ކަންނެލި ދޯންޏެއްގެ ތެރެއިން ފަސް މީހަކު މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ އެއްޗެހިތަކަކާ އެކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ ދެ ޕެކެޓާ އެކު އިއްޔެ ހައްޔަރު ކުރީ ތ. ތިމަރަފުށީ ބައެއް ކަމަށެވެ. އޭގެ ތެރޭ ހިމެނެނީ 43 އަހަރުގެ މީހަކާއި 32 އަހަރުގެ މީހަކާއި 19 އަހަރުގެ މީހެއްގެ އިތުރުން 29 އަހަރުގެ ދެ މީހެކެވެ.

އަދި އެ މީހުން ހައްޔަރުކޮށްފައި ވަނީ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ކަންނެއްޔަށްދާ ދޯނި ބަލައި ފާސްކުރުމުން އެ ދޯނި ތެރެއިން ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން ބުނީ ކަންނެލި ދޯނިތެރެއިން މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ބޭނުން ކުރަން ގެންގުޅޭ ބައެއް ސާމާނު ފެނުމާގުޅިގެން ފަސް މީހުންގެ ކުޑަކަމުދާތަކެތި ޓެސްޓް ކުރިއިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި ކަމަށެވެ.

އެ މައްސަލައިގެ އިތުރުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއްއަޅާފައި ހުރި ޕެކެޓްތަކަކާއި ތޫނު ހަތިޔާރާ އެކު ދެ މީހަކު އދ. މަހިބަދޫން ވެސް ވަނީ ހައްޔަރުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން 26 އަހަރު މީހަކާއި 31 އަހަރުގެ މީހެއް ހައްޔަރުކުރީ މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގަ އެވެ. އަދި މިދިޔަ އަންގާރަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި އެ ދެ މީހުން ހައްޔަރުކުރީ އެ މީހުން ދިރިއުޅޭގޭގެ ކޮޓަރި ތެރޭ މަސްތުވާތަކެތި ބަންދުކުރަމުން ދަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.

އެއްގެއެއްގައި ދިރިއުޅޭ އެ ދެ މީހުން ދިރިއުޅޭގޭގެ ކޮޓަރި ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި ޖޫސްބޯ 23 ހޮޅިކޮޅާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި ބުލެޓް ސައިޒް ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މީގެއިތުރުން ވެސް މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ ޒާތުގެ ބައެއް އާލާތްތަކާއި ތޫނު ހަތިޔާރުގެ ގޮތުގައި ބެލެވޭ ވަޅިއާއި ކަޓަރު ފަދަ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.