މުޅި ރާއްޖެއަށް މޫސުން ގޯސް ކަމަށާއި ރާއްޖޭގެ އުތުރާށާއި މެދުރާއްޖެތެރެއަށް ނަގާ ރާޅުގެ އުސްމިނުގައި އަށް ފޫޓާއި 10 ފޫޓު ހުންނާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) މިއަދު ލަފާކޮށްފިއެވެ.

މިހާރު މުޅި ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ފާއިތުވި ދެ ދުވަހު ވެސް އޮރެންޖު ސަމާލު ނެރެފައިވެއެވެ.

މެޓް އޮފީހުން މިއަދު ވެސް ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް އޮރެންޖު ސަމާލު ނެރެފައެވެ. އެގޮތުން، 3:15 އާ ހަމައަށް ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް އޮރެންޖު ސަމާލު ވަނީ ނެރެފައެވެ. އެ އިދާރާއިން ބުނީ، ވިލާގަނޑުގައި ގަޑިއަކު 60 މޭލާ ހަމައަށް ވައިދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރެއަށް ނަގާ ރާޅުގެ އުސްމިނުގައި އަށް ފޫޓާއި 10 ފޫޓު އަދި ދެކުނުގެ ހިސާބުތަކަށް ނަގާ ރާޅުގެ އުސްމިނުގައި ހަތަރު ފޫޓު ހުންނާނެ ކަމަށް މެޓު އޮފީހުން ވަނީ ލަފާކޮށްފައެވެ.

"ސަން"އަށް މައުލޫމާތު ދެމުން މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށާއި އުތުރަށާއި މެދުރާއްޖެތެއަށް މޫސުން ވަރަށް ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމުގައެވެ.

އުތުރާއި މެދުރާއްޖެތެރެއަށް މެޓް އޮފީހުން އަންނަނީ އިއްޔެއިން ފެށިގެން އޮރެންޖު އިންޒާރު ނެރެމުންނެވެ. ތިންވަނަ ދަރަޖައިގެ ސަމާލު މި ސަރަހައްދަށް ނެރެފައިވާއިރު މެޓް އޮފީހުން ބުނީ، މި ސަރަހައްދަށް ގަޑިއަކު 20 މޭލާއި 30 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި، ވިލާގަނޑަކު 60 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭއިރު މެޓް އޮފީހުން ބުނީ ކަނޑުތައް ވެސް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމުގައެވެ.

މޫސުން ---- ފޮޓޯ: ފުލުހުން

ހުޅަނގު މޫސުމުގެ ވިއްސާރަކުރާއިރު ފުލުހުން އިއްޔެ ވަނީ ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރާން އިލްތިމާސްކޮށްފައެވެ. އަދި، ފަޅުރަށްރަށަށް ދަތުރުދިއުމާއި މޫދަށް އެރުން ފަދަ ކަންކަން ނުކުރާން ވެސް ފުލުހުން ވަނީ އަންގައިފައެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގައި މިދިޔަ ދެ ހަފުތާ ތެރޭގައި އެކަނި ވެސް ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި 12 ހާދިސާއެއް ހިނގާފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ބުނެފައެވެ. އެންމެ ގިނައިން ހިނގާފައިވަނީ ގޭގޭގެ ފުރާޅު އެއްލައިލުމުގެ ހާދިސާއެވެ.