13 Jun 2012, 22:44
ރާއްޖޭގެ އިގްތިސޯދު މިހާރު އޮތީ ވަރަށް ދަތިގޮތަކަށް ކަމަށާއި ރާއްޖެ އަށް ލިބޭ އާމްދަނީއަކުން އަޅުގަނޑުމެން ކުރަން ޖެހޭ ޚަރަދުތައް ނުކުރެވޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
އޭދަފުށީ ރައްޔިތުންނާ ބައްދަލު ކުރައްވައި މިއަދު މެންދުރު ރައީސް ވިދާޅުވީ މުވައްޒަފުންގެ މުސާރަތައް ބަރާބަރަށް ދެމުން ގެންދިޔަ ނަމަވެސް އެކަން ކުރަނީ ވަރަށް ދަތިކޮށް ކަމަށާއި އެކަން ހައްލު ކުރުމަށްޓަކައި ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށެވެ.
\\\\\\\"އަޅުގަނޑުމެން ކުރަން ޖެހޭ ޚަރަދުތައް ފޫބެއްދޭ ވަރެއް ނުވޭ. ކޮންމެ މަހަކު އަޅުގަނޑުމެން ކުރަން ޖެހޭ ޚަރަދުތައް ކުރުމަށް ރައްޔިތުންނަށް މުސާރަތައް ދިނުމާއި އިނާޔަތް ދިނުމާއި މި ހުރިހާ ކަމެއްވެސް ކޮންމެ މަހަކު ވެސް ކުރަމުން މިގެންދަނީ ވަރަށް ދަތިކޮށް. އެކަމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން މިގެންދަނީ،\\\\\\\" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދައުލަތުގެ ޚަރަދުތައް ކުޑަކޮށް ދައުލަތަށް އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކެއް މިހާރު ބަލަމުން އަންނަކަމަށެވެ. އަދި ވަރަށް އަވަހަށް އާމްދަނީއާ ބެހޭ ހުށަހެޅުންތަކެއް ސަރުކާރުން މަޖިލީހަށް ހުށަހަޅާނެ ކަމަށް ވެސް ރައީސް ވަހީދު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކަސްޓަމްސް ޑިއުޓީ ކަނޑާލުމާއި ރިސޯޓުތަކުން ބެޑް ޓެކްސްގެ ބަދަލުގައި ބިމު ކުލި ނެގުމަށް ނިންމުމުން އޭގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ފައިދާ ނުވާކަމަށެވެ. އަދި ކުރިން ހުއްޓާލާފައުވާ ބައެއް ކަންތަތައް އަލުން އިޔާދަކުރަންޖެހިދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
\\\\\\\"މީގެ ކުރިން ބިމުން ކުލި ނަގާ ގޮތަށް ހަމަޖެއްސީ. އޭގެ ސަބަބުން ރިސޯޓްތަކުން ދައުލަތަށް ލިބޭ އާމްދަނީ ދިޔައީ މަދުވެގެން. މިހާރު މިއޮތީ ކުރިން އަޅުގަނޑުމެން ކަސްޓަމްސް ޑިއުޓީ ނަގަމުންއައި އެތައް މުދަލަކުން ޑިއުޓީ ކަނޑާލާފައި. އެ ކަނޑާލާފައި އަޅުގަނޑުމެން ތައާރަފްކުރީ ޖީއެސްޓީ. ނަމަވެސް މި ގެނައި ބަދަލަކުންނެއް އަޅުގަނޑުމެންނަށް ހެޔޮ އަސަރެއް ނުކުރި ދައުލަތުގެ ބަޖެޓަކަށް. އޭގެ ބަދަލުގައި ރައްޔިތުންނަށް ވަރަށް ބޮޑު ތަކުލީފެއް ކުރިމަތިވީ،\\\\\\\" ރައީސް ވިދާޅުވި އެވެ.
ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ކުރެވޭ އާސަންދަ ޚިދުމަތާ ބެހޭ ގޮތުން ރައީސް ވިދާޅުވީ އެ ނިޒާމުގައި ވެސް ބޮޑެތި މައްސަލަތަކެއް އެބަހުރި ކަމަށެވެ. އެގޮތުން އާސަންދައިގެ ބަޖެޓަށް ކަނޑައެޅިފައިވާ އަދަދުގެ ތިން ބައިކުޅަ އެއްބައި މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ހަރަދުވެފައިވާއިރު ބައެއް ތަންތަނުން އާދަޔާ ހިލާފަށް ގިނަ އަދަދަކަށް އާސަންދައަށް ފައިސާ ނަގަމުން ގޮސްފައިވާ ކަން ފާހަގަ ކުރެވިފައިވާކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އާސަންދައިގެ ދަށުން ކޮންމެ ދިވެހި ރައްޔިތަކަށް 100،000ރ. ގެ ބޭސް ފަރުވާ ކުރެވޭގޮތަށް ހަމަޖެހިފައި އޮތަސް އެކަމުގައި ކޮންމެވެސް ކަހަލަ ކޮންޓްރޯލެއް ގެންގުޅެންޖެހޭނެ ކަމަށެވެ.
\\\\\\\"މިސާލަކަށް ކުއްލިއަކަށް ގިނަ ކަންތައްތަކަކަށް އާސަންދަ ބޭނުންކުރުމުގެ ސަބަބުން އެންމެ ބޮޑު ކަމެއްޖެހޭ ދުވަހަކުން އެ ފައިސާ ހުސްވެފައި ހުރުމަކުންނެއް އެއަކުން މާބޮޑު ފައިދާއެއް ނުކުރާނެ،\\\\\\\" ރައީސް ވިދާޅުވި އެވެ.