މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، މިއަދު ހެނދުނު މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ހއ. އަތޮޅުން ވ.އަތޮޅަށް ނެރުނު އޮރެންޖު ސަމާލުގެ ވަގުތު އިތުރުކޮށްފިއެވެ.

މި ދުވަސްވަރު މުޅި ރާއްޖެއަށް ވިއްސާރަ ކުރަމުންދާއިރު، މިދިޔަ ދެ ދުވަހު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވަނީ އޮރެންޖު ސަމާލުނެރެފައެވެ.

މިއަދު ހެނދުނު 11:15 ހަވީރު 3:15ގެ ނިޔަލަށް އެ ސަރަހައްދަށް ނެރުނު އޮރެންޖު ސަމާލުގެ ވަގުތު އިދާރާއިން ވަނީ މިރޭ 19:15 ގެ ނިޔަލަށް އިތުރުކޮށްފައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ، އެ ހިސާބަށް ގަދަ ވަޔާއެކު، ބޯކޮށް ވާރެ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި، ގަޑިއަކު 34 މޭލާއި 40 މޭލާއި ދެމެދުގެ ބާރު މިނެއްގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި 60 މޭލަށް ވައި ގަދަ ވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

މީގެއިތުރުން، ހއ. އިން ވ. އަތޮޅުގެ ނިޔަލަށް ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓުން ބުނެއެވެ.

ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރެއަށް ނަގާ ރާޅުގެ އުސްމިނުގައި އަށް ފޫޓާއި 10 ފޫޓު އަދި ދެކުނުގެ ހިސާބުތަކަށް ނަގާ ރާޅުގެ އުސްމިނުގައި ހަތަރު ފޫޓު ހުންނާނެ ކަމަށް މެޓު އޮފީހުން ވަނީ ލަފާކޮށްފައެވެ.

މި ދުވަސްވަރު ހުޅަނގު މޫސުމުގެ ވިއްސާރަކުރާއިރު، ފުލުހުން އިއްޔެ ވަނީ ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރާން އިލްތިމާސްކޮށްފައެވެ. އަދި، ފަޅުރަށްރަށަށް ދަތުރުދިއުމާއި މޫދަށް އެރުން ފަދަ ކަންކަން ނުކުރާން ވެސް ފުލުހުން ވަނީ އަންގައިފައެވެ.