެވާހަކަ ހިއްސާކުރަން އުޅެފައިވެސް އެ ޚިޔާލުދޫކޮށްލިއެވެ. ބަލިމީހުންގެ ވާހަކަތައް ގެއަށް ހިފައިގެން ދާކަށް ނުވާނެއެވެ. ޑޮކްޓަރުންނަށްވިޔަސް ހެޔޮއެވެ. ބަލީގެ ވާހަކަތައް ދެއްކިޔަސް ޒާތީ ވާހަކަތައް އޮންނަން ޖެހޭނީ ބަލިމީހާއާއި ޑޮކްޓަރާއި ދޭތެރޭގައެވެ.

***

ބާބިލްއަށް އޭނަގެ ފިރިމީހާގެ ކޯލު އައުމުން ގައިން ހީބިހި ނަގައިގެންގޮސް ރޫރޫ އަޅައިގަތެވެ. ބިރުންގޮސް އަނބުރައިނުގަތީ ކިރިޔާއެވެ. ލޯކަންގެ ލަދެއްވެސް ނެތީހެއްޔެވެ؟ އޭނަ ގާތު ބުނީ ސިޔާސީ ފަރާތަކަށް ބާބިލް ވިއްކައިލަން އުޅޭ ވާހަކައެވެ. އެނޫންގޮތަކަށް ލޯކަންއަށް ޖަލުން ސަލާމަތްވެވެން ނެތީއެވެ. ބާބިލް ރޮއިފާ އާދޭސްކުރިއެވެ. ނަމަވެސް އެނުލަފާ ޖައްބާރު އިންސާނާގެ ހިލަހިތަށް އަސަރެއްނުކުރިއެވެ. ބްލެކްމެއިލް ކުރަންފެށުމުން ގޮތް ހުސްވެ އެއްބަސްވާން ޖެހުނެވެ. ފޯނު ބޭއްވިގޮތަށް އޭނައަށް ތިރިވެވުނީ ބިންމައްޗަށެވެ. އަލްބާންގެ ސޫރަވެސް ސިފަވިއެވެ. އެފަދަ މާތް އިންސާނަކަށް އޭނަގެ ފިރިމީހާވެސް ވިނަމައެވެ. ނަމަވެސް އޭނަފަދަ ނިކަމެތި ކުއްޖަކަށް އެފަދަ ނަސީބެއް ހައްގު ނޫނީއެވެ. ނުބައި ޚިޔާލުތަކުން އިތުރަށް ހިތް ރޮއްވަމުން ދަނިކޮށް ނަމާދުގެ ބަންގީގެ އަޑަށް ރުއިން ހުއްޓުނެވެ. އަބަދުުވެސް ބަންގީގެ އަޑު އިވުމުން ޝައުގުވެރިވެއެވެ. ﷲގެ މަތިވެރިކަމާއިމެދު ވިސްނަން ޖެހުނެވެ. ނަމާދުކުރުމުން ހިތަށް ހަމަޖެހުން ލިބޭނެއެވެ. ދުޢާއަކީވެސް ހަތިޔާރެކެވެ. އެއީ ނިކަމެތިންގެވެސް އުއްމީދެވެ. އޭނަ ހެއްދެވިފަރާތުގެ ރަހުމަތުން މާޔޫސްވެ އުއްމީދު ކަނޑައިލަންވީ ކީއްވެހެއްޔެވެ؟ ނޫނެކެވެ. އެހާ އީމާންކަން އަދި ބަލިކަށްޓެއް ނުވެއެވެ.

ބަންގީގެ އަޑާއިއެކު ވާރޭގެ އަޑު އެކުވެ ލާމެހުނެވެ. އޭނަ އަވަހަށް ދުއާއަށް އަތް އުފުލައިލިއެވެ.

***

އަހަދްއަށް މުރުތަސިމްގެ މެސެޖް ފެނުމުން އުފަލުން ހަޅޭއްލަވައިގަނެވުނެވެ. އޭނަގެ ޖަވާބަކީ "ޔެސް" ކަމަށް ވަންޏާ ހަވީރު ގްރީންހައުސްއަށް އަންނަން އެދިފައިވިއެވެ. ފޯނުގައިވެސް ބޮސްދެވުނެވެ. އުފަލުން މޮޔަވާވަރުވިއެވެ. އެހާވަރުން ތައްޔާރުވެގެން ގަޑިގުނަން އިނދެފައި ގޮސް އިންތިޒާރުގައި ބަލިވީއިރުވެސް މުރުތަސިމްގެ ޚަބަރެއްނުވިއެވެ. މުރުތަސިމްއަށް އަލީޒީގެ މެނޭޖަރުގެ ކޯލެއް އައުމުން ދާން މަޖުބޫރުވީއެވެ. އަލީޒީގެ ހާލަތާއި އަޅަމުންދާ ވޭނުގެ އަސްލަކީ މުރުތަސިމްކަމަށް ބުނުމުން އަމިއްލަ ނަފުސްކުށްވެރި ކުރެވުނީއެވެ. ހުރިހާ ކުށެއްބޮލުގައި އެޅުނީއެވެ. އެހެން ހުރިހާ ކަމެއް ހަނދާން ނައްތާލާފައި އޭނަ އަވަސްވެގަތީ އަލީޒީގެ ހާލު ދެކެލަން ދިޔުމަށެވެ.

***

ސަހަރްއާއި ވިލްދާން ރޭގަނޑު ކެއުމުގައި މޭޒުދޮށުގައި ތިބިއިރު ދެކެވެމުން ދިޔައީ މައިރާގެ ކައިވެނީގެ ވާހަކައެވެ. އެވާހަކައިގެ ތެރޭގައި އަހެދްގެ ނަންވެސް ގަނެވުނެވެ. ވިލްދާން ޖެހިލުންވެފައި ހުރެވެސް އަހެދްގެ މައިންބަފައިންނާއި ބެހޭގޮތުން ސުވާލުކުރިއެވެ.

"އަހެދްއަކީ ވިލްދާންގެ ގެއްލިފައިވާ ދަރިއަކަށް ވެދާނެއްނު..."ސަހަރް ސަމާސާއެއްކޮށްލިއެވެ. ވިލްދާން އަށް ޝޮކެއްލިބުނެވެ. ބަސްހުއްޓި ބަލަން އިނދެވުނީއެވެ.

"ހާދަ ސީރިޔަސް ތިވީ..."ސަހަރް ހީގަތެވެ.

"ތިކަހަލަ އެއްޗެހި ކިޔަންޏާ....."އެއޮތ ފިނީގައިވެސް ވިލްދާންގެ ނިތްކުރީގައި ދާތިކިތައް ހިލުނެވެ.

"އެހެންބުނީ އުފަން ލައް އެއްގޮތްވީމަ....."

ނުނިމޭ