24 May 2024, 10:14
މިހާތަނަށް ކެރިއަރުގައި ވަރަށް ގިނަ އެކްޓަރުންނާ އެކު މަސައްކަތް ކުރެވިއްޖެ ކަމަށާއި އެހެންނަމަވެސް ޕްރޮފެޝަނަލް އޮންނަ މަސައްކަތުގެ ގުޅުމުގެ ބޭރުން ރަޙުމަތްތެރިއެއްގެ ގޮތުގައި ހުރި ހަމައެކަނި މީހަކީ އެކްޓަރު ސަލްމާން ޚާން ކަމަށް ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ބުނެފިއެވެ.
ސަންޖޭ ޑައިރެކްޓަރެއްގެ ގޮތުގައި ފިލްމު އިންޑަސްޓްރީއަށް ނުކުމެ އުފެއްދި ފުރަތަމަ ފިލްމު "ޚާމޯޝީ"ގެ އެކްޓަރަކީ ވެސް ސަލްމާން ޚާނެވެ. ބޮލީވުޑްހަންގާމާއަށް ދިން އިންޓަވިއުއެއްގައި ސަންޖޭ ބުނެފައިވަނީ ސަންޖޭގެ ފިލްމުތަކުގައި މަސައްކަތް ކުރާ ހުރިހާ އެކްޓަރުން ދެކެ ވެސް އޭނާ ވަރަށް ލޯބިވާ ކަމަށާއި ހުރިހާ ފިލްމީ ތަރިންނަށް ވެސް ވަރަށް އިހުތިރާމްކުރާ ކަމަށެވެ.
ފިލްމީ ތަރިންނާ އެކު ވަރަށް ގާތް ގުޅުމެއް އަބަދު ވެސް އޮންނަ ކަމަށް ބުނަމުން ސަންޖޭ ބުނީ އެ ހުރިހާ ފިލްމީ ތަރިންނާ ސަލްމާން ތަފާތުވާ ވަރަށް ޚާއްސަ ސަބަބެއްވާ ކަމުގައެވެ. އެއީ، ސަލްމާން އަކީ ސަންޖޭ ފިލްމު އިންޑަސްޓްރީގައި ކުރާ މަސައްކަތްތަކާ ގުޅުވައިގެން ރަހުމަތްތެރިކަމުގެ ގުޅުން އޭނާއާ އެކު ބާއްވާ އެކްޓަރެއް ނޫންކަމަށް ސަންޖޭ ވަނީ ބުނެފައެވެ.

ފިލްމު 'ޚާމޯޝީ'ގެ ސެޓުގައި ސަންޖޭ އާއި ސަލްމާން އަދި ބަތަލާ މަނީޝާ ކޮއިރަލާ--ފޮޓޯ/އެންޑީޓީވީ
ސަލްމާން ޚާނާ ބަތަލާ އާލިއާ ބަޓް ހިމަނައިގެން "އިންޝާﷲ"ގެ ނަމުގައި ސަންޖޭ ފިލްމެއް އުފައްދަން ނިންމިކަން އިއުލާނުކޮށް އެ ފިލްމުގެ މަސައްކަތް ނުފެށުމާ ގުޅިގެން ދެ މީހުންގެ އެކުވެރިކަމުގެ ގުޅުން ކިލަނބުވި ކަމަށް މީޑިއާއިން ޚަބަރު ފެތުރިއެވެ. ނަމަވެސް، ސަންޖޭގެ އިންޓަވިއުގައި ބުނެފައިވަނީ ފިލްމު "އިންޝާﷲ" ނުފެށުނު ނަމަވެސް ދެ މީހުންގެ އެކުވެރިކަމަށް އެއްވެސް ބަދަލެއް ނާންނަ ކަމަށާއި ސަލްމާނަކީ އަބަދު ވެސް ސަންޖޭގެ ހާލުއަހުވާލު އޮޅުންފިލުވާ އާއިލާއަށް އަބަދު ވެސް ހެޔޮއެދޭ ވަރަށް ރަނގަޅު ރަހުމަތްތެރިއެއް ކަމަށެވެ.
ސަންޖޭގެ ފިލްމީ ކެރިއަރު ފެށުމަށް ފަހު ޑައިރެކްޓަރެއްގެ ގޮތުގައި އެންމެ ބޮޑު ކާމިޔާބީއެއް ސަންޖޭއަށް ހޯދައިދިން އެކްޓަރަކީ ސަލްމާން ޚާނެވެ. ފިލްމު "ޚާމޯޝީ"ގެ އިތުރުން 1999ވަނަ އަހަރު ސަންޖޭ ޑައިރެކްޓްކުރި ފިލްމު "ހަމް ދިލް ދޭ ޗުކޭ ސަނަމް"އަކީ ވެސް ބޮކްސް އޮފީހުގައި ވަރަށް ބޮޑު ކާމިޔާބީއެއް ހޯދި ރީތި ލޯބީގެ ފިލްމެކެވެ. ސަންޖޭގެ ކެރިއަރުގެ ފުރަތަމަ ވެބް ސީރީޒް "ހީރާމަންޑީ"އަށް ފަހު އޭނާ ދެން އެންމެ އަވަހަށް މަސައްކަތް ފަށާނީ ދާދި ފަހުން އިއުލާނުކުރި ފިލްމު "ލަވް އެންޑް ވޯ"ގެ މަސައްކަތެވެ. މި ފިލްމުގެ ލީޑް ތަރިންނަކީ ވިކީ ކޯޝަލް އަދި އާލިއާ ބަޓްގެ ދެމަފިރިންނެވެ.