ލެވަކޫސެން ބަލިކޮށް ޔޫރޮޕާ ލީގުގެ ތަށި އެޓްލާންޓާއިން އުފުލާލައިފިއެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން އެޓްލާންޓާއިން ހޯދާފައިވަނީ ޑަބްލިންގެ އަވީވާ ސްޓޭޑިއަމްގައި ރޭ ކުޅުނު ފައިނަލްގައި ތިން ލަނޑު ސުން ލަނޑުން ލެވަކޫސެން ބަލިކޮށްގެންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ލެވަކޫސެންއިން ބޯޅަ ގެންގުޅެފައިވާއިރު ހަމަލާ އުފެއްދިފައިވަނީ ދެ ޓީމަށް ވެސް ހަމަހަމަކޮށެވެ.

މި ސީޒަންގައި ލެވަކޫސެންގެ ފަރާތުން ފެނިފައިވާ މޮޅު ކުޅުމުގެ ސަބަބުން އެޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދާނެކަމަށް ބެލެވިގެންދިޔަ ނަމަވެސް އެޓްލާންޓާއިން ފެނިގެންދިޔައީ ލެވަކޫސެންގެ ހަމަލާތަކަށް ފުރިހަމައަށް ތައްޔާރުވެފައިވިތަނެވެ. އަދި މި މެޗު އެޓްލާންޓާއިން ފެށީ ވަރަށް ފޯރީގައެވެ. އަދި ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 12 ވަނަ މިނެޓުގައި ލަނޑެއް ޖަހާ މެޗުގެ ލީޑު ނެގުމެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަޑެމޯލާ ލޫކްމަންއެވެ.

މެޗުގައި ލެވަކޫސެންގެ ޑިފެންސަށް ލޫކްމަން ހިފެހެއްޓުން ވެގެންދިޔައީ އުނދަގޫ ކަމަކަށެވެ. މި ގޮތުން މެޗުގެ 26 ވަނަ މިނެޓުގައި ލޫކްމަންވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ލީޑު ފުޅާކޮށްދީފައެވެ. ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ މި ނަތީޖާގައި އޮވެގެންނެވެ. މި މެޗުގެ ދެވަނަ ހާފުގައި ލެވަކޫސެންގެ ކުޅުން ރަނގަޅުކޮށް މި މެޗުން ނަތީޖާއެއް ނެރުމަށް މަސައްކަތް ކުރި ނަމަވެސް އެޓްލާންޓާގެ ޑިފެންސް ފޫ އަޅުވާލެވޭގޮތެއް ނުވިއެވެ. އަދި މިއާއެކު ދެން ފެނިގެންދިޔައީ މެޗުގެ 75 ވަނަ މިނެޓުގައި ލޫކްމަން އޭނާ މިމެޗުގައި ޖެހި ތިންވަނަ ލަނޑާއެކު ހެޓްރިކް ފުރިހަމަ ކުރި ތަނެވެ.

މިއާއެކު ލޫކްމަން ވެގެންދިޔައީ ޔޫރަޕްގެ މުބާރާތެއްގެ ފައިނަލްގައި ހެޓްރިކް ހެދި ހަ ވަނަ ކުޅުންތެރިޔާ އަށެވެ. އެންމެ ފަހުން މިގޮތަށް ޔޫރަޕްގެ މުބާރާތެއްގެ ފައިނަލްގައި ހެޓްރިކެއް ހަދާފައިވަނީ 1975 ވަނަ އަހަރުގެ ޔުއޭފާ ކަޕްގެ ފައިނަލްގައި ބޮރޫޝިއާ މޮންޗެންގްލަޑްބެކްގެ ޔަޕް ހޭންކޭސްއެވެ.

މިސީޒަންގައި ލެވަކޫސެންގެ ފަރާތުން މެޗަކުން ބަލިނުވެ ދައްކަމުންދާ މޮޅު ކުޅުމުގެ ސަބަބުން މި މެޗުގައިވެސް އެ ޓީމުގެ ފަރާތުން އެންމެ ފަހު ވަގުތު މޮޅު ކުޅުމެއް ފެނިގެން ހިނގައިދާނެކަމަށް ހީވި ނަމަވެސް ޔޫރަޕްގެ މުބާރާތެއްގެ ފައިނަލްގައި ކުޅުމުގެ ޕްރެޝަރު އެ ޓީމަށް ވެސް އިހްސާސް ކުރެވިގެންދިޔަކަން މި މެޗުގައި ފާހަގަ ވެގެންދިޔައެވެ. އަދި މިއާއެކު މި މެޗު ވެގެންދިޔައީ 51 މެޗަށް ފަހު ލެވަކޫސެން ބަލިވި ފުރަތަމަ މެޗަށެވެ.

މި ކާމިޔާބީއާއެކު އަޓްލާންޓާއިން މި ވަނީ އެކްލަބްގެ ތާރީހްގައި ފުރަތަމަ ފަހަރަށް ޔޫރަޕްގެ މުބާރާތެއް ކާމިޔާބު ކޮށްފައެވެ. އަދި މިއީ އެ ކްލަބްގެ ތާރީހުގައިވެސް ކާމިޔާބު ކުރެވުނު ދެވަނަ ތައްޓެވެ. މީގެކުރިން އެޓްލާންޓާއަށް ކާމިޔާބު ކުރެވިފައިވާ ހަމައެކަނި ތައްޓަކީ 1963 ވަނަ އަހަރު ކާމިޔާބު ކުރެވިފައިވާ ކޮޕާ އިޓާލިއާ މުބާރާތެވެ. އަދި ހަމައެއާއެކު އެޓްލާންޓާއަށް މިވަނީ މި އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ޖާގައެއްވެސް ކަށަވަރު ވެގެން ގޮސްފައެވެ.

ލެވަކޫސެންއަށް މިއީ މި ސީޒަންގައި ކުރިމަތިލާންޖެހުނު ފުރަތަމަ ނާކާމިޔާބީއަށްވީ ނަމަވެސް އެ ޓީމަށް ވަނީ ސީޒަން އިތުރު ތައްޓަކާ އެކު ނިންމާލުމަށް އިތުރު ފުރުސަތެއް ލިބިފައެވެ. އެއީ މީގެ ތިން ދުވަސް ފަހުން ޖާމަން ކަޕްގެ ފައިނަލްގައި ކައިސާސްލާޓެން އާ ބައްދަލުކުރާ މެޗުގައެވެ. އެ ފައިނަލް ކާމިިޔާބު ކުރެވިއްޖެނަމަ ލެވަކޫސެންއަށް ލީގު ޑަބަލް އެއް ހެދޭނެއެވެ. އެއީ މި ސީޒަންގައި ޖަރުމަނު ބުންޑެސްލީގާ ވެސް ކާމިޔާބު ކޮށްފައިވަނީ ލެވަކޫސެން ކަމަށް ވާތީއެވެ.