ޗައިނާގެ ޝީޒާން އޮޓޮނަމަސް ރީޖަންގެ ރައްޔިތުންގެ ފަރާތުން 1،500 ޓަނުގެ މިނަރަލް ފެން ހަދިޔާއެއްގެ ގޮތުގައި ރާއްޖޭގެ ސަރުކާރާ މިއަދު ހަވާލުކޮށްފިއެވެ.

މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ހަދިޔާ ހަވާލުކޮށްދެއްވީ ޗައިނާ ސަފީރު ވަންގް ލިޒިންއެވެ. އެ ހަދިޔާއާ ހަވާލުވެވަޑައިގަތީ ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޗައިނާއިން ހަދިޔާކުރި ބޯ ފެނަކީ، އާންމު ފަރާތްތަކަށް ބޯފެނުގެ ދަތިކަން ދިމާވާ ވަގުތުތަކުގައި ބެހުމަށް ހަދިޔާކޮށްފައިވާ ހަދިޔާއެއް ކަމަށެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޒަމީރު ވަނީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގާތް ގުޅުމަށް އަލިއަޅުވާލައްވައި، ޗައިނާއަކީ ރާއްޖޭގެ ރަނގަޅު ރަހުމަތްތެރިއެއްގެ ގޮތުގައި ފާހަގަކުރައްވައިފައެވެ.

ޗައިނާގެ ޝީޒާން އޮޓޭނަމަސް ރީޖަންގެ ރައްޔިތުންގެ ފަރާތުން ހަދިޔާކުރި 1500 ޓަނުގެ މިނަރަލް ވޯޓާ ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ ފޮރިން މިނިސްޓްރީ

ޚާއްސަގޮތެއްގައި ރާއްޖެއަށް ދިމާވާ ގޮންޖެހުންތަކާއި މުސީބާތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި ޗައިނާއިން ދެމި އޮތްކަމަށް ޒަމީރު ވިދާޅުވިއެވެ.

މިނިސްޓަރު ޒަމީރު ވަނީ ޝީޒާން އޮޓޭނަމަސް ރީޖަންގެ ރައްޔިތުންނަށާއި ޗައިނާ ސަރުކާރަށް ރާއްޖޭގެ ސަރުކާރާއި ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކުރައްވާފައެވެ.

ޗައިނާއިން ހަދިޔާ ކުރި މި ބޯފެނަކީ، ގްލޭސިއަލް ނުވަތަ ފިނި ގަދަ ސަރަހައްދުތަކުގެ ގަނޑުފެނުން އުފައްދާ ފެނެވެ.

މިގޮތަށް އުފައްދާ ފެނަކީ ސާފުކަން ބޮޑުވެފައި މިނެރަލުން މުއްސަނދި ފެނެކެވެ.

ފޮރިން މިނިސްޓްރީން މީގެ ކުރިން ބުނީ، މިއަދު ހަވާލުކުރި ބޯފެން ހަދިޔާ ކުރަން ނިންމާފައިވަނީ ޗައިނާގެ ޝީޒަންގް އޮޓޮނޮމަސް ރީޖަންގެ ޗެއާމާން މިދިޔަ ނޮވެމްބަރު މަހު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ކަމަށެވެ.