23 May 2024, 17:43
ރައްޔިތުންގެ މަޖިލީހަށް އަމިއްލަ ގޮތުން ވާދަކުރައްވައިގެން ކާމިޔާބުކުރެއްވި ތިނަދޫ ދެކުނު ދާއިރާގެ އިންތިޚާބީ މެމްބަރު މުޙައްމަދު އަލްސަން ވެރިކަން ކުރާ ޕީއެންސީއާ މިއަދު ގުޅިވަޑައިގެންފިއެވެ.
ޕާޓީއާ ގުޅިވަޑައިގެން އަލްސަން ފޯމު ހަވާލުކުރައްވައިފައިވަނީ ޕާޓީގެ ރައީސް، ރައީސް ޑރ. މުޙައްމަދު މުއިއްޒަށެވެ. ޕީއެންސީއާ ގުޅިވަޑައިގަތުމުގެ ކުރިން ވެސް އޭނާވަނީ މުލިއާގޭގައި ރައީސާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފައެވެ.
އޭނާ ޕާޓީއާ ގުޅިވަޑައިގަތުމަށް، ރައީސްގެ ރަސްމީ ގެކޮޅު، މުލީއާގޭގައި ކުރިއަށްދިޔަ އެ ބައްދަލުވުމުގައި ޕީއެންސީގެ އިސް މެމްބަރުންވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އަލްސަން --
އޭގެ ތެރޭގައި އަލަށް އެކުލަވައިލާނެ ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އިނގުރައިދޫ ދާއިރާގެ އިންތިޚާބީ މެމްބަރު އިބްރާހިމް ފަލާހާއި، މަޖިލީހުގެ ރައީސްކަމަށް ނަން ހުށަހަޅަން މެމްބަރުން ނިންމައިފައިވާ ފޮނަދޫ ދާއިރާގެ އިންތިޚާބީ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި ނައިބު ރައީސްކަމަށް ހުށަހަޅަން ނިންމައިފައިވާ ދިއްގަރު ދާއިރާގެ އިންތިހާބީ މެމްބަރު އަހުމަދު ނާޒިމް ހިމެނިވަޑައިގަންނަވައެވެ.
އަލްސަން އިންތިޚާބު ކާމިޔާބުކުރެއްވީ ވާދަކުރެއްވި އިތުރު ހަތަރު ކެންޑިޑޭޓުން ބަލި ކުރެއްވުމަށްފަހުގައެވެ.
އޭގެ ތެރޭގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި އަބްދުالله ޝަރީފާއި އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި ޒިފްލީން ހަސަން ހިމެނެއެވެ. ހަމައެއާއެކު އަމިއްލަ ގޮތުން ވާދަކުރެއްވި ސައުދަތު ޝާކިރާއި އަމިއްލަ ގޮތުން ވާދަކުރެއްވި ގދ. އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު ހިމެނެއެވެ.
އަލްސަންއަކީ މިފަަހަރު މަޖިލީހަށް އިންތިޚާބުވެވަޑައިގެންނެވި އެންމެ ޒުވާން އެއް މެމްބަރެވެ.