ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ބ. ދަރަވަންދޫ އާއި އޭދަފުށްޓަށް ކުރެއްވި ދަތުރުފުޅަށް ހުރަސް އަޅައި ފުލުހުންނަށް ހަމަލަދިން ކަމުގެ ތުހުމަތަށް ފަސް މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ރައީސް މިއަދު ދަރަވަންދު އަށް ވަޑައިގެންނެވި ވަގުތު ރަށުގެ މަސްލަހަތު ނަގާލަން މަސައްކަތް ކުރި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ތިން ވަނަ މީހާ ހައްޔަރު ކުރީ ފުލުހަކަށް ހަމަލަދޭން މަސައްކަތް ކޮށްގެން ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ދަރަވަންދޫ ކައުންސިލުން ބުނީ ރައީސް އެ ރަށަށް ވަޑައިގެންނެވި ވަގުތު ހަމަނުޖެހުން ހިންގީ އެމްޑީޕީ އަށް ނިސްބަތްވާ ބައެއް ކަމަށެވެ. އަދި ވެރިކަން ބަދަލުވި ދުވަހުން ފެށިގެން އެމީހުން ދަނީ ރަށުތެރޭގައި ބާރަށް ލަވަޖަހާ އަޑުގަދަ ކުރަމުން ކަމަށް ވެސް ކައުންސިލުން ބުނެ އެވެ.

ފުލުހުން ބުނީ ރައީސް މިއަދު އޭދަފުށްޓަށް ވަޑައިގެންނެވި ވަގުތު ވެސް ހަމަނުޖެހުން ހިންގަން މަސައްކަތް ކުރި ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ރައީސް އަތޮޅުތަކަށް ކުރައްވާ ދަތުރުތަކާ ގުޅިގެން ބައެއް ރަށްރަށުގައި ހަމަނުޖެހުން ހިންގާ މަސްލަހަތު ނަގާލަން ބައެއް ފަރާތްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ހއ. އަށް ރައީސް ކުރެއްވި ދަތުރާ ގުޅިގެން ވެސް އެއަތޮޅުގެ ބައެއް ރަށްރަށުން ވަނީ މީހުން ހައްޔަރުކޮށްފަ އެވެ.