23 May 2024, 22:55
ކުއްލި ދެ މަރަކަށްފަހު އާ ބާވަތެއްގެ ޑުރަގު ފެތުރެމުން އަންނަކަން ހޯމް މިނިސްޓްރީއާއި ނެޝަނަލް ޑުރަގް އެޖެންސީ (އެންޑީއޭ)ގެ ސަމާލުކަމަށް ގެނެސްދެނީ އެންޑީއޭގައި މިހާރު ވެސް ފަރުވާ ހޯދަމުން އަންނަ ކްލައިންޓުންކަމަށް ހޯމް މިނިސްޓްރީން މިރޭ ބުނެފިއެވެ.
އާންމުވަމުން އަންނަނީ "ފެންޓަނީލް - ލޭސްޑް ޑްރަގްސް" ނުވަތަ އާންމު ނަމުންނަމަ "ޗައިނާ ވައިޓް" ކަމަށްވާ ބާރުގަދަ ކެމިކަލްތަކެއް އެއްކޮށްގެން އުފައްދާފައިވާ ނުރައްކާތެރި އެއްޗެކެވެ.
އެ ކަމުގެ އިތުރު ތަފްސީލް "ސަން"އާ ހިއްސާކުރައްވަމުން ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު ރާޝިދު ވިދާޅުވީ އެ ކަން ހިއްސާކުރީ އެންޑީއޭގެ ފަރުވާ ހޯދަމުން އަންނަ އަދި މި ވަގުތު ވެސް ވަބާގެ ތެރޭ އުޅޭ ބައެއް މީހުން ކަމަށެވެ.
"އިނީޝިއަލީ ހަމަ އަޅުގަނޑުމެން މަގުމަތީ މި ކަން ކުރަމުންދާ ފަރާތްތަކާ އަޅުގަނޑުމެންނާ ގުޅުންހުރި އައުޓްރީޗު ވާކަރުން މަސައްކަތްކޮށް ވާހަކަދެއްކީމާ އެ ފަރާތުން ދިން މައުލޫމާތުގެ އަލީގައި އަޅުގަނޑުމެން ފުރަތަމަ ފިޔަވަޅު މި އެޅީ،" ރާޝިދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި ފަހުން ކުއްލި ދެ މަރެއް ވެސް ފެންމަތިވިއިރު އެ ދެ މަރަކީ މި ޑުރަގާ ގުޅުންހުރި ދެ މަރުކަން އަދި ކަށަވަރު ނުވާކަމަށެވެ.
އެ ކަން ޔަގީންވާނީ ފުލުހުންގެ ފަރާތުން ހަދާ ޕޯސްޓްމޯޓަމް ރިޕޯޓުގެ ނަތީޖާތައް ލިބުމުން ކަމަށް ވިދާޅުވިއެވެ.
އެހެންކަމުން ފުރާނައަށް ނުރައްކާވާ މި އާ ޑުރަގުގެ މައުލޫމާތު ހިއްސާކުރީ، މިފަދަ ހާލަތެއްގައި މަސްތުވާތަކެތިން މީހުން ދުރުކުރަން މަސައްކަތްކުރާ ބައެއްގެ ހައިސިއްޔަތުން، އެ ފަދަ ކަމަކަށް ހުށަހެޅިފައިވާ މީހުން ހޭލުންތެރިކުރުވުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"ދެން ހަމައެއާއެކު އަޅުގަނޑުމެން އެ ކަން ދެނެގަތުމަށް ޓަކައި މި ވަގުތު ކުރެވެން ހުރި މަސައްކަތްތައް ކުރާނަން،" އޭނާ ވިދާޅުވިއެވެ.
ރާޝިދު ވިދާޅުވީ މި ވަގުތު އެންޑީއޭގައި ބައެއް ބާވަތުގެ ޑުރަގަށް ޓެސްޓުކުރުމުގެ ގާބިލުކަން ގާއިމްކުރެވިފައި ނެތް ކަމަށެވެ. އެކި ބާވަތުގެ މަސްތުވާކެތި ދުނިޔޭގެ އެކި ހިސާބުތަކުގައި ދައުރުކުރަމުން އަންނައިރު އެ ތަކެތި ދެނެގަތުމުގެ ގާބިލްކަން ގާއިމްކުރުމަށް އިސްކަން ދީގެން މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.