13 Jun 2012, 17:26
ރައީސް ނަޝިދުގެ ސަރުކާރުގައި ވަޒީރުކަން ކުރެއްވެވި އަމީން ފައިސަލާއި މުހައްމަދު އަސްލަމް ނެރުއްވި ރިޕޯޓަށް މައުލޫމާތު ދެއްވި ކަމަށް ބުނެ، ޗީފް ސުޕްރިންޓެރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ހަމީދު ހައްޔަރުކޮށްފައިވާ ކަމަށް ބުނެ، މީޑިއާތަކުން ފަތުރަމުންދާ ވާހަކަތައް ފުލުހުން ދޮގުކޮށްފި އެވެ.
ފުލުހުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓުގެ ހެޑްގެ ގޮތުގައި ކުރިން މަސައްކަތްކޮށްފައިވާ ހަމީދު ހައްޔަރުކޮށްފައިވާ ކަމަށް ބުނެ، ރާއްޖެ ޓީވީން ހަބަރު ފަތުރާފައިވާ ކަމަށެވެ. އަދި އެފަދަ ހަބަރުތައް ފަތުރަނީ ރައްޔިތުންގެ ތެރޭގައި ކަންބޮޑުވުން އުފައްދައި ވަކި މަގްސަދެއް ހާސިލް ކުރުމަށް ވުމާ އެކު އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ފުލުހުންގެ ބަޔާނުގައިވެ އެވެ.
ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ފުލުހުން ބަލަމުންދާ މައްސަލަތަކާ ގުޅިގެން ހައްޔަރު ކުރަން ޖެހޭ ފަރާތަކީ ފުލުހެއް ކަމުގައިވީ ނަމަވެސް ފުލުހަކު ހައްޔަރުކޮށް ބަންދުގައި ބަހައްޓައިގެން ތަހުގީގު ފުރިހަމަ ކުރަންޖެހިއްޖެ ނަމަ އެކަން ވެސް ކުރާނެ ކަމަށެވެ.
\\\"މޯލްޑިވްސް ޕޮލިސް ސަވިސް އިން ބަލަމުންދާ މައްސަލަތަކާއި ގުޅިގެން ހައްޔަރު ކުރަން ޖެހޭ ފަރާތަކީ ފުލުހެއް ކަމުގައިވީ ނަމަވެސް ޤާނޫނީ އިމުގެ ތެރެއިން އެފުލުހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ފުރިހަމަ ކުރަންޖެހިއްޖެ ނަމަ އެކަންވެސް ކުރާނެކަމުގައި ދަންނަވަމެވެ،\\\" ފުލުހުން ނެރުނު ބަޔާނުގައިވެ އެވެ.
މީޑިއާގައި ހަބަރު ފެތުރުމުގައި އިތުރަށް ސަލާމުކަން ދިނުމަށް އިލްތިމާސް ކުރަމުން ފުލުހުންގެ ބަޔާނުގައި ބުނެފައި ވަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުންކޮށް ރައްޔިތުންނަށް ކަމުގެ އަސްލު އޮޅޭ ގޮތަށް މައުލޫމާތު ނުފެތުރުމަށާއި އެފަދަ މައުލޫމާތުތައް އާއްމު ކުރުމުގެ ކުރިން ފުލުހުންގެ މުއައްސަސާއާ ގުޅައި އެފަދަ މަޢުލޫމާތުތައް ކަށަވަރު ކުރުމަށް އެދޭ ކަމަށެވެ. ޚަބަރު ފަތުރާ ބައެއް ވަސީލަތްތައް މެދުވެރިކޮށް ފަތުރަމުންދާ ހަގީގަތާއި ޚިލާފު ދޮގު ވާހަކަތަކުގެ ސަބަބުން ފުލުހުންގެ ދައުރު އަދާކުރުމަށް ބޮޑެތި ހުރަސްތަކެއް އެޅެމުންދާތީ އެފަދަ ކަންކަން ނުކުރުމަށް ފުލުހުންގެ ބަޔާނުގައި އިލްތިމާސްކޮށްފައިވެ އެވެ.