13 Jun 2012, 23:00
ބ. އޭދަފުށީގައި ބަޔޮސްފިއާ ރިޒާވް އޮފީހަކާއި ކޮންވެންޒަވޭޝަން ފަންޑެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ހުޅުއްވައިދެއްވައިފި އެވެ.
ބަޔޮސްފިއާ ރިޒާވް އޮފީހަކީ ތިމާވެށީގެ ދިރާސާތައްކޮށް ތިމާވެއްޓާ ބެހޭ ހޭލުންތެރިކަން އިތުރުކުރުމަށް ހުޅުވި އޮފީހެކެވެ.
އެ ފަންޑް އިފްތިތާހު ކުރުމުގެ ރަސަމިއްްޔާތުގައި، ތިމާވެށީގެ ދާއިރާ އިން އެހީދޭ ބައިނަލް އަގުވާމީ އެންމެ ބޮޑު ފަންޑު ކަމަށްވާ ގްލޯބަލް އެންވާރަމެންޓް ފެސިލިޓީ (ޖެފް) އިން މިއަދު ވަނީ 250،000 ޑޮރަލު ހަދިޔާކޮށްފަ އެވެ. އަދި ސަރުކާރުން ވެސް އެފަންޑަށް 50،000 ޑޮލަރު މިއަދު ހަދިޔާ ކުރި އެވެ.
އެކަމަށްޓަކައި މިއަދު އޭދަފުށީ ބަހިއްޔާ ޕްރީސްކޫލްގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ އެ އޮފީހުގެ މަސައްކަތް ހިނގަމުންދާނީ އެންވަޔަރަމަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ބެލުމުގެ ދަށުން ބ. އަތޮޅު ކައުންސިލާއި އެ އަތޮޅު ބަޔޯސްފިއާ އެޑްވައިޒަރީ ބޯޑުގެ ލަފާގެ މަތިން ކަމަށެވެ.
ރައީސް ވިދާޅުވީ ބަޔޯސްފިއާ ގާއިމް ކުރުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އެކަމުގެ ފައިދާ ލިބިގެންދާނެ ކަމަށާއި މިފަދަ މަޝްރޫއުތައް ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ފެށުމަކީ ބޭނުންތެރިކަމެއް ކަމަށެވެ. އަދި އަމިއްލަ ޖަމްއިއްޔާތަކުން އިސްނަގައިގެން ސަރުކާރާއި ބޭރުގެ ފަރާތްތަކާ ގުޅިގެން އެފަދަ މަޝްރޫއުތައް ރާޖޭގެ އެހެނިހެން ސަރަހައްދުތަކުގައި ފެއްޓުމަށް ވެސް ރައީސް އެދިވަޑައިގެންނެވި އެވެ.
އެ ހަފްލާގައި ވާހަކަ ދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ ވިދާޅުވީ އެ މަސައްކަތަކީ 2004 ވަނަ އަހަރުން ފެށިގެން ބ. އަތޮޅު ރައްޔިތުންނާއި ސަރުކާރުގެ އިދާރާތަކާއި އެ އަތޮޅުގެ ޓޫރިސްޓް ރިސޯޓުތައް ގުޅިގެން ކުުރަމުން އައި މަސައްކަތެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް ފަށާފައި ވަނީ ތިމާވެށީގެ ދާއިރާ އިން އެހީދޭ ބައިނަލް އަގުވާމީ އެންމެ ބޮޑު ފަންޑު ކަމަށްވާ ގްލޯބަލް އެންވަޔަރަމެންޓް ފެސިލިޓީ (ޖެފް) އާއި ޔޫއެންޑީޕީގެ ހިލޭ އެހީއާއި އެކު ކަމަށާއި ހިލޭ އެހީގެ ގޮތުގައި ޖެފްގެ ފަރާތުން 2.7 މިލިއަން ޑޮލަރު އަދި ޔޫއެންޑީޕީން 1.3 މިލިއަން ޑޮލަރު އެ މަސައްކަތް ފެށުމަށް ލިބިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެއަތޮޅުގައި ހިންގާ ފަސް ރިސޯޓަކުން ކޮންޒަވޭޝަން ފަންޑަށް އެހީދިނުމަށް އެދި ހުށަހަޅާފައިވާކަމަށް ވެސް ޝަކީލާ ވިދާޅުވި އެވެ.