23 May 2024, 20:56
މިއަދު މުޅިން ސިހުން ގެނުވައިފައިވާ އެއް ޚަބަރަކީ ރ. އުނގޫފާރުގައި ވާރޭވެހި ހެދިފައިވާ ފެންގަނޑެއްގައި ކުޅެން ތިބި ދެ ކުއްޖަކަށް ކަރަންޓު ޖެހި، އެ ކުދިން ސަލާމަތްކުރަން ދިޔަ ކުއްޖާ ވެސް ކަރަންޓުގައި ޖެހުނު ޚަބަރެވެ. އެ ފެންގަނޑު ހެދިފައިވަނީ ކަރަންޓުދީގެން އަލިކުރާ މަގުބައްތިއެއް ކައިރިއެވެ.
ފެންގަނޑުގައި ތިބި ކުދިންނަށް ކަރަންޓު ޖެހުނު އެއް ސަަބަބަކީ އެ ބައްތީގެ ކަރަންޓު ވަޔަރިންގައިވާ މައްސަލައަކުން ނުވަތަ ބިމަށް ދޫވެފައިވާ ނަރެއްގެ ސަބަބުންވީ ކަމަކަށް ވުން ވެސް ގާތެވެ.
ނަމަވެސް މި ހާދިސާއާއެކު މިވަނީ މިފަދަ ދުވަސްވަރެއްގައި ސަމާލުވުން މުހިންމު އިތުރުކަމެއް ފާހަގަވެފައެވެ. ވިއްސާރަވެ، ވާރޭވެހޭ ދުވަސްވަރަކީ ކަރަންޓު އާލަތްތައް ބޭނުންކުރުމުގައި ވެސް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ދުވަސްވަރެކެވެ.
ގުގުރުމާއި، ކަރަންޓު ވަޔަރުތައް ދޫވެފައި ހުރުމުންނާއި ފެންބޮޑުވުމުގެ ސަބަބުން ވެސް ކަރަންޓާ ގުޅުންހުރި ނުރައްކާތައް ދިމާވެއެވެ.
ކަރަންޓުގައި ޖެހިފައި ހުންނަ މީހާގެ ގައިގައި އަތްނުލާ
ބިންމަތީ އޮތް ކަރަންޓު ދީފައިވާ ނަރަކާ ހެދި، މީހަކު ކަރަންޓުގައި ޖެހިފައި ހުއްޓައި ފެނިއްޖެ ނަމަވެސް އޭނާ ސަލާމަތްކުރުމުގެ ނިޔަތުގައި ވެސް އޭނާގެ ގައިގައި އަތްލުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. އެއީ ތިމާ ވެސް ކަރަންޓުގައި ޖެހުމުގެ ފުރުސަތު ވަަރަށް ބޮޑަށް އިތުރުވާ ކަމަކަށް ވާތީއެވެ.
އެ ފަދަ ހާލަތުގައި ވަގުތުން ކަމާބެހޭ އިދާރާތަކަށް އަންގައި ކަރަންޓު ކަނޑައިލުން މުހިންމެވެ.
ކަރަންޓު ނަރުތަކަށް ސަމާލުވޭ
އިންސިއުލޭޓުނުކުރާ ކަރަންޓު ނަރެއް ދޫވެފައި އޮތް ތަން ފެނިއްޖެނަމަ އެންމެ ރައްކާތެރި ގޮތަކީ އެ ނަރަކާ 10 ފޫޓަށްވުރެ ދުރުން ދިއުމެވެ. ސަބަބަކީ އިންސާނާގެ ހަށިގަނޑަކީ ވެސް ކަރަންޓުގެ ކޮންޑަކްޓަރަކަށް ވާތީއެވެ.
މީގެ އިތުރުން ކަރަންޓު ބޭނުންކުރާ އެއްޗެއް ކައިރީގައި ހުރިނަމަ، ނުވަތަ އަޑީގައި ކަރަންޓުނަރު ވަޅުލައިފައި ހުރިނަމަ ފެންހެދިފައި ހުންނަ ފެންގަނޑުގަނޑަށް އެރުމަކީ ވެސް ރައްކާތެރިކަމެއް ނޫނެވެ.

ކަރަންޓު ބޯޑެއްގައި އަތްލަނީ --
ކަރަންޓު އާލާތެއް ތެމިއްޖެނަމަ އަލުން ބޭނުންކުރެވޭނެތަ؟
ކަރަންޓު އާލާތެއް ތެމިއްޖެނަމަ އަލުން ބޭނުންކުރަން ފެށުމުގެ ކުރިން އެންމެ ބުއްދިވެރި ގޮތަކީ ކަރަންޓާ ގުޅުންހުރި ކަންކަން އެނގޭ މީހަކަށް އެ އެއްޗެއް ދައްކައި އަލުން ބޭނުންކުރުން ރައްކާތެރިތޯ ބެލުމެވެ.
ފެން ޖެހިފައި ހުންނަ އާލާތްތައް ކަރަންޓަށް ޖަހައިގެން އަލުން ބޭނުންކުރުމަކީ ނުރައްކާތެރިކަން ބޮޑު ކަމެކެވެ.
ގުގުރާ ވަގުތު ސަމާލުވުން މުހިންމު
ގަދަޔަށް ގުގުރައި، ހޮނު އަޅައި ވަގުތުތަކުގައި ވެސް ސަމާލުވުން މުހިންމެވެ. އެގޮތުން ކަރަންޓު ކޮންޑަކްޓުކުރާ ފަދަ ދަގަނޑުގެ ބާވަތްތަކުގައި އެ ފަދަ ގަޑިއެއްގައި އަތް ނުލާން ސަމާލުވާން ވާނެއެވެ. މިސާލަކަށް، ދަގަނޑު ފެންސް ފަދަ ތަކެތި ހިމެނެއެވެ.
މީގެ އިތުރުން ގަސްގަހުގެ ދަށުގައި ތިބުމަކީ ވެސް ނުރައްކާތެރި ކަމެކެވެ. ސަބަބަކީ އެއއީ ހޮނުއެޅުން ގާތް އެއްޗަކަށް ވުމެވެ.
ހަމައެއާއެކު ހާމައަށް އޮންނަ އުސް ތަނެއްގައި ހުރި ނަމަ، ވަގުތުން ތިރީ ތަނަކަށް ދިއުން މުހިންމެވެ. ހޮނު އަޅާނީ އެންމެ އުސްކޮށް ހުންނަ އެއްޗަކަށެވެ.
މިއީ ވިއްސާރަ ދުވަަސްވަރެއްގައި ކަރަންޓާ ގުޅޭގޮތުން ސަމާލުވުން މުހިންމު ބައެއް ކަންކަމެވެ. ކަރަންޓާމެދު ސަމާލުވެ، ރައްކާތެރިވާނަމަ ހިތާމަވެރި ހާދިސާތައް ހިނގުން ވެސް މަދުވާނެއެވެ.
މައުލޫމާތު:ރަދެފޯޑް އިލެކްޓްރިކް މެމްބަޝިޕް ކޯޕަރޭޝަން